މިއަދު ބޭއްވި މާލެ މޭޔަރު އިންތިހާބުން އެނގިގެން ދިޔައީ މާލެ ރައްޔިތުން ދާން ބޭނުންވަނީ ބްރިޖަކުން ގުޅާލާފައިވާ ތަނަކަށް ކަމަށް މާލޭގެ މޭޔަރަކަށް މިއަދު އިންތިހާބުވި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
13 ޖެނުއަރީ 2024
މިއަދު ބޭއްވި މާލެ މޭޔަރު އިންތިހާބުން އެނގިގެން ދިޔައީ މާލެ ރައްޔިތުން ދާން ބޭނުންވަނީ ބްރިޖަކުން ގުޅާލާފައިވާ ތަނަކަށް ކަމަށް މާލޭގެ މޭޔަރަކަށް މިއަދު އިންތިހާބުވި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އާޒިމް ވަނީ ބޮޑު އަގުލަބިއްޔަތަކުން ކުރި ހޯއްދަވައިފަ އެވެ.
ވަގުތީ ނަތީޖާއިން މޭޔަރުކަމަށް ހޮވިވަޑައިގެންފައިވާ އާޒިމް "މިހާރު" އަށް ވިދާޅުވީ މި އިންތިހާބުގައި ލިބުނު ކާމިޔާބީ އަކީ މާލޭގެ ހުރިހާ ރައްޔިތުންނަށް ލިބުނު ކާމިޔާބެއް ކަމަށެވެ.
އަދި މި ނަތީޖާއިން އެނގިގެން ދިޔައީ ބުރިޖަކުން ގުޅާލާފައިވާ ތަނަކަށް މާލެ ރައްޔިތުން ދާން ބޭނުންވާ ކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާޒިމް ވަނީ އޭނާއަށް ތާއީދު ކުރައްވައި މިއަދުގެ ވޯޓު ދިން މާލެ ރައްޔިތުންނަށް ހާއްސަ ޝުކުރެއް އަދާ ކުރައްވައިފަ އެވެ. އަދި އެމްޑީޕީގެ ލީޑަޝިޕާއި ކެމްޕޭނު ޓީމުތަކަށް ވެސް ޝުކުރު އަދާ ކުރެއްވި އެވެ.
މާލޭގެ އާ މޭޔަރުކަމަށް ވާދަކުރާ އާދަމް އާޒިމްއާ ކައުސިލްގައި ހުސްވެފައިވާ ގޮނޑިތަކަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް (މ) އާ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް (ވ) އަދި އާދަމް އާޒިމް ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މޭޔަރު އިންތިހާބުގެ ކެމްޕެއިން ޖަލްސާތަކުގައި ވެސް އާޒިމް ވަނީ މި ސަރުކާރުގެ ހައުސިން ޕްރޮޖެކްޓް، ފުށިދިއްގަރަކީ މިވަގުތަށް މުހިންމު ޕްރޮޖެންޓެއް ނޫން ކަމަށާއި އެ ތަނަށް ދާން ބޭނުން ނުވާ ރައްޔިތުން ވޯޓު ދިނުމަށް ގޮވާލައި ވާހަކަ ދައްކަވާފަ އެވެ.
އެމްޓީސީސީގެ ކުރީގެ ސީއީއޯ، އާދަމް އާޒިމްގެ މޭޔަރުކަމުގައި ކުރައްވާނެ ކަންކަމުގެ މެނިފެސްޓޯ އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި މާލެއިން 17 މިނެޓުން ދެވޭ، ފުށިދިއްގަރު މަޝްރޫގެ ވާހަކަ ދައްކަވަމުން އޭރު އާޒިމް ވިދާޅުވެފައި ވަނީ ކަނޑެއް ހުރަސްކޮށް ގެދޮރަށް ދިއުމުގެ ބަދަލުގައި މާލޭގައި ދިރިއުޅޭ މީހުންނަށް ގެދޮރަށް ދެވެން ޖެހޭނީ ބުރިޖެއް ހުރަސް ކޮށްފައި ކަމަށެވެ.
އެމްޑީޕީގެ ސިޔާސަތަކީ ސަރުކާރުން ހިއްކަން ފަށާފައިވާ ބިންތަކުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް އެތަންތަނުގައި މީހުން އާބާދު ކުރުންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފުށިދިއްގަރު ފަޅު ހިއްކުމަކީ ބޭނުމެއް ކަމެއް ނޫން. ބްރިޖެއް ހުރަސްކޮށް މާލެ މީހުންނަށް ދެވެން ޖެހޭނެ، ކަނޑެއް ހުރަސްކޮށްގެން ދާކަށް ނުޖެހޭނެ. ރަސްމާލެ ހިއްކަންދާ ލާރިއަކީ އިސްރާފެއް. މިހާރު ހިއްކާފައިވާ ތަންތަން ތަރައްގީ ކުރުން މާ މުހިންމު،" އޭނާ ވިދާޅުވެފައިވެ އެވެ.
އާޒިމް ވަނީ އޭނާ މޭޔަރުކަމަށް ހޮވިއްޖެނަމަ އެމްޑީޕީ ސަރުކާރުގައި ބިން ލިބުނު ތަންތަން ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަންް ދެއްވައިފަ އެވެ. އަދި އޭނާ ވަނީ ފްލެޓުގެ ހައްގުވެރިންނަށް އެ ތަންތަން ދިނުމަށް ވެސް މި ސަރުކާރަށް ގޮވާލައްވައިފަ އެވެ.
ޔަގީންކަން ދިނަސް ކޯޅުމެއް ނެތި ހިދުމަތް ދެވިދާނެތަ؟
އާޒިމް މާލޭގެ މޭޔަރުކަމުގެ ހުވާ ކުރައްވައިފި
"މުޅި ރާއްޖޭން މި ސަރުކާރަށް ނޫނެކޭ ބުނާނެ"
އާޒިމް މާލެ ރައްޔިތުން މާޔޫސެއް ނުކުރާނެ: ސޯލިހް
އާޒިމަށް ރައީސް ދެއްވީ އެއްބާރުލުމުގެ ޔަގީންކަން
މޭޔަރުކަން އެމްޑީޕީއަށް ދިނުމަކީ ސަރުކާރަށް "މެސެޖެއް"
މާލޭގެ މޭޔަރު އިންތިހާބު އާޒިމް ކާމިޔާބު ކުރައްވައިފި
"މި ޗެލެންޖާ މި ކުރިމަތިލީ މުޅި މާލެ ބަދަލުކޮށްލަން"
"މާލޭގެ ބިންތަކުން ފައިދާވާ ގޮތަށް ތަރައްގީކޮށްދޭނަން"
އާޒިމްގެ މެނިފެސްޓޯ: މާލޭގެ ކޮންމެ އުނދަގުލަކަށް ހައްލު!