Roadha Mihaaru
މެޑިކަލް، ސްޕޯޓްސް، އެޑިއުކޭޝަން ޓޫރިޒަމް ގެންނަނީ

ރާއްޖެ އަށް މެޑިކަލް، ސްޕޯޓްސް، އެޑިއުކޭޝަން ޓޫރިޒަމް ތައާރަފް ކުރަން މަސައްކަތް ފަށައިފި

19 ޖެނުއަރީ 2024

ރާއްޖޭގެ ޓޫރިޒަމަށް މެޑިކަލް އާއި ސްޕޯޓްސް އަދި އެޑިއުކޭޝަން ޓޫރިޒަމް ތައާރަފް ކުރަން މަސައްކަތް ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގެ ޓޫރިޒަމަށް މެޑިކަލް އާއި ސްޕޯޓްސް އަދި އެޑިއުކޭޝަން ޓޫރިޒަމް ތައާރަފް ކުރަން މަސައްކަތް ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ދިވެހި އަންހެނުން އިތުރު ކުރުމަށް ފެށި "ފަހި ފަތުރުވެރިކަމަށް އަންހެނުން" ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް އެހެން ހަރުފަތަކަށް ގެންދިއުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ.

ޓޫރިޒަމް ޑައިވާސިފައި ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި އެކަން ހާސިލް ކުރުމަށް ޓޫރިޒަމްގެ ދާއިރާ އަށް އާ ކަންކަން ތައާރަފް ކުރެވިދާނެތޯ ބެލުމުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅުގައި ހުރި އިގްތިސޯދީ މަސައްކަތްތަކަށް ބަލާއިރު، އަޅުގަނޑަށް މި ޕޯޑިއަމްގައި ހުރެފައި ހަތަރު ބަޔަކަށް ބަހާލެވިދާނެ. އެއް ކަމަކީ ޓޫރިޒަމް މިނިސްޓަރު ހިމެނޭ ވިޒިޓާ އިކޮނޮމިކް ކައުންސިލް ނުވަތަ ޓޫރިޒަމް އިންޑަސްޓްރީގެ ތެރެއިން ޑައިވާސިފައި ކުރުން. އެއީ ހެލްތު ސްޕޯޓްސް އެޑިއުކޭޝަން، އެއީ މިއަދުގެ ސަރުކާރުން، ރައީސް ބޭނުންފުޅުވާ ގޮތް. އިތުރަށް [ޓޫރިޒަމް] ޑައިވާސިފައި ކުރުން،" ސައީދު ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު، އަހުމަދު ސައީދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު، އަހުމަދު ސައީދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ރައީސްގެ ވިސްނުންފުޅުގައި ހުރީ ޓޫރިޒަމް ދާއިރާ އިތުރަށް ފުޅާކުރަންކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އޭގެ ސަބަބުން ރަށްރަށުގަ އާއި ގެސްޓް ހައުސްތަކުގެ އިތުރުން ވަން އައިލެންޑް، ވަން ރިސޯޓް ކޮންސެޕްޓުގައި މެޑިކަލް ޓޫރިޒަމް އިންޓްރޮޑިއުސް ކުރެވިދާނެތޯ، ސްޕޯޓްސް ޓޫރިޒަމް އިންޓްރޮޑިއުސް ކުރެވިދާނެތޯ، އެޑިއުކޭޝަން ޓޫރިޒަމް އިންޓްރޮޑިއުސް ކުރެވިދާނެތޯ އަދި އެކަމަށް ދެވޭނީ ކޮން ކަހަލަ އެހީއެއްތޯ، ސަރުކާރުން ކޮން ކަހަލަ އެހީތެރިކަމެއްތޯ ދެވޭނީ މިދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރެވެމުން،" ސައީދު ވިދާޅުވި އެވެ.

ދުނިޔޭގެ ފެންވަރުގެ ހޮޓެލް ސްކޫލެއް ރާއްޖޭގައި އިމާރާތްކުރުން ރައީސް ޑރ. މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަމަށާއި އެ ދާއިރާގެ ހުރިހާ މިނިސްޓްރީތަކެއް ގުޅިގެން އެކަން ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

މިދިޔަ ނޮވެމްބަރު މަހު ބޭއްވި ރައީސްގެ ކެބިނެޓްގެ ފުރަތަމަ ބައްދަލަވުމަށް ފަހު ސައީދު ވިދާޅުވެފައި ވަނީ ވިޒިޓާ އިކޮނޮމީ މޮޑެލް އަކީ މިހާރު ވަރަށް ގިނަ ގައުމުތަކުން ބޭނުން ކުރަމުން އަންނަ މޮޑެލެއް ކަމަށެވެ.

"އެ މޮޑެލްގެ ދަށުން ރާއްޖެ އަށް، ސްޕޯޓްސްގެ ދާއިރާ އިން، ސްޕޯޓްސް ޓޫރިޒަމް ތައާރަފް ކުރުމަކީ ރައީސްގެ ވަރަށް ބޮޑު މިޝަންއެއް. ސެއިލިން އަކީ ގެނެވޭނެ ކަމެއް،" މިނިސްޓަރު އޭރު ވިދާޅުވެފައި ވެ އެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު، އަހުމަދު ސައީދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު، އަހުމަދު ސައީދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ކަލްޗަރަލް ޓޫރިޒަމާއި ހަޔާ އެޑިއުކޭޝަން ޓޫރިޒަމް ފަދަ އެތައް ކަމެއް، ޓޫރިޒަމް ޑައިވާސިފައި ކުރުމުގެ ގޮތުން ރާއްޖެ އަށް ގެނެވޭނެ ކަމަށާއި އެ މަސައްކަތްތައް ކައުންސިލް ކުރާނެ ކަމަށް އޭރު ވެސް ސައީދު ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާ އަށް އާ ކަންތައްތަކެއް ތައާރަފް ކުރުމުގެ މަސައްކަތް މި ސަރުކާރުން ފަށާފައި ވާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ލ. އަތޮޅު ތަރައްގީކޮށް އެ ހިސާބުގައި މެޑިކަލް ޓޫރިޒަމް ފުޅާކުރައްވާނެ ކަމަށް އޭރު ސަރުކާރުން ދިޔައީ ބުނަމުންނެވެ.

ނަމަވެސް ގަމުގައި ޓާޝަރީ އާ ހޮސްޕިޓަލަކާއި ކެންސަރު ބައްޔަށް ވަކި ހޮސްޕިޓަލެއް އަޅަން އެއްބަސްވުމުގައި ސޮއިކުރުން ފިޔަވައި އިތުރު އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

އޭރު ވެސް ސްޕޯޓްސް ޓޫރިޒަމާއި އެޑިއުކޭޝަން ޓޫރިޒަމް ގެނައުމުގެ ވާހަކަތައް ވެސް ދެެއްކެވުނަސް އެކަން ކާމިޔާބު ކުރެއްވުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.