Roadha Mihaaru
ވޯޓުގެ ކޮންމެ މަރުހަލާއެއް ބަލައި ފާރަވެރިވާނަން: އީޔޫ

ވޯޓުގެ ކޮންމެ މަރުހަލާއެއް ބަލައި ފާރަވެރިވާނަން: އީޔޫ

09 ސެޕްޓެމްބަރ 2023

މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ކޮންމެ މަރުހަލާއެއް ވަކިން ބަލައި ފާރަވެރިވާނެ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އޮބްޒާވަރުން ބުނެފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ކޮންމެ މަރުހަލާއެއް ވަކިން ބަލައި ފާރަވެރިވާނެ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އޮބްޒާވަރުން ބުނެފި އެވެ.

އެ ލިސްޓުގައި ފާހަގަ ޖަހަންޖެހޭ 50 އަށް ވުރެ ގިނަ ގޮޅި އޮތް އިރު، ވޯޓުގެ ކޮންމެ މަރުހަލާއަކަށް ވަކި ޗެކް ލިސްޓެއް އޮންނާނެ ކަމަށް އީޔޫ އިލެކްޝަންސް އޮބްޒަވޭޝަން މިޝަންގެ ޗީފް އޮބްޒާވަރު އަދި ސްޕެއިންގެ އީޔޫ ޕާލިމަންޓް މެމްބަރު ނާޗޯ ސަންޗޭޒް އަމޯ "މިހާރު" އަށް ވިދާޅުވި އެވެ.

"ވޯޓުލުން ފެށުމާއި ވޯޓު ކުރިއަށްދާ ގޮތާއި އަދި ވޯޓު ގުނުމުގެ މަރުހަލާ ވަކިން އަޅުގަނޑުމެންގެ ޓީމުން ބަލައި މައުލޫމާތު އެއްކުރާނެ،" އަމޯ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް ހަރަކާތްތެރިވާ އީޔޫގެ ޗީފް އޮބްޒާވަރު އަމޯ "މިހާރު" އަށް އިންޓަވިއު ދެއްވަނީ - ފޮޓޯ: މިހާރު

ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް ހަރަކާތްތެރިވާ އީޔޫގެ ޗީފް އޮބްޒާވަރު އަމޯ "މިހާރު" އަށް އިންޓަވިއު ދެއްވަނީ - ފޮޓޯ: މިހާރު

އަމޯ ވިދާޅުވި ގޮތުގައި، ވޯޓު ލާ މަރުކަޒުގައި ވޯޓު ލުމަށް ބޭނުންވާ އާލާތްތައް ހުރި މިންވަރާއި، އޮފިޝަލުންނާއި އޮބްޒާވަރުން ތިބި އަދަދާއި ވޯޓު ލާން ދާ މީހާއަށް ވޯޓު ލުމަށް އެއްވެސް ހުރަހެއް ނުވަތަ އުނދަގުލެއް ކުރިމަތިވުން ފަދަ ކަންކަމަށް އީޔޫގެ އޮފިޝަލުން ފާރަވެރިވާނެ އެވެ.

ރާއްޖޭގެ ތާރީހުގައި އިންތިހާބެއް އޮބްޒާވްކުރަން އީޔޫގެ އެންމެ ބޮޑު ޓީމުގައި 40 އަށް ވުރެ ގިނަ އޮބްޒާވަރުން އަންނަނީ އެކި ކަންކޮޅުތަކުގައި ހުރި ވޯޓު ލާ މަރުކަޒުތަކުގައި ހަރަކާތްތެރިވަމުންނެވެ.

އެ އޮފިޝަލުން ފުރާ ޗެކް ލިސްޓުތަކަށް ބަލައި، އެއްކުރާ މައުލޫމާތުތަކުގެ އަލީގައި އިންތިހާބުގައި ވޯޓުގެ ކަންކަން ދިޔަ ގޮތުގެ ޖުމްލަ މަންޒަރެއް ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވޯޓާ ގުޅިގެން އަޅުގަނޑުމެން މި އެއްކުރަނީ ވަރަށް ގިނަ ޑޭޓާ،" އަމޯ ވިދާޅުވި އެވެ.

ވޯޓާ ގުޅިގެން ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުތަކާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން، އަމޯ ވިދާޅުވީ އެކަމަށް އަދި އެއްޗެއް ނުދެއްވޭނެ ކަމަށެވެ. ނަމަވެސް، އެކަންކަމަށް ވެސް އޮބްޒާވަރުންގެ ޓީމުން ފާރަވެރިވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

މިއަދު އެއްކުރާ މައުލޫމާތުގެ އަލީގައި، ފާހަގަކުރެވުނު ކަންކަން އަންނަ ހޯމަ ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިއްސާކުރައްވާނެ ކަމަށް އަމޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުޅި އިންތިހާބުގައި ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް އޮބްޒާވާސް މިޝަންގެ ފަރާތުން ތަފްސީލީ ރިޕޯޓެއް އާންމުކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ.