Roadha Mihaaru
ވިނީޝިއަސްގެ ހެޓްރިކުން މިފަހަރު ޗެމްޕިއަންކަން ރެއާލަށް

ވިނީޝިއަސްގެ ހެޓްރިކުން ބާސާ ބަލިކޮށް ޗެމްޕިއަންކަން ރެއާލަށް

15 ޖެނުއަރީ 2024

ރިޔާދު (ޖެނުއަރީ 15) - ވިނީޝީއަސް ޖޫނިއާގެ ހެޓްރިކަކާ އެކު 4-1 އިން ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑުން ސްޕެނިޝް ސުޕަ ކަޕްގެ ތަށި އުފުލާލައިފި އެވެ.

ރިޔާދު (ޖެނުއަރީ 15) - ވިނީޝީއަސް ޖޫނިއާގެ ހެޓްރިކަކާ އެކު 4-1 އިން ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑުން ސްޕެނިޝް ސުޕަ ކަޕްގެ ތަށި އުފުލާލައިފި އެވެ.

ފައިނަލް މެޗުގެ 71 ވަނަ މިނިޓުގައި ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައޫހޯ އަށް ވަނީ ރަތް ކާޑެއް ވެސް ދައްކައިފަ އެވެ. ނަމަވެސް މެޗުގައި ފެނުނު ފަސް ގޯލު ވެސް ޖަހާފައި ވަނީ އޭގެ ކުރިންނެވެ.

މެޗުގެ ހަތްވަނަ މިނިޓުގައި ލީޑު ނަގައި، 10 ވަނަ މިނިޓުގައި ރެއާލުން ލީޑު ފުޅާ ކުރީ ވެސް ވިނީޝިއަސްގެ ގޯލުތަކުންނެވެ. މެޗުގެ 33 ވަނަ މިނިޓުގައި ރޮބާޓް ލެވަންޑޯސްކީ، ބާސާ އަށް ފަރަގު ކުޑަ ކޮށްދިން ނަމަވެސް އޭގެ ހަ މިނިޓު ފަހުން ވިނީޝީއަސް ވަނީ ޕެނަލްޓީއަކުން އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

އަރައޫހޯ ދަނޑުން ފޮނުވާލުމުގެ ހަތްވަރަކަށް މިނިޓު ކުރިން ރެއާލްގެ ހަތަރުވަނަ ގޯލު ޖަހައިދިނީ ރޮޑްރިގޯ އެވެ.

މިއީ ރެއާލުން ސުޕަ ކަޕް ކާމިޔާބުކުރި 13 ވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ފައިނަލްގައި އެޓީމު ބާސާ އަތުން ބަލިވީ 3-1 އިންނެވެ.

މި ތަށި އެންމެ ގިނަ ފަހަރަށް އުފުލާލާފައި ވަނީ ވެސް، މިދިޔަ އަހަރު 14 ވަނަ ފަހަރަށް ތަށި އުފުލާލި ބާސެލޯނާ އެވެ.