Roadha Mihaaru
ވާރުތަވާ ބައްޔަކުން ކާށިދޫ ހާސްވެފައި!

ވާރުތަވާ ބައްޔަކުން ކާށިދޫ ހާސްވެފައި!

18 ޖެނުއަރީ 2024

ކ.ކާށިދޫގެ އަށް އާއިލާއެއްގެ އެތައް ބަޔަކަށް، ވާގޮތެއް ނޭނގި ހާލު ބޮޑުވަނީ އެވެ. އަތްފައިގެ ވަރު ދޫވެ ހިނގާބިނގާވެ ނޫޅެވޭ ހާލަތަށް ދަނީ އެވެ. މި ވާގޮތެއް ނޭނގި، ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން އެ ރަށު ހެލްތު ސެންޓަރުން އިސްނަގައިގެން ސާވޭއެއް ހެދި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކ.ކާށިދޫގެ އަށް އާއިލާއެއްގެ އެތައް ބަޔަކަށް، ވާގޮތެއް ނޭނގި ހާލު ބޮޑުވަނީ އެވެ. އަތްފައިގެ ވަރު ދޫވެ ހިނގާބިނގާވެ ނޫޅެވޭ ހާލަތަށް ދަނީ އެވެ. މި ވާގޮތެއް ނޭނގި، ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން އެ ރަށު ހެލްތު ސެންޓަރުން އިސްނަގައިގެން ސާވޭއެއް ހެދި އެވެ.

އެ ސާވޭއިން ކަށަވަރުވީ، 7-8 އާއިލާއެއްގެ 35 އަށް ވުރެ ގިނަ މީހުންނަށް ނާރަށް ދިމާވާ އެ ހާލަތު ކުރިމަތިވެފައިވާ ކަމެވެ.

ކާށިދޫ ސިއްހީ މަރުކަޒުގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު ޔޫސުފް ޝުޖާއު ވިދާޅުވި ގޮތުގައި، އެ އެންމެންގެ ފަރާތުން ވެސް ފެންނަނީ "އެޓެކްސިއާ" ނަމަކަށް ކިޔާ ބަލީގެ އަލާމާތްތަކެވެ. ނަމަވެސް، އެ ހާލަތު ދިމާވަނީ ކޮން ބައްޔެއްގެ ސަބަބުން ކަމެއް އަދި ނޭނގެ އެވެ. އެޓެކްސިއާގެ ސަބަބުން، އަތާއި ފައިގެ ވަރު ދޫވެ އެވެ. އަދި ވަކި ހިސާބަކުން ތުރުތުރު އަޅައި، ހަރަކާތްތައް ލަސްވެ، ހިނގައިބިނގާވެ އުޅުމާއި ވާހަކަދެއްކުމުގައި ދަތިތައް ދިމާވެ އެވެ.

ހާލަތު ގޯސްވެއްޖެ ނަމަ އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވެ އެވެ. އެކަމަކު، ޝުޖާއު ވިދާޅުވީ ރަށުގައި މި ވަގުތު އެ މައްސަލަ ހުރިކަން އެނގޭ މީހުންގެ ތެރޭގައި، އަމިއްލަ ނޫޅެވޭ ހާލަތުގައި ވެސް އެއް ބަޔަކު އެބަތިއްބެވެ. ބައެއް މީހުންގެ އަލާމާތްތައް ފެންނަނީ ވަރަށް ފަހުންނެވެ. އަލާމާތެއް ނުފެނި، ދަރިން ލިބޭ ފަހުން، އެ ކުދިންނަށް މި ބަލި ވާރުތަވެފައި ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއީ ވާރުތަކުރާ ބައްޔަކަށް ވެ، އެކަމަށް ފަރުވާއެއް ނުލިބި އެތައް ބަޔަކަށް އެ ހާލަތު ކުރިމަތިވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ކާށިދޫ ކައުންސިލުން ބުންޏެވެ.

"މިއީ ހަމަ ބޮޑު ކޮންސާނެއް މި ރަށުގައި. ކޮންސާނަކަށް ވާނެތާ އެ އާއިލާއަކުން މޫވް ކުރަންޏާ ބޮޑު ތަނަކަށް ފެތުރިގެންދާ ކަހަލަ ގޮތަކަށް މި ދަނީ،" އޭނާ ވިދާޅުވި އެވެ.

އެ އަލާމާތްތައް އެންމެ ކުރިން ފެނުނީ 2-3 އާއިލާއަކުންނެވެ. އެކަމަކު، އެ އާއިލާތަކުގެ މީހުން ކައިވެނިކޮށް، ގިނަ ބަޔަކަށް އެ ހާލަތު ދިމާވާން ފެށުމުން ސާވޭކުރީ އެވެ. އެކަމާ ގުޅިގެން އާސަންދަ ކުންފުންޏާއި އިންޑިއާގެ ޓީމަކުން ވެސް އެ ރަށަށް ގޮސް ހާލަތު ބެލި ކަމަށް ކާށިދޫ ހެލްތު ސެންޓަރުން ބުންޏެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި އެ ބަލީގައި މި ވަގުތު ހުރި އެންމެ ދުވަސްވީ މީހާގެ އުމަރަކީ 70 އަހަރެވެ. އެންމެ ޒުވާން އުމުރަކީ 18 އަހަރުގެ އަންހެން ކުއްޖެކެވެ. ބައެއް މީހުން އެނދުމަތިކޮށްފައި ނެތަސް، ދިރިއުޅެނީ އެހެން މީހުންގެ އެހީގައި ކަމަށް ސިއްހީ މަރުކަޒުން ބުންޏެވެ.

ކާށިދޫގައި ވާރުތަވާ ބަލި ފެތުރޭތީ، އެ ރަށު ހެލްތު ސެންޓަރުން އިސް ނަގައިގެން ބޭއްވި ސާވޭގައި، މީހަކާ ބައްދަލުކުރަނީ.-- ފޮޓޯ: ކާށިދޫ ހެލްތު ސެންޓަރު

ކާށިދޫގައި ވާރުތަވާ ބަލި ފެތުރޭތީ، އެ ރަށު ހެލްތު ސެންޓަރުން އިސް ނަގައިގެން ބޭއްވި ސާވޭގައި، މީހަކާ ބައްދަލުކުރަނީ.-- ފޮޓޯ: ކާށިދޫ ހެލްތު ސެންޓަރު

އެއް އާއިލާއެއްގެ އެއްބަނޑުއެއްބަފާ ހަ މީހުންނަށް ވެސް އެ ބަލި ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ކިރިޔާ އަލާމަތްތައް ފެންނަ ކުދިން ހިމެނެ އެވެ. އެ ކުދިންގެ ބައްޕަ މީގެ ކުރިން ނިޔާވީ، ގޮތް ނޭނގޭ އެ ބަލީގަ އެވެ.

މި ކަމަށް ވަކި ފަރުވާއެއް ނެތެވެ. ނަމަވެސް، ހެލިފެލިވެ އުޅުމާއި ފިޒިއޮތެރަޕީ ދޭން ފަށައިފި ނަމަ ހާލަތު ގޯސް ނުވެ، އެއްވަރެއްގައި ހިފެހެއްޓި ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދެ އެވެ. އެހެންވެ، ކާށިދޫ ހެލްތު ސެންޓަރުން ވަނީ އެ ތަނުގައި ތެރަޕީގެ ހިދުމަތް ފަށައިދިނުމަށް ހެލްތު މިނިސްޓްރީގައި ރަސްމީކޮށް އެދިފަ އެވެ. އަދި ސާވޭގެ ނަތީޖާ ވެސް މިނިސްޓްރީއަށް ވަނީ ހުށަހަޅައިފަ އެވެ.

މިކަން އެނގިފައިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވީ ކާށިދޫގެ އެ ގޮތް ނޭނގޭ ބައްޔާ ގުޅިގެން ޖެނެޓިކް ޓެސްޓު ހަދާފައިވަނީ ތިން މީހެއްގެ ކަމަށެވެ. އޭގެ ތެރެއިން، ދެ މީހަކަށް ވެސް ދިމާވެފައިވަނީ ވާރުތަވާ ކަހަލަ ދެ ބައްޔެއް ކަމަށް އޭނާ ވިދާޅުވި އެވެ. ހެލްތު މިނިސްޓްރީން މިހާރު އަންނަނީ އެންސްޕާ، އާސަންދަ، އައިޖީއެމްއެޗް އަދި އެމްއެންޔޫއާ ގުޅިގެން އެކަން އިތުރަށް ދިރާސާކުރަން ތައްޔާރުވަމުންނެވެ. އެ މަސައްކަތް ނިމުމުން، ރަށުގެ މެޖޯރިޓީގައި ތިބީ ކޮން ބައްޔެއް ޖެހިފައި ތިބި ބައެއްތޯ ނުވަތަ ވާރުތަކުރާ ދެ ބަލި ރަށު ތެރޭގައި އުޅެނީތޯ ޔަގީންވާނެ އެވެ.

ކާށިދޫގައި ވާރުތަވާ ބަލި ފެތުރޭތީ، އެ ރަށު ބަޔަކާ ހެލްތު ސެންޓަރުގެ އިސްވެރިން ބައްދަލުކުރަނީ.-- ފޮޓޯ: ކާށިދޫ ހެލްތު ސެންޓަރު

ކާށިދޫގައި ވާރުތަވާ ބަލި ފެތުރޭތީ، އެ ރަށު ބަޔަކާ ހެލްތު ސެންޓަރުގެ އިސްވެރިން ބައްދަލުކުރަނީ.-- ފޮޓޯ: ކާށިދޫ ހެލްތު ސެންޓަރު

ވާރުވާ ގޮތް ހުއްޓޭނީ، ބަލި ވާރުވާ ގޮތް ފުރަތަމަ އެނގިގެންނެވެ. އޭރުން، އެ ރަށުގައި އެއް އާއިލާއެއްގެ ތެރޭގައި ކައިވެނިކުރާ ނަމަ ޖެނެޓިކް ކައުންސެލިން ދެވި، ޖީން ޓެސްޓު ހެދިދާނެ އެވެ. އެހެންވެ، ކަމާގުޅޭ ފަރާތްތަކުން އަންނަނީ އޭގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރަމުންނެވެ.

ޑޮކްޓަރަކު ވިދާޅުވި ގޮތުގައި ބަލި ދެނެނުގަނެވުނަސް، "އެޓެކްސިއާ" ދިމާވުމަކީ އާއްމު ކަމެއް ނޫނެވެ. އަދި އެ ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ކުޑަ ރަށެއްގައި 35 އަށް އިތުރުވެގެން ދިއުމަކީ، މަދުން ނޫނީ ނުފެންނަ ބައްޔަކަށް ގިނަ އަދަދެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައެއް ރަށްރަށުން އެ ބަލި ޖަހިފައި މީހުން އެބަތިބި ކަމަށެވެ. ނަމަވެސް، އެއް ރަށެއްގައި އެއް އާއިލާއެއްގެ މިހާ ގިނަ ބަޔަކަށް އެ ބަލި ޖެހިފައި ހުރިކަމެއް މީގެ ކުރިން އެނގިފައި ނުވެ އެވެ.

"ދުނިޔޭގެ އެކި ގައުމުތަކުގައި ވެސް މިހެން ހުންނާނީ. އެއް ވިލެޖެއްގައި ހުންނާނީ ބައިވަރު. ވިލެޖުގެ ތެރެއިން އެ މީހުން ކައިވެނިކުރާނީ، އެހެންވީމަ ޖެނެޓިކް މިއުޓޭޝަނެއް އެ ވިލެޖުގައި އިނދެފިއްޔާ އެ ވިލެޖުގައި ބައިވަރު މީހުން ހުންނާނެ. އިންޑިއާގައި ވެސް އަދި އެހެން ތަންތާގައި ވެސް ހުންނާނެ އެގޮތަށް." އެ ޑޮކްޓަރު ވިދާޅުވި އެވެ.