Roadha Mihaaru
"ޓޮމް އަށް އެޕީލް ކުރުމުގެ ހައްގު ހޯދައިދޭނަން"

ޓޮމް އަށް އެޕީލް ކުރުމުގެ ހައްގު ހޯދައިދޭނަން: އެފްއޭއެމް

12 ޖެނުއަރީ 2024

އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވަން ނަން ހުށަހެޅި އަހުމަދު ތޯރިގް (ޓޮމް) ގެ ކެންޑިޑެސީ، ކްލަބް ވެލެންސިއާގެ ތާއީދު ސިޓީގެ މައްސަލައިގައި ބާތިލްވިޔަސް އެ މައްސަލަ އެޕީލް ކުރުމުގެ ހައްގު ހޯދައިދޭނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވަން ނަން ހުށަހެޅި އަހުމަދު ތޯރިގް (ޓޮމް) ގެ ކެންޑިޑެސީ، ކްލަބް ވެލެންސިއާގެ ތާއީދު ސިޓީގެ މައްސަލައިގައި ބާތިލްވިޔަސް އެ މައްސަލަ އެޕީލް ކުރުމުގެ ހައްގު ހޯދައިދޭނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

މިދިޔަ ބުދަ ދުވަހު ޓޮމްގެ ކެންޑިޑެސީ ބާތިލު ކުރަން އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ނިންމީ، އޭނާ އާއި އިންތިހާބުގައި ވާދަކުރާ މުފާވިޒް ހާޝިމް (މުފާ) އަށް ވެސް ވެލެންސިއާ އިން ތާއީދު ސިޓީއެއް ދީފައި ވުމާ ގުޅިގެން، ދެ ކެންޑިޑޭޓުންނަށް ތާއީދު ކުރުމަކީ ފީފާގެ ގަވައިދާ ހިލާފު ކަމަކަށް ވާތީ އެވެ.

މިއަދުގެ ނިޔަލަށް ޓޮމް އަށް އެ މައްސަލަ އެޕީލް ކުރުމުގެ ފުރުސަތު އެބައޮތެވެ. އަދި އެޕީލް ކުރާ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތެއްގައި އެޕީލް އާ މެދު ގޮތެއް ނިންމާނެ އެވެ. އެކަމަކު މައްސަލަ އެޕީލް ކުރަން އޮތް އެފްއޭއެމްގެ އެޕީލް ކޮމިޓީގެ ސައްހަ ކަމާ މެދު ވެސް އޮތީ ސުވާލު އުފެދިފަ އެވެ.

"އެފްއޭއެމްގެ އެޕީލް ކޮމިޓީގެ ސައްހަކަން ކަށަވަރު ކުރާނަން. އަދި މައްސަލަ އެޕީލް ކުރުމަކީ ޓޮމް އަށް ލިބިދޭ ހައްގެއް. އެ ހައްގު އޭނާ އަށް ހޯދައިދޭނަން،" އެފްއޭއެމްގެ އޮފިޝަލަކު "މިހާރު" އަށް ބުންޏެވެ.

އެޕީލް ކޮށްގެން ޓޮމް އަށް ކާމިޔާބު ނުހޯދިއްޖެ ހާލަތެއްގައި މިމަހުގެ 31 ވަނަ ދުވަހު ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި، ރައީސަކަށް ހޮވަން މުފާވިޒްގެ ޓީމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގާނެ އެވެ.

ޓޮމް އަށް ދިން ވެލެންސިޔާގެ ސިޓީ ބަލައި ނުގަންނަން އިލެކްޓޯރަލް ކޮމިޓީން ނިންމިއިރު، އެންޑޯޒްމެންޓް ސިޓީގައި ސޮއިކޮށްފައި ވަނީ ކްލަބްގެ ޗެއާމަން އަބްދުﷲ އަޒްމީން އެވެ.

މުފާވިޒަށް ތާއީދު ކުރާ ވެލެންސިއާގެ ފެކްޝަނުން ވަނީ، ކެންޑިޑެސީ ދިން ދުވަހުގެ ކުރިން، ބޯޑް މެމްބަރުންގެ އަގުލަބިއްޔަތުން އަޒްމީން މަގާމުން ވަކިކުރަން ނިންމާފައިވާކަމުގެ ލިޔެކިޔުންތަކެއް ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ހުށަހަޅައިފަ އެވެ.

ނަމަވެސް އަޒްމީން ނުހިމަނައި ވެލެންސިއާގެ ވައިސް ޗެއާމަން އިލްމާއު ހުސެއިން އިބްރާހިމް (މައު) އިސްވެ ހުންނަވައިގެން ކޮމިޓީ ޖަލްސާއެއް ބާއްވައި ތައްޔާރު ކުރި ލިޔެކިޔުންތަކަކީ ކްލަބްގެ ހިންގާ ގަވާއިދުގެ އިޖުރާއާތުތައް ފުރިހަމަ ނުވާ ލިޔެކިޔުންތަކެއް ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވަނީ ނިންމައިފަ އެވެ. އަދި ކްލަބްގެ ޗެއާމަނަކީ އަދިވެސް އަޒްމީން ކަމަށް ކޮމިޝަނާ ފޮނުއްވި ސިޓީގައި ވެއެވެ.

ނަމަވެސް އޭއެފްސީ ޕޯޓަލްގައި، ކްލަބްގެ ފަރާތުން ސޮއިކުރުމުގެ ބާރު ލިބިދޭ ފަރާތްތަކުގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައި ވަނީ ވެލެންސިއާގެ ކުރީގެ ބޯޑެކެވެ. އޭރު އަޒްމީން ދިޔައީ ކްލަބްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމް ފުރުއްވަމުންނެވެ. ޕޯޓަލްގައި ވަނީ ރައީސް ރަސްލާން އަދީލް ޖަލީލާއި، ނައިބު ރައީސް އިލްމާއު އާއި ޖެނެރަލް ސެކްރެޓަރީ އަޒްމީން އަށް ކްލަބްގެ ފަރާތުން ލިޔެކިޔުންތަކުގައި ސޮއި ކުރުމުގެ ބާރު ލިބިދޭ ކަމަށެވެ.

އެހެންވެ ވައިސް ޗެއާމަން އިލްމާއު ސޮއިކޮށް، މުފާވިޒަށް ދީފައިވާ ސިޓީ އަކީ ވެސް ސައްހަ ސިޓީއެއް ކަމަށް ނިންމި އެވެ. ނަމަވެސް ދެ ކެންޑިޑޭޓުންނަށް ތާއީދު ކުރުމާ ގުޅިގެން ފީފާގެ ގަވައިދަށް ބަލައި، އިލެކްޓޯރަލް ކޮމިޓީން ވެލެންސިއާގެ ތާއީދު ބާތިލް ކުރީ އެވެ.