Roadha Mihaaru
ރެއާލުން ބާސެލޯނާ ބަލިކުރިއިރު، ރޮނާލްޑޯ އަށް ރަތެއް

ރެއާލުން ބާސެލޯނާ ބަލިކުރިއިރު، ރޮނާލްޑޯ އަށް ރަތެއް

14 އޯގަސްޓް 2017

ބާސެލޯނާ (އޮގަސްޓް 14) - ސްޕެނިޝް ސުޕަ ކަޕްގެ ފުރަތަމަ ލެގުގައި ރޭ ރަށުން ބޭރުގައި ރެެއާލް މެޑްރިޑުން 3-1 އިން ބާސެލޯނާ ބަލިކުރިއިރު، ރެއާލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ރަތް ކާޑު ދައްކައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބާސެލޯނާ (އޮގަސްޓް 14) - ސްޕެނިޝް ސުޕަ ކަޕްގެ ފުރަތަމަ ލެގުގައި ރޭ ރަށުން ބޭރުގައި ރެެއާލް މެޑްރިޑުން 3-1 އިން ބާސެލޯނާ ބަލިކުރިއިރު، ރެއާލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ރަތް ކާޑު ދައްކައިފި އެވެ.

ރޭގެ މެޗުގެ ހަތަރު ލަނޑު ވެސް ފެނިގެންދިޔައީ ދެ ވަނަ ހާފްގަ އެވެ. މެޗުގެ 50 ވަނަ މިނިޓްގައި ޖެރާޑް ޕީކޭ އަތުން ބައިކޮޅަށް ވަން ލަނޑުން ރެއާލް ލީޑުނަގާފައިވަނިކޮށް މެޗުގެ 77 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ބާސެލޯނާ އަށް އެއްވަރުކޮށްދިނީ ލިއޮނަލް މެސީ އެވެ. މި ޕެނަލްޓީ އަކީ ރެއާލްގެ ގޯލްކީޕަރު ކޭލޯ ނަވާސް ބާސެލޯނާގެ ލުއިސް ސުއަރޭޒަށް ފައުލުކުރުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ. އެހެން ނަމަވެސް ރެއާލްގެ ކުޅުންތެރިން ވަނީ ސުއަރޭޒް ޕެނަލްޓީ ހޯދީ ޑައިވްކޮށްގެން ކަމަށް ބުނެ އެޕީލްކޮށްފަ އެވެ.

މެޗުގެ 80 ވަނަ މިނިޓްގައި ރެއާލަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރޮނާލްޑޯ އެވެ. ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ ވަނީ ޖާޒީ ބާލައިފަ އެވެ. އެއާ އެކު ރޮނާލްޑޯ އަށް ފުރަތަމަ ރީނދޫ ކާޑު ދެއްކި އެވެ. އޭނާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކީ އޭގެ ތިން މިނިޓް ފަހުން ޕެނަލްޓީއެއް ހޯދަން ބާސެލޯނާ އޭރިއާ ތެރެއިން ޑައިވް ކުރުމުންނެވެ.

ކައުންޓަ އެޓޭކުގައި ރެއާލްގެ ފަހު ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައި މާކޯ އަސެންސިއޯ އެވެ. ރެއާލް ދަނޑުގައި އޮންނަ ސުޕަ ކަޕްގެ ދެ ވަނަ ލެގު މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެރޭގަ އެވެ. މި މެޗަށް ރޮނާލްޑޯ ވަނީ ސަސްޕެންޑްވެފަ އެވެ.

ރޭގެ މެޗަކީ ބާސެލޯނާގެ އާ ކޯޗު އާނެސްޓޯ ވަލްވޭޑޭ އެ ޓީމަށް ވާދަވެރި މެޗެއްގައި އިރުޝާދުދިން ފުރަތަމަ ފަހަރެވެ. މެޗަށް ފަހު ވަލްވޭޑޭ ބުނީ ދެ ވަނަ ލެގަށް ދާއިރު އެޑްވާންޓޭޖް އޮތީ ރެއާލަށް ކަމަށާއި އެ ހަގީގަތް ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ.

"އަހަރެމެން ބޭނުންވި ނަތީޖާއެއް ނޫން މިއީ. ބޭނުންވި ވަރަށް މެޗު ކޮންޓްރޯލް ކޮށްގެން ވެސް ނުކުޅެވުނު. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މިހާރު ފޭވަރިޓަކީ ރެއާލްކަން. އެކަމަކު އެންމެ ބައްޔަކުން ހުރިހާ ކަމެއް ނުނިމޭނެ. ދެ ވަނަ ލެގުގައި ނަތީޖާ އަނބުރާލެވޭނެ ފެންވަރު ބާސެލޯނާގައި އެބަހުރި،" ވަލްވޭޑޭ ބުންޏެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ ރަށުން ބޭރުގައި ބާސެލޯނާ އަތުން މޮޅުވުމަކީ ވަރަށް ހިތްވަރުން ކުރެވޭނެ ކަމެއް ކަމަށެވެ.

"ވަރަށް ހިތްވަރުކޮށްފި. ބޭނުންވަނީ މި މޮޅު ކުޅުން ތަކުރާރު ކުރަން. 10 ކުޅުންތެރިންނާ އެކު ވެސް ލަނޑެއް ޖެހުމުން ޓީމުގެ ހިތްވަރު ހުރި ހިސާބު އެނގޭ،" ޒިދާން ބުންޏެވެ.

ޒިދާން ބުނީ ރޮނާލްޑޯ އަށް ދެއްކި ރަތް ކާޑާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް ބުނެފަ އެވެ.