Roadha Mihaaru
އދ. އިސްލާހުކުރަން އިސްނަގަން ޒަމީރު ގޮވާލައްވައިފި

އދ. އިސްލާހުކުރަން އިސްނަގަން މިނިސްޓަރު ޒަމީރު ގޮވާލައްވައިފި

17 ޖެނުއަރީ 2024

އދ. އާއި އެ ޖަމާއަތުގެ މުހިންމު ގުނަންތައް އިސްލާހުކުރުމަށް އިސްނެގުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ގޮވާލައްވައިފި އެވެ.

އދ. އާއި އެ ޖަމާއަތުގެ މުހިންމު ގުނަންތައް އިސްލާހުކުރުމަށް އިސްނެގުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ގޮވާލައްވައިފި އެވެ.

މިނިސްޓަރު ޒަމީރު އެ ކަމަށް ގޮވައިލެއްވީ ޔޫގަންޑާގެ ކަމްޕާލާގައި މިއަދު ބޭއްވި ނޮން އެލައިންޑް މޫވްމަންޓް (ނޭމް) ގެ މިނިސްޓަރުންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކައިގަ އެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެ ޖަމާއަތުގެ އާ ޗެއާމަންގެ ހައިސިއްޔަތުން ޔޫގަންޑާގެ ފޮރިން މިނިސްޓަރު އޮޑޮންގޯ ޖެޖޭ އަބޫބަހުރެވެ.

މިނިސްޓަރު ޒަމީރު ދެއްކެވި ވާހަކައިގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރާއްޖެ އިން އަބަދުވެސް އޮންނާނެ ކަމަށާއި އެ މީހުންނަށް މިނިވަން ދައުލަތެއް ހޯދައިދިނުމަށް މަސައްކަތް ކުރުމުގެ ވައުދު މަތީގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ޒަމީރު ވިދާޅުވި ގޮތުގައި ނޭމް އަކީ ފިކުރީ ބައިބައިވުމާއި ޖިއޮޕޮލިޓިކަލް ބަދަލުތަކާއި މީގެ ކުރިން ނުފެންނަ މުސީބާތްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ލިބުނު އުއްމީދެކެވެ. ޒަމާނީ ދުނިޔޭގައި ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަމަށް ހޭނި، އެކުގައި މަސައްކަތްކޮށް ހަރަކާތް ވަރުގަދަ ކުރުމަށް ވެސް މިނިސްޓަރު ގޮވައިލެއްވި އެވެ.

ޒަމީރު ވަނީ ނޭމް އިތުރަށް ފުޅާކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވައި، ތިން ހުށަހެޅުމެއް ހުށަހެޅުއްވައިފަ އެވެ. އދ. އާއި އޭގެ މުހިންމު ގުނަންތައް އިސްލާހުކުރުން ހިމެނޭ ގޮތަށް ގްލޯބަލް ގަވަނެންސް އިސްލާހުކުރުމުގައި އިސްކޮށް ހަރަކާތްތެރިވުމަށް ނޭމް އަށް ޒަމީރު އިލްތިމާސް ކުރެއްވި އެވެ.

އަދި އދ. ގައި މިހާރުގެ މަސައްކަތް ކުރުމުގެ އުސޫލުތަކަށް އިންގިލާބީ ބަދަލެއް ގެނައުމަށާއި ސަގާފީ މައްސަލަތަކުން ބޭރުގައި އެހެން މައްސަލަތަކާ ގުޅޭ ގޮތުން ވެސް ވަރުގަދަ މަޝްވަރާތައް އުފެއްދުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މީގެ 63 އަހަރު ކުރިން 1961 ވަނަ އަހަރު އުފެއްދި ނޮން އެލައިންޑް މޫވްމަންޓަކީ ބޮޑެތި ބާރަކާ އެއްކޮޅަށް މަސައްކަތް ނުކުރާ 120 ގައުމެއް އެކުލެވޭ ގުރޫޕެކެވެ. ރާއްޖެ އެންއޭއެމްގެ މެމްބަރަކަށް ވީ 1976 ވަނަ އަހަރު އެވެ.