Roadha Mihaaru
އިންވެސްޓަރުންނަށް ފަސޭހަކުރަން ގާނޫނަށް ބަދަލު ގެންނަނީ

އިންވެސްޓަރުންނަށް ފަސޭހަވާ ގޮތަށް ގާނޫނު އިސްލާހުކުރަނީ

24 ނޮވެމްބަރ 2022

ރާއްޖެ އަންނަ އިންވެސްޓަރުންނަށް މިހާރަށް ވުރެ ފަހި މާހައުލެއް ހޯދައިދީ، ރައްކާތެރިކަން ކަށަވަރު ކުރަން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެ އަންނަ އިންވެސްޓަރުންނަށް މިހާރަށް ވުރެ ފަހި މާހައުލެއް ހޯދައިދީ، ރައްކާތެރިކަން ކަށަވަރު ކުރަން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި އީޔޫއަ ދެމެދު ކުރިއަށް ގެންދާ ބިޒްނަސް ރައުންޑް ޓޭބަލްގައި އޭނާ ވިދާޅުވީ، އަމިއްލަ ފަރާތްތަކަށް މިނިވަން މާހައުލެއްގައި ވިޔަފާރި ކުރުމުގެ ފުރުސަތުތައް ފަހި ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. ފައްޔާޒު ވިދާޅުވީ، އަންނަ އަހަރު ފަށާ ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރަށް އެފްއައިޑީ ބިލަށް މުހިއްމު އިސްލާހުތަކެއް ގެންނަން ހުށަހަޅުއްވާނެ ކަމަށެވެ.

އެ ބިލް ޑްރާފްޓް ކުރުމުުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

"ފޮރިން އިންވެސްޓްގެ އާ ބިލެއް މަޖިލީހުގެ އަންނަ ދައުރުގައި ހުށަހަޅާނަން. މިއާ އެކު ރާއްޖޭގައި ހިންގާ ބޭރުގެ އިންވެސްޓްމަންޓްތަކަށް މިހާރަށް ވުރެ ބޮޑު ރައްކާތެރިކަމެއް ލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އީޔޫ އާއި ރާއްޖެއާ ދެމެދު ކުރިއަށް ގެންދާ ބިޒްނަސް ރައުންޑް ޓޭބަލް ހޮޓެލް ޖެންގައި ކުރިއަށް ގެންދަނީ -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

އީޔޫ އާއި ރާއްޖެއާ ދެމެދު ކުރިއަށް ގެންދާ ބިޒްނަސް ރައުންޑް ޓޭބަލް ހޮޓެލް ޖެންގައި ކުރިއަށް ގެންދަނީ -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ފައްޔާޒު ވިދާޅުވިގޮތުގައި، ރާއްޖޭގައި އިންވެސްޓަރުންނަށް ގިނަ ފުރުސަތުތަކެއް ހުރި އިރު އެކަމުގެ މައުލޫމާތުތައް އިންވެސްޓް މޯލްޑިވްސްގެ ވެބްސައިޓުން ލިބޭނެ އެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރަން ބޭނުންވާ ގާނޫނުތައް އެކުލަވާލައި، ބަދަލުތައް ގެންނަން މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އިންޑަސްޓްރިއަލް ރިލޭޝަންސްއާ ގުޅޭ ބިލްގެ ޑްރާފްޓެއް އަންނަނީ އެކުލަވައިލަމުން،" ފައްޔާޒު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތަފްސީލު ދެއްވަމުން އޭނާ ވިދާޅުވީ، އިގްތިސާދު މިހާރަށް ވުރެ ބޮޑަށް ޑައިވާސިފައި ކުރަން މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އިގްތިސާދީ އާ ފުރުސަތުތައް ފަހި ކުރުމަށްޓަކާއި ދަތުރުފަތުރު މިހާރަށް ވުރެ ފަސޭހަ ކުރުމުގެ މުހިއްމު މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އޭނާ ވަނީ އާރްޓީއެލް ޕްރޮޖެކްޓާއި ޑޮމެސްޓިކް އާ އެއާޕޯޓުތައް އެޅުމުގެ ތަފްސީލުތައް އީޔޫގެ މެންބަރުނާ މިއަދު ހިއްސާ ކުރައްވައިފަ އެވެ.