Roadha Mihaaru
މީހެއްގެ ގައިމަތިން އިޒްރޭލު ސިފައިން ވެހިކަލް ދުއްވި

ހަނގުރާމަވެރިއެއްގެ ގައިމަތިން ވެހިކަލް ދުއްވި ކަމަށް އިޒްރޭލު ސިފައިން އެއްބަސްވެއްޖެ

11 ޖެނުއަރީ 2024

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިޒްރޭލު ސިފައިންގެ ވެހިކަލެއް، މަރުވެފައި އޮތް ހަނގުރާމަވެރިއެއްގެ ގައިމަތިން ދުއްވި ކަމަށް އެއްބަސްވެއްޖެ އެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިޒްރޭލު ސިފައިންގެ ވެހިކަލެއް، މަރުވެފައި އޮތް ހަނގުރާމަވެރިއެއްގެ ގައިމަތިން ދުއްވި ކަމަށް އެއްބަސްވެއްޖެ އެވެ.

ހޯމަ ދުވަހު އާންމުވި ވީޑިއޯއެއްގައި، ހަނގުރާމަވެރިއެއްގެ ގައިމަތިން އިޒްރޭލުގެ އަސްކަރީ ވެހިކަލެއް ދުއްވާތަން ފެނި ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ފަލަސްތީނުގެ އޮފިޝަލުން ވެސް އެ މައްސަލައިގައި ވަނީ އިޒްރޭލުން ލާއިންސާނީ އެންމެ ބޮޑެތި އަނިޔާވެރި އަމަލުތައް ހިންގަމުންދާ ކަމަށް ބުނެފަ އެވެ.

މިކަން ހިނގިކަން ޔަގީންކޮށްދެމުން އިޒްރޭލުން ބުނީ އެއީ ކައުންޓަ ޓެރަރިޒަމް އޮޕަރޭޝަނެއްގައި ފުލުހުންނަށް އެހީވުމުގެ ތެރޭގައި ހިނގި "ހާދިސާއެއް" ކަމަށެވެ. ހަނގުރާމަވެރިންގެ ތިން މީހަކު މަރުވި އެ އޮޕަރޭޝަންގައި އެކެއްގެ ގައިމަތިން ވެހިކަލް ދުއްވީ ގަސްދުގައި ނޫން ކަމަށް އިޒްރޭލުން ބުންޏެވެ.

"ހަށިގަނޑު މަތިން ދިޔަ ވެހިކަލަކީ ބަޑީގެ ހަމަލާތަކެއް ބަދަލުކުރި އިރު އެތަނުން ދުރަށް ދާން މަސައްކަތްކުރި ވެހިކަލެއް. މިއީ ގަސްދުގައި ކުރި ކަމެއް ނޫން،" ވީޑިއޯއާ ގުޅޭ ގޮތުން އޭއެފްޕީން ސުވާލުކުރުމުން އިޒްރޭލުގެ އަސްކަރިއްޔާއިން ބުންޏެވެ.

އަސްކަރިއްޔާއިން ބުނީ ވީޑިއޯގައި ފެންނަނީ އެންމެ ތަންކޮޅެއް ކަމަށާއި މުޅި މަންޒަރު އެއިން ނޭނގޭ ކަމަށެވެ. އެކަމަކު އެ ހާދިސާ ހިނގި ގޮތް އިތުރަށް ބަލާނެ ކަމަށް ބުންޏެވެ.

އިޒްރޭލުން ޣައްޒާއަށް ކެނޑިނޭޅި ހަމަލާދީ އެތައް ހާސް ބަޔަކު ޝަހީދުކޮށްފައި ވާއިރު ހުޅަނގު އައްސޭރީގައި ވެސް ހަމަލާ ދިނުން ވަނީ އިތުރުކޮށްފަ އެވެ. -- އޭއެފްޕީ