Roadha Mihaaru
ސައްހަ އެޕީލް ކޮމިޓީއެއް ނެތް ކަމަށް އެއްބަސްވެއްޖެ

ސައްހަ އެޕީލް ކޮމިޓީއެއް ނެތް ކަމަށް އެފްއޭއެމް އިން އެއްބަސްވެއްޖެ

15 ޖެނުއަރީ 2024

އެފްއޭއެމްގައި އިންތިހާބީ އެޕީލްސް ކޮމިޓީއެއް އޮންނަންޖެހޭ އުސޫލުގެ ތެރެއިން އެކުލަވާލެވިފައި ނެތް ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

އެފްއޭއެމްގައި އިންތިހާބީ އެޕީލްސް ކޮމިޓީއެއް އޮންނަންޖެހޭ އުސޫލުގެ ތެރެއިން އެކުލަވާލެވިފައި ނެތް ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

އެފްއޭއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެޕީލްސް ކޮމިޓީއެއް ނެތް މައްސަލައަށް ހައްލެއް ހޯދުމަށް އެދި ފީފާ އާއި އޭއެފްސީއަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނީ، ގޮތް ނިންމުމާއި ކަންކަން ތަރުތީބު ކުރަންވީ ގޮތް ކަނޑައެޅުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ފީފާ އާއި އޭއެފްސީން އެސޯސިއޭޝަނަށް އަންގާފައިވާ ކަމަށެވެ.

އެފްއޭއެމް އިން މިގޮތަށް ބުނީ އެ އެސޯސިއޭޝަންގެ ރައީސް ކަމުގެ އިންތިހާބުގައި ވާދަކުރާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް)ގެ ކެންޑިޑެސީ ބާތިލް ކުރި މައްސަލަ އެޕީލް ކޮށް، އެޕީލްއާ މެދު ގޮތެއް ނިންމަން އޮންނަ މުހުލަތު ހަމަވި ފަހުންނެވެ.

ތޯރިގްގެ އެޕީލްއާ މެދު ގޮތެއް ނިންމުމުގެ ވަގުތު ވަނީ މިއަދު ހަވީރު 4:00 އަށް ހަމަވެފައި އެވެ.

އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީގެ ސައްހަ ކަމެއް ނެތް ކަމާއި އެޕީލްސް ކޮމިޓީއެއް ނެތް ކަން ފާހަގަ ކުރައްވައި ތޯރިގު ވެސް ވަނީ މައްސަލަ ފީފާ އާއި އޭއެފްސީ އަށް ހުށަހަޅައްވައިފަ އެވެ. އަދި އިލެކްޓޯރަލް ކޮމިޓީގެ މެމްބަރުން އައްޔަނު ކޮށްފައި ތިއްބެވީ އެފްއޭއެމްގެ އިލެކްޓޯރަލް ކޯޑުގައިވާ އުސޫލުން ބޭރުން ކަން ވެސް ތޯރިގު ފީފާ އާއި އޭއެފްސީއަށް ފޮނުވި މައްސަލައިގައި ފާހަގަކުރައްވާފައިވެ އެވެ.

އެފްއޭއެމް އިން ވަނީ ތޯރިގުގެ މައްސަލައިގައި އެޕީލް ކުރުމުގެ ހައްގު އޭނާ އަށް ހޯދައިދޭނެ ކަމަށް ބުނެފަ އެވެ.