22 ސެޕްޓެމްބަރ 2024
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމުގެ އެންމެ މަތިވެރި މަސައްކަތް ކުރެވެނީ އދ. ގައި ކަމަށާއި އެ ތަނުގެ މެމްބަރަކަށް ވުން މުހިއްމު ވީ އެ ސަބަބާ ހުރެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމުގެ އެންމެ މަތިވެރި މަސައްކަތް ކުރެވެނީ އދ. ގައި ކަމަށާއި އެ ތަނުގެ މެމްބަރަކަށް ވުން މުހިއްމު ވީ އެ ސަބަބާ ހުރެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.
ރާއްޖެ، އދ. ގެ މެމްބަރަކަށްވީ ސެޕްޓެމްބަރު 21، 1965 ގަ އެވެ
އެ ޖަމާއަތުގެ މެމްބަރަކަށް ރާއްޖެ ވިތާ 59 އަހަރު ފުރުމުގެ މުނާސަބަތުގައި، އެމެރިކާގެ ނިއުޔޯކުގައި ހުންނަވައި ރައީސް ވަގުތުން ދެއްވި ހިތާބުގައި ވިދާޅުވީ، މިއަދަކީ ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތަކާ އެއް ސަފެއްގައި ކޮނޑާއި ކޮނޑު ހަމަކުރުމަށް ރާއްޖެ އަށް ފުރުސަތު ލިބުނު ދުވަސް ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ގައުމެއްގެ މިނިވަން ފުރިހަމަ އަށް ދިފާއުކުރެވޭނީ އެއީ މިނިވަން ގައުމެއް ކަމަށް ރައްޔިތުން އެކަނި ބަލައިގަތުމަކުން ނޫނެވެ. ގައުމެއްގެ މިނިވަންކަން ބައިނަލްއަގްވާމީ މައިދާނުގައި ދިފާއު ކުރެވޭނީ އެ މަނިކުފާނު ވިދާޅުވިގޮތުގައި، މިނިވަންކަން ލިބިފައިވާ ގައުމެއްކަން އެހެން ގައުމުތަކަށް އަންގައިދީގެންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖެ އަށް މިނިވަންކަން ލިބި، ބައިނަލްއަގްވާމީ ޖަމިއްޔާތަކާ އެކު ގުޅުންތައް އުފައްދައި ކުރިއަށް ދިއުމަށް ފުރުސަތު ލިބުމާ އެކު އަވަސްވެގަތީ އދ. ގެ މެމްބަރަކަށް ވާން ކަމަށެވެ.
"އދ. ގެ މެމްބަރުކަން ރާއްޖެ އަށް ލިބުނީ ދިވެހި ގައުމަށް އަލުން މިނިވަންކަން ލިބުނުތާ 57 ދުވަސް ފަހުން. 1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު ރާއްޖެ އަށް ލިބުނު މިނިވަންކަމަކީ ބޭރު ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކާ އެކު ރާއްޖެއިން ގުޅުންތައް އުފައްދައި ކުރިއަށް ދިއުމަށް ލިބުނު މިނިވަންކަން،" އެ ދުވަހުން ފެށިގެން އދ. ގެ މައި މަރުކަޒުގައި ދިވެހި ދިދަ ވިހުރެމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.
"އެހެން ނަމަވެސް ގައުމެއްގެ މިނިވަންކަން ފުރިހަމަ އަށް ދިފާއު ކުރެވިގެން ދާނީ އެ ގައުމެއްގެ ރައްޔިތުން އެކަން ބަލައިގަތުމުން އެކަންޏެއް ނޫން. މުއާހަދާއެއްގައި ލިޔެ ޗާޕުކޮށް، ޝާއިއު ކޮށްގެން އެކަންޏެއް ނޫން. ގައުމެއްގެ މިނިވަންކަން ބައިނަލްއަގްވާމީ މަޝްރަހުގައި ދިފާކުރެވޭނީ އެ މިނިވަންކަން ލިބިއްޖެކަން އެހެން ގައުމުތަކަށް އަންގައިދީގެން."
ރައީސް މުއިއްޒު، ސިޑްސްގެ ބައްދަލުވުމުގައި އިއްޔެ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ އެ ގައުމަކަށް ކަނޑައެޅިގެންވާ ވަކި ސަރަަހައްދެއްގެ ބާރު އޮތްކަމާއި އެ ބާރު ފުރިހަމައަށް ހިނގާކަން އެހެން ގައުމުތަކަށް ކިޔައި ދޭންޖެހޭ ކަމަށެވެ. އެ ބާރަށް އެހެން ގައުމުތަކުގެ އިހުތިރާމު ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެހެންވެ، އދ. ގެ މެމްބަރު ގައުމަކަށް ވުމަކީ މުހިއްމު ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކޮށް ކުރިއެރުމުގެ އެންމެ މަތިވެރި މަސައްކަތްކުރާ އެންމެ މުހިއްމު މައިދާނަކީ އދ. ގެ ޖަމިއްޔާ. އދ. މުހިއްމު ވަނީ އެހެންވެ،" އދ. ގެ މައި މަރުކަޒުގެ ބޭރުގައި ހުންނަވައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
އަޅުގަނޑު ދިވެހި ރައްޔިތުންނަށް ޔަގީންކޮށް އަރުވަނީ މާތް ﷲ ގެ ވާގިފުޅާ އެކު، އަޅުގަނޑުގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރުމުގައި އަދި ހިންގުމުގައި އަބަދުވެސް އެންމެ އިސްކަން ދޭނީ ދިވެހި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމަށް ކަން. ދިވެހި ރައްޔިތުންގެ މިނިވަންކަން. ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަން. ޕްރޯ މޯލްޑިވްސް ޕޮލިސީ ކުރިއަށް ގެންދަންކަން،"--- ރައީސް
ރައީސް ވިދާޅުވި ގޮތުގައި އދ. ގައި ދިވެހިން ކުރަމުން އަންނަނީ ފަހުރުވެރިވާނެ ފަދަ ކާމިޔާބު ދަތުރެކެވެ. އެކަހެރިވެފައި އޮތުމުގެ ބަދަލުގައި ދުނިޔޭގެ ސިޔާސީ ސަފުތަކާ ގުޅި، އެކުވެރި ކަމުގައި ކުރާ މި ދަތުރަކީ ނިކަމެތިކަމުން، ފުއްދުންތެރިކަމަށް ބިންގާ ވެސް އެޅިފައިވާ ދަތުރެއް ކަމަށް ރައީސް ވިދާޅުވި އެވެ. މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރު ދުނިޔެ އަށް ކިޔައިދީ، އެކަން ސަމާލުކަން ގެނައުމަށް މި ދަތުރުގައި ރާއްޖެ އިން މަސައްކަތް ކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ފާއިތުވި 59 އަހަރު، ދިވެހި ދައުލަތުގެ މަންދޫބުން ރާއްޖޭގެ ޑިޕްލޮމޭޓުން ވަނީ އދ. ގައި ދިވެހިރާއްޖޭގެ މަސްލަހަތު ކުރިއަރުވާފައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރާއްޖެއިން އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މެމްބަރުކަން ހޯދުމަށް ވާދަކުރަމުން އަންނައިރު، މީގެ ކުރިން ރާއްޖެ އިން ވަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކޮށްފަ އެވެ. އަދި އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މެމްބަރުކަމުގެ ތިން ވަނަ ދައުރު ރާއްޖެ އިން މިހާރު ފުރަމުން އަންނައިރު، މިދިޔަ 10 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ގައުމީ މަސްލަހަތު އިތުރަށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އދ. ގެ މުހިއްމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެއީ ދުނިޔޭގެ މައި މަޖިލިސް ކަމަށާއި ދުނިޔެ އަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރާ މައިދާން ކަމަށެވެ. އެއީ ދެބަސްވެ، އަރައިރުން ވުމުން ސުލްހަވާން ވާހަކަ ދައްކާ މައިދާން ކަމަށާއި އެ ތަނުގައި ކުރާ ބަހުސްތަކުގައި ބަސް ބުނަންޖެހޭ ކަމަށެވެ. އަދި ގައުމުތަކުގެ ތަރައްގީ އަށް ބޭނުންވާ މަގު ކޮށޭނީ އެ ގައުމަކީ ދުނިޔޭގެ އިހުތިރާމު ލިބިފައިވާ ގައުމަކަށް ވެގެން ކަމަށް ވިދާޅުވި އެވެ.
އދ. ގެ އާންމު މަޖިލިހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު އެމެރިކާގެ ނިއުޔޯކަށް ވަޑައިގަތުމުން، އދ. ގައި ހުންނަވާ ރާއްޖޭގެ މަންދޫބު އަލީ ނަސީރު މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން ވެސް ދިވެހިންގެ އަޑާއި އިހުސާސްތައް އދ. ގައި އިއްވަވާނެ އެވެ. އެ މަނިކުފާނު ކުރިއެރުވުމަށް މަސައްކަތް ކުރައްވާނީ "ޕްރޯ މޯލްޑިވްސް" ސިޔާސަތު ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ދިވެހި ރައްޔިތުންނަށް ޔަގީންކޮށް އަރުވަނީ މާތް ﷲ ގެ ވާގިފުޅާ އެކު، އަޅުގަނޑުގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރުމުގައި އަދި ހިންގުމުގައި އަބަދުވެސް އެންމެ އިސްކަން ދޭނީ ދިވެހި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމަށް ކަން. ދިވެހި ރައްޔިތުންގެ މިނިވަންކަން. ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަން. ޕްރޯ މޯލްޑިވްސް ޕޮލިސީ ކުރިއަށް ގެންދަންކަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ހިނގަމުން އަންނަ ސިޑްސްގެ ބައްދަލުވުމުގައި ވެސް ރައީސް މުއިއްޒު މިއަދު ބައިވެރިވެވަޑައިގެންފައިވާއިރު އެ ބައްދަލުވުމުގައި އެ މަނިކުފާނު ވަނީ ކުދި ގައުމުތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި އިންތިހާ އަށް ބޮޑުވުން ކަމަށާއި އެފަދަ ގައުމުތަކަށް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓު ސާވިސް (ޑީއެސްއެސްއެސް) ނުވަތަ ދަރަނި ދެއްކުމުގައި ދާއިމީ ހައްލެއް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.
ރައީސްގެ މި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 29 ގަ އެވެ.
ރައީސް، ގުޓާރޭޒްއާ ބައްދަލުކުރައްވައިފި
ރާއްޖެއަށް ފައިދާވާނީ ގައުމުތަކާ ގުޅިގެން: ރައީސް
އދ. އިސްލާހުކުރަން އިސްނަގަން ޒަމީރު ގޮވާލައްވައިފި
ރާއްޖެއިން އދ. ގެ ސެކިއުރިޓީ ކައުންސިލަށް ވާދާކުރަނީ
ޝާހިދުގެ ފުރަތަމަ ކަމަކީ ވެކްސިންގެ ހަމަހަމަކަން ހޯދުން
ޝާހިދަކީ ގާބިލް، ތަޖުރިބާކާރު ޑިޕްލޮމޭޓެއް: ނަޝީދު
ތިލްމީޒާ، އދ. ގެ މަގާމާ ހަވާލުވެއްޖެ
މަރުގެ އަދަބު ހުއްޓުވުމާ ދެކޮޅަށް ރާއްޖެއިން ވޯޓު ދީފި
ސަލާމަތީ މަޖިލިސް މައްސަލާގައި ޝާހިދުގެ ރައްދު ޝަހީދަށް
ގޮނޑި ކާމިޔާބު ނުވުމުން ޝަހީދުގެ ޚިޔާލު ވަރަށް ތަފާތު