Roadha Mihaaru
ކުރީގެ ސިއްހީ ހިދުމަތްތެރިން ރަޖިސްޓްރީވާން ހުޅުވާލައިފި

ހަތަރު ގަޑިއިރު މަސައްކަތްކުރަންޖެހޭ ގޮތަށް، ކުރީގެ ސިއްހީ ހިދުމަތްތެރިންގެ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފި

17 ޖެނުއަރީ 2024

ދުވާލަކު ހަތަރު ގަޑިއިރު މަސައްކަތްކުރަންޖެހޭ ގޮތަށް، ކުރީގެ ސިއްހީ ހިދުމަތްތެރިން އަލުން މަސައްކަތަށް ނުކުމެވޭ ގޮތަށް އުސޫލު ހަދައި، ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދުވާލަކު ހަތަރު ގަޑިއިރު މަސައްކަތްކުރަންޖެހޭ ގޮތަށް، ކުރީގެ ސިއްހީ ހިދުމަތްތެރިން އަލުން މަސައްކަތަށް ނުކުމެވޭ ގޮތަށް އުސޫލު ހަދައި، ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފި އެވެ.

ސިއްހީ ދާއިރާއަށް ކުރިން ހިދުމަތްކޮށް، އެކި ސަބަބުތަކާ ހުރެ ވަޒީފާއިން ދުރުގައި ތިބި ސިއްހީ ހިދުމަތްތެރިން އަލުން މަސައްކަތަށް ނުކުމެވޭނެ ގޮތުގެ އުސޫލު އިފްތިތާހުކޮށްދެއްވީ، ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.

އެ އުސޫލުގެ ދަށުން ވަޒީފާ ހަމަޖައްސާ މީހުންގެ މަސައްކަތު ގަޑިއަކީ ދުވާލަކު މަދުވެގެން ހަތަރު ގަޑިއިރެވެ. އަދި "ވަގުތީ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން" ގެ ނަމޫނާއާ އެއްގޮތަށް އެ މުވައްޒަފުންނަށް ހެލްތު މިނިސްޓްރީ ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ އިދާރާއަކާ އެކު ސޮއިކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.

މި މުވައްޒަފުންނަށް ވަޒީފާ ދޭނީ އެކަމަށް ހާއްސަކޮށްފައިވާ ދަފްތަރުގައި ރަޖިސްޓްރީވުމުންނެވެ. މިނިސްޓްރީން ބުނީ އިއުލާނެއް ނެތި، ދަފުތަރުގައި ރަޖިސްޓްރީކުރާ ސިއްހީ ހިދުމަތްތެރިންގެ ތައުލީމާއި ތަޖުރިބާއާ ހުނަރަށް ބަލައި، މެރިޓް އުސޫލުން ވަޒީފާ ހަމަޖެހޭނެ ކަމަށެވެ.

އެ ދަފްތަރުގައި، މި އަހަރުގެ ނިޔަލަށް ރަޖިސްޓްރީކުރެވޭނެ އެވެ.

ކުރީގެ ސިއްހީ ހިދުމަތްތެރިން އަލުން ހިދުމަތަށް ނުކުތުމުގެ އުސޫލު ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ހުސެއިން (މ)، ހެލްތު މިނިސްޓަރު ހަލީލް އަދި ސީއެސްސީގެ ރައީސް ނާސިހު (ކ) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ސިއްހީ ހިދުމަތްތެރިން އަލުން ހިދުމަތަށް ނުކުތުމުގެ އުސޫލު ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ހުސެއިން (މ)، ހެލްތު މިނިސްޓަރު ހަލީލް އަދި ސީއެސްސީގެ ރައީސް ނާސިހު (ކ) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ތަފާތު އެކި ސަބަބުތަކާ ހެދި ސިއްހީ ދާއިރާއިން ވަރަށް ގިނަ މީހުން ދުރަށް ގޮސްފައިވާ ކަމަށެވެ. އެއީ މުޅިން ވަޒީފާއިން ދުރަށް ދާން ބޭނުންވެގެން ވަކިވި ބަޔަކަށް ނުވާތީ، އާ އުސޫލެއްގެ ދަށުން އަލުން މަސައްކަތަށް ނުކުމެވޭނެ ފުރުސަތު ފަހިކޮށްދިނުމަކީ، ހަލީލް ވިދާޅުވި ގޮތުގައި، އެ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

މިއީ ގައުމުގެ ނިސްބަތުން، ހިދުމަތް ކުރަން ބޭނުންވާ ބަޔަކަށް ކޮންމެހެން ކޮށްދޭންޖެހޭ ކަމެއް ކަމަށް ހަލީލް ވިދާޅުވި އެވެ.

ސީއެސްސީގެ ނައިބު ރައީސް މުހައްމަދު ނާސިހު ވިދާޅުވީ ފުޅާ ދާއިރާއެއްގައި އެކަން ތަންފީޒުކުރުމަށް ސީއެސްސީގެ ގާނޫނަށް ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ގިނަ މީހުން ދުރުގައި ތިބީ ޒަރޫރީ ބައެއް ކަންކަމާ ހެދި ކަމަށްވާތީ، ސިވިލް ސާވިސް ކޮމިޝަންގެ ތެރެއިން އެ ފުރުސަތު ފަހިކޮށްދޭން ނިންމީ ކަމަށް ވިދާޅުވި އެވެ. އަދި ޝަރުތު ހަމަވާ މީހުންނަށް ވާނެ ކަމަށެވެ.