Roadha Mihaaru
ދެން އޮތީ ވިސްނައިދިނުން: ޖައިޝަންކަރު

ގުޅުން ގޯސްވުމުން ދެން އޮތީ ވިސްނައިދިނުން: ޖައިޝަންކަރު

14 ޖެނުއަރީ 2024

އެއްވެސް ގައުމަކުން އަބަދު އިންޑިއާ އަށް ތާއީދު ކުރާނެ ކަމުގެ ޔަގީންކަން ނޯންނާނެ ކަމަށާއި ދެ ގައުމެއްގެ ދެމެދު ގުޅުން ގޯސްވެއްޖެ ނަމަ ވިސްނައިދީ ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.

އެއްވެސް ގައުމަކުން އަބަދު އިންޑިއާ އަށް ތާއީދު ކުރާނެ ކަމުގެ ޔަގީންކަން ނޯންނާނެ ކަމަށާއި ދެ ގައުމެއްގެ ދެމެދު ގުޅުން ގޯސްވެއްޖެ ނަމަ ވިސްނައިދީ ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، އިންޑިއާގެ މަހަރާޝްތުރާގައި އިއްޔެ ބޭއްވި ޓައުން ހޯލް ބައްދަލުވުމެއްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެ ބައްދަލުވުމުގައި އެ މީހާ ސުވާލަކަށް ވީ، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާކަން ފާހަގަކޮށް، ގައުމުތަކާ އެކު އޮންނަ ގުޅުމަށް އަސަރުކުރާ ހާލަތުގައި އިންޑިއާގެ އިންޓަރެސްޓް ހިމާޔަތް ކުރަނީ ކިހިނެއްތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޖައިޝަންކަރު ވިދާޅުވީ، "ނެއިބާހުޑް ފަސްޓް ޕޮލިސީ" ގެ ދަށުން އަވަށްޓެރި ގައުމުތަކާ އެކު، ސިޔާސީ އެކި ލޮޅުންތަކާ ގުޅިގެން ވެސް އިންޑިއާ އިން މަސައްކަތް ކުރަމުން ދިޔައީ އެ ގައުމުގެ މަސްލަހަތު ވެސް ހިމާޔަތްކޮށް، ގުޅުން ވަރުގަދަ ކުރުމަށް ކަމަށެވެ.

އެކަމަކު، ކޮންމެ ގައުމެއްގެ ވެސް ސިޔާސީ އެކި ކަންކަމުގެ ތެރޭގައި އަބަދު އިންޑިއާ އަށް އޮންނަ ތާއީދު އެ ގޮތުގައި އޮންނާނެ ކަމުގެ ޔަގީންކަން ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖައިޝަންކަރު ވިދާޅުވި ގޮތުގައި މިދިޔަ 10 އަހަރުގެ މަސައްކަތުން ހާރިޖީ ގުޅުންތަކުގެ ތެރެއިން ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި ގައުމުތަކާ އެކު ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމަށެވެ. އިންޑިއާއާ އެކު ގުޅުން ބޭއްވުމުގެ މުހިންމުކަން މީހުން މިހާރު ދަންނަ ކަމަށާއި އެ ގައުމުގެ ސިޔާސީ ކަންތައްތަކާ އެކު އެ ގައުމެއްގެ މީހުން އިންޑިއާއާ މެދު ދެކޭ ގޮތް ވެސް ބަދަލު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖައިޝަންކަރު ވިދާޅުވި ގޮތުގައި، ދެ ގައުމެއްގެ ދެމެދު ގުޅުން ގޯސްވެއްޖެ ނަމަ ދެން އޮންނާނީ އެ ގައުމަކަށް ވިސްނައިދީގެން މައްސަލަ ހައްލު ކުރަން މަސައްކަތް ކުރުމެވެ. އެކަން އެގޮތަށް އިންޑިއާގެ ސަރުކާރުން ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އާއި އިންޑިއާގެ ގުޅުން މި ފަހުން އެންމެ ބޮޑަށް ގޯސްވީ އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕް އަށް ވަޑައިގެން، އެ ތަން ޕްރޮމޯޓް ކުރައްވައި ކުރެއްވި ވީޑިއޯއަށް ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރު ކުރެއްވި ޕޯސްޓާ ގުޅިގެންނެވެ. އެ މައްސަލާގައި އިންޑިއާ އިން ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވަމުންދާއިރު، ދިވެހި ސަފީރު ވެސް އިންޑިއާގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކުރި އެވެ. އަދި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރާ ވެސް އަމަލުކުރީ އެހެންނެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމަށް އެ ގައުމުން މިހާތަނަށް އަމަލީ ގޮތުން ކަމެއް ނުކުރާ މައްސަލައިގައި ވެސް ދެ ގައުމުގެ ގުޅުން ވަނީ ގޯސްވެފަ އެވެ. ނަމަވެސް އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ މަނިކުފާނު ވިދާޅުވަމުން ގެންދަވަނީ ޑިޕްލޮމެސީގެ ރީތި އުސޫލުގެ ތެރެއިން އެކަން ކުރައްވާނެ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު އިންޑިއާގެ ސަރުކާރުގައި މިއަދު އެދިވަޑައިގެންފައި ވަނީ އަންނަ މާޗު 15 އިގެ ކުރިން އިންޑިއާ ސިފައިން ބޭލުމަށެވެ. އެ މަނިކުފާނު އެ ގޮތަށް ހުށަހެޅުއްވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާއި އެ ގައުމުގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ގޮތެއް ނިންމަން ދެ ގައުމުން އެކުލަވާލާފައިވާ މަތީ ފެންވަރުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުން ބޭއްވީ ރާއްޖޭގެ ފޮރިން މިނިސްޓްރީގަ އެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު، އިންޑިއާ އަށް ބަރޯސާ ވެފައި އޮންނަ އޮތުން ނިމުމަކަށް ގެންނަން ވަނީ މަސައްކަތްތަކެއް ފައްޓަވައިފަ އެވެ. ރާއްޖެ އަށް ކާޑުގެ ބާވަތްތައް އާންމުކޮށް ގެންނަނީ އިންޑިއާ އިން ކަމަށް ވާއިރު، މިހާރު ވަނީ ތުރުކީން އެ ބާވަތްތައް ގެންނަން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ތުރުކީގެ ފުށުގެ ޝިޕްމަންޓް އަންނަ މަހު ރާއްޖެ ގެންނާނެ ކަމަށް އެ މަނިކުފާނު އިއްޔެ ވިދާޅުވި އެވެ. ފިޔަ އާއި އަލުވި އަދި ބިސް ވެސް އެހެން ގައުމުތަކުން ގެންނަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް އިއްޔެ ވިދާޅުވި ގޮތުން ނަމަ ސަރުކާރުގެ ހިލޭ ބޭސްފަރުވާގެ ނިޒާމު އާސަންދައިގެ ދަށުން ޔޫއޭއީ އާއި ތައިލެންޑުން ބޭސްކުރެވޭ ގޮތް ވެސް ސަރުކާރުން ހަމަޖައްސާނެ އެވެ.