Roadha Mihaaru
ދުޅަހެޔޮކޮށް ހުރުމަށް ފަރުދީ ޒިންމާއަދާކުރޭ: މިނިސްޓަރު

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ފަރުދީ ފެންވަރުގައި ކުރެވޭނެ ކަންކަން ކުރަންޖެހޭ: މިނިސްޓަރު

07 އެޕްރީލް 2024

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ފަރުދީ ފެންވަރުގައި ކުރެވިދާނެ ކަންކަމަކީ ކޮބައިކަން ދެނެގަނެ، އެގޮތަށް އަމަލުތައް ބައްޓަން ކުރަން ޖެހިފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ފަރުދީ ފެންވަރުގައި ކުރެވިދާނެ ކަންކަމަކީ ކޮބައިކަން ދެނެގަނެ، އެގޮތަށް އަމަލުތައް ބައްޓަން ކުރަން ޖެހިފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

"އަހަރެންގެ ސިއްހަތު - އަހަރެންގެ ހައްގު" ގެ ދަށުން މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ، ސިއްހަތަކީ ކޮންމެ މީހަކަށް ލިބިފައިވާ ހައްގަކަށް ވާއިރު އެ ހައްގާ އެކު ޒިންމާއެއް ވެސް ވާ ކަމަށެވެ.

އަމިއްލަ ދިރިއުޅުމާއި އާއިލީ ދިރިއުޅުމުގައި ވެސް ސިއްހަތަށް ސަމާލުކަން ދިނުމާއި ކެއުންބުއިމާއިި އުޅުންތަކާ ގުޅުންތަކުގެ ތެރެއިން ސިއްހަތުގެ ހައްގު ކަށަވަރުކުރުމަށް މިނިސްޓަރު ގޮވާލެއްވި އެވެ.

"ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް، ފަރުދީ ފެންވަރުގައި ކުރެވިދާނެ އަދި ކުރަންޖެހޭ ކަންކަމަކީ ކޮބައިކަން ދެނެގަނެ އެގޮތަށް އަޅުގަނޑުމެންގެ އަމަލުތައް ބަހައްޓަން އެބަޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ ގިނަ ފަހަރަށް ހީވެފައި އޮންނަނީ ސިއްހަތަކީ ނުވަތަ ސިއްހަތުގެ ހައްގަކީ ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކުން ލިބެން ހުންނަ ސިއްހީ ފަރުވާ އާއި ހިދުމަތްތައް ކަމަށެވެ. ދުޅަހެޔޮ ސިއްހަތެއް ލިބުމަށް އެކި ފަރާތްތަކުން އަދާކުރަންޖެހޭ ދައުރާ މެދު ވެސް ވިސްނާ ނުލެވި އޮންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މައިންނާއި ޅަދަރިންގެ ސިއްހަތާ ގުޅުން ހުރި ކަންކަމާ ހެދި ބޮޑުވުމާއި ދުޅަހެޔޮ ކަމަށް ބޭނުންވާ ރަނގަޅު ކާނާ އާއި ސާފު ބޯފެނާއި ގެދޮރުގެ ސާފު ތާހިރުކަން ފަދަ ކަންކަމަށް ސަމާލުވާން ޖެހެ އެވެ.

"މިކަންކަމަކީ ސިއްހީ ހިދުމަތްދޭ މަރުކަޒުގެ އަދި ބައެއް ފަހަރަށް ސިއްހީ ދާުއިރާގެ ބޭރުގައި ހުރި އެހެނަސް އަހަރެމެންގެ ޖިސްމާނީ އަދި ނަފްސާނީ ސިއްހަތާ ސީދާ ގުޅުންހުރި ކަންކަން. މިއިން ކޮންމެ ކަމަކުން އެކަމެއް ހިނގާ ނުުހިނގާ ގޮތެއްގެ ސަބަބުން ސިއްހަތަށް އެދެވޭ ނުވަތަ ނޭދެވޭ އަސަރުކުރާނެ ކަންކަން،" ހަލީލް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ކަންކަމުގެ ސަބަބުން ސިއްހަތަށް އަސަރުތަކެއް ކުރާތީ، ސިއްހަތުގެ ހައްގު ކަށަވަރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތް ކުރުމަށް ރަނގަޅު އިންތިޒާމުތަކެއް ކުރަންޖެހޭ ކަމަށެވެ.

މިނިސްޓަރު ވަނީ ސިއްހީ ގޮތުން ރަނގަޅު މައުލޫމާތު ހޯދައި ދުޅަހެޔޮ އާދަތަކަށް މުޖުތަމައު އަހުލުވެރިކުރުވައި ބަލިތަކުން ދުރާލާ ރައްކާތެރިކުރުމަށް ލިބިޖެހޭ ވެކްސިންތަކާއި ބޭސް ބޭނުންކުރުމާއި، ބައްޔެއް ހުރިތޯ ދުރާލާ ދެނެގަތުމަށް ގަވާއިދުން މެޑިކަލް ޓެސްޓުތައް ހެދުމަކީ ފަރުދީ ފެންވަރުގައި ކުރެވިދާނެ ކަންކަން ކަމަށް ވިދާޅުވެފަ އެވެ.

އެ ހިތާބުގައި މިނިސްޓަރު ވިދާޅުވީ ދިވެހިންނަށް އެއްވެސް ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާ އެކު، އެކަށީގެންވާ އަދި ފެންވަރު ރަނގަޅު ސިއްހީ ފަރުވާ އާއި ސިއްހީ ހިދުމަތްތަކާއި ސިއްހީ ރައްކާތެރިކަމާއި މާލީ އަދި ޖިންމާނީ ގޮންޖެހުންތަކާ ނުލައި ލިބޭނެ ގޮތް ކަށަވަރު ކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ. ރާއްޖެ އިން ބައިވެރިވެފައިވާ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ ގަރާރުތަކުން އެކަންކަން ކަށަވަރު ކޮށްދޭއިރު އެ ހައްގުތައް ހިމާޔަތްކުރުމަކީ މުޅި ދައުލަތުގެ ޒިންމާއެއް ކަމަށް ވިދާޅުވި އެވެ.

އެހެންވެ، މި ސަރުކާރުން ސިއްހީ ދާއިރާ އަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރޭގައި މިނިސްޓަރު ވަނީ އެއާ އެމްބިއުލާންސްގެ ހިދުމަތާއި މެޑިކަލް ޗެކަޕް ތައާރަފުކުރުމާއި އާސަންދަ ނިޒާމަށް ހެޔޮ ބަދަލު ގެނައުމުގެ މަސައްކަތްކުރާކަން ފާހަގަކުރައްވައިފަ އެވެ.