Roadha Mihaaru
ގްރޭޑް 8ގެ ކުދިން ދެން ކިޔަވާނީ އޯލެވެލް ސިލަބަސް

ގްރޭޑް8ގެ ދަރިވަރުން އަންނަ ހަފުތާއިން ފެށިގެން ކިޔަވާނީ އޯލެވެލް ސިލަބަސް

11 ޖެނުއަރީ 2024

މި އަހަރު ގްރޭޑް އަށެއްގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް، އަންނަ ހަފުތާއިން ފެށިގެން އޯލެވެލް ސިލަބަސް ކިޔަވައިދޭން ފަށަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މި އަހަރު ގްރޭޑް އަށެއްގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް، އަންނަ ހަފުތާއިން ފެށިގެން އޯލެވެލް ސިލަބަސް ކިޔަވައިދޭން ފަށަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އޯލެވެލް އަށް ތައްޔާރުވުމަށް ކެމްބްރިޖްގެ މާއްދާތައް މިހާރު ކިޔަވަން ފަށަނީ ގްރޭޑް ނުވައެއްގަ އެވެ. ސިލަބަހަށް 2016 ގައި ގެނައި ބަދަލާ އެކު ގްރޭޑް އަށެއްގައި މިހާރު ކިޔަވައިދެނީ ކީ ސްޓޭގް ހަތަރެއްގެ މާއްދާތަކެވެ.

ދިރާސީ އަހަރަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން، "މިހާރު"އަށް ދެއްވި އިންޓަވިއުގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ އެ ބަދަލާއެކު އެންމެ ބޮޑު ބަދަލެއް އަންނާނީ ގްރޭޑް އަށެއްގައި ކިޔަވާ ދަރިވަރުންނަށް ކަމަށެވެ.

އެއީ މިހާރު ގްރޭޑް އަށެއްގައި ކިޔަވާ ދަރިވަރުން އަންނަ ހަފްތާއިން ފެށިގެން އޯލެވެލްގެ މާއްދާތައް ކިޔަވަން ޖެހޭ ގޮތަށް ބަދަލު ކުރުމެވެ.

އެ ބަދަލު ގެނައި ސަބަބަކީ އެ ދަރިވަރުން އަންނަ އަހަރުގެ މޭ/ޖޫންގައި ހެދުމަށް ނިންމާފައިވާ އޯލެވެލް އިމްތިހާނު އަންނަ އަހަރުގެ އޮކްޓޫބަރު/ނޮވެމްބަރަށް، ކުރިން އޮތް ގޮތަށް ބަދަލުވާނެތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވީމާ މިހާރު ގްރޭޑް އަށެއްގައި ތިބި ކުދިންނަށް އަޅުގަނޑުމެން ނިންމާފައި ވަނީ އެ ކުދިން މިހާރު ވެސް ހަމަ ގިނަ ސްކޫލުތަކުގައި ކިޔަވާ ގޮތަށް، ވަރަށް ގިނަ ސްކޫލުތަކުގައި ކެމްބްރިޖް [އޯލެވެލް މާއްދާތައް] ކިޔަވައިދެމުންދަނީ. ރަސްމީކޮށް ކެމްބްރިޖުގެ މާއްދާތައް ފައްޓަނީ ގްރޭޑް 9ގައި ކަމަށް ބުނެފައި އޮތް ކަމުގައި ވިޔަސް ވަރަށް ބޮޑަށް އިންޓަގްރޭޓް ކުރެވިގެން ހަމަ އެ ކަރިކިއުލަމްގައި ހިމެނޭ ވަރަށް ބޮޑު ކޮމްޕޮނެންޓްއެއް ކަވާ ކުރެމުން މި ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ދިރާސީ އަހަރަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން، "މިހާރު" އަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ދިރާސީ އަހަރަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން، "މިހާރު" އަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެ ބަދަލަކީ ގްރޭޑް އަށެއްގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށާއި ސަބަބަކީ ގްރޭޑްގެ ކުދިންނަށް އޯ ލެވެލްއަށް ތައްޔާރުވުމަށް ދެ އަހަރު ލިބޭނެތީ ކަމަށް ވިދާޅުވި އެވެ.

"މިހާރު ރަސްމީކޮށް ނޫން ގޮތަކަށް، މި ކިޔަވައިދެނީ ކެމްބްރިޖްގެ ބައިތަކެއް. އެކަމަކު ރަސްމީކޮށް ދެން ކެމްބްރިޖުގެ ބައިތައް ދެވަނަ ހަފްތާ [އަންނަ ހަފުތާ] އިން ފަށައިގެން ސިލަބަސް ކަވާ ކުރުމުގެ މަސައްކަތް ފައްޓާނަން، ގްރޭޑް އަށެއްގެ ކުދިންނަށް. އެއީ ކިޔަވައިދިނުމަށް އަންނާނެ އެންމެ ބޮޑު ބަދަލަކީ. އޭރުން އެ ކުދިންނަށް ލިބޭނެ ހަމަ ފުރިހަމަ ދެ އަހަރަށް ވުރެ ގިނައިން [ދުވަސް] އެ ކުދިންނަށް ލިބިގެންދާނެ، އޮކްޓޫބަރު ނޮވެމްބަރުގެ އެގްޒާމަށް އަންނަންވާއިރަށް."

ރާއްޖޭގައި ކުރިން ދިރާސީ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ޖެނުއަރީގައި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ސްކޫލަށް ކުދިން ގޮސްގެން ކިޔެވުން މެދުކެނޑި ކިޔެވުމަށް އައި ބަދަލުތަކާ ގުޅިގެން ކިޔެވުން ހަ މަސް ދުވަހަށް ދަންމާލައި ދިރާސީ އާ އަހަރު އޮގަސްޓުގައި ފަށާ ގޮތަށް 2021 ގައި ބަދަލުކުރީ އެވެ.

އެ ގޮތް ބަދަލުކޮށް މި ސަރުކާރުން ވަނީ 2026ވަނަ އަހަރުން ފެށިގެން ޖެނުއަރީގައި ދިރާސީ އަހަރު ފަށާ ގޮތަށް ނިންމައިފަ އެވެ.

މިހާރު ހިނގަމުންދާ 2023-2024 ގެ ދިރާސީ އާ އަހަރު ފެށީ އޮގަސްޓް 8، 2023 ގަ އެވެ. ކުރިން ހަމަޖައްސާފައިވާގޮތުން، 2023/2024 ގެ ކިޔެވުން ނިމޭނީ ޖޫން 13، 2024 ގަ އެވެ.