Roadha Mihaaru
އާ ކައުންސިލްގެ ބޭނުމަކީ ދެކޮޅުޖެހޭ އާމްދަނީއެއް ހޯދުން

ވިޒިޓާ އިކޮނޮމީ ކައުންސިލްގެ ބޭނުމަކީ ދެކޮޅުޖެހޭ އާމްދަނީއެއް ހޯދުން: ސައީދު

20 ނޮވެމްބަރ 2023

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗެއާކުރައްވާ "ވިޒިޓާ އިކޮނޮމީ ކައުންސިލް"ގެ މަގުސަދަކީ ޓޫރިޒަމް ޑައިވާސިފައިކޮށް، ދެކޮޅު ޖެހޭ އާމްދަނީއެއް ހޯދުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗެއާކުރައްވާ "ވިޒިޓާ އިކޮނޮމީ ކައުންސިލް"ގެ މަގުސަދަކީ ޓޫރިޒަމް ޑައިވާސިފައިކޮށް، ދެކޮޅު ޖެހޭ އާމްދަނީއެއް ހޯދުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ރައީސްގެ ކެބިނެޓްގެ ފުރަތަމަ ބައްދަލަވުމުގައި މިނިސްޓަރުން ހިމެނޭ ގޮތަށް އާ ކައުންސިލެއް ވަނީ އުފައްދަވައިފަ އެވެ. އެއީ އިކޮނޮމިކް ކައުންސިލާއި ސޯޝަލް ކައުންސިލްއާ ވަކިން އޮންނަ، ރައީސް ޗެއާ ކުރައްވާ ކައުންސިލެކެވެ.

މި ކައުންސިލްގެ މަސައްކަތްތަކާ ގުޅޭ ގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ވިޒިޓާ އިކޮނޮމީ ކައުންސިލަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކައުންސިލެއް ކަމަށެވެ.

ރާއްޖޭގެ އިގުތިސާދު އެންމެ ބޮޑަށް ޓޫރިޒަމަށް ބަރޯސާވެފައިވާއިރު، ޓޫރިޒަމް ޑައިވާސިފައި ކުރުމަކީ ރައީސްގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ސައީދު ވިދާޅުވި އެވެ. އެކަން ހާސިލް ކުރުމަށް ޓޫރިޒަމްގެ އެކި ހަރަކާތްތައް ރާއްޖެ އަށް ތައާރަފް ކުރާނެ ކަމަށާއި އެކަމާ ގުޅޭ ކަންކަން ނިންމާނީ ކައުންސިލުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ކައުންސިލަކީ ވަރަށް ސްޓެރެޓެޖިކް ކައުންސިލެއް. ދުރުރާސްތާ މެދުރާސްތާ އަދި ކުރުރާސްތާ އަށް ވެސް ޓާގެޓް ކުރެވިގެން ވަކި ޓާގެޓަކަށް އަމާޒުކޮށް މަސައްކަތް ކުރާނެ ކައުންސިލެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު ޓޫރިޒަމުން 4.5 ބިލިއަން ރުފިޔާ ލިބޭއިރު ސައީދު ވިދާޅުވި ގޮތުގައި އަމާޒަކީ ކައުންސިލްގެ މަސައްކަތުން އެ އަދަދު 6 ބިލިއަން ރުފިޔާއަށް އިތުރުކުރުމެވެ.

ކައުންސިލްގައި ތިއްބަވާ ބޭފުޅުން

- ރައީސް ޑރ. މުހައްމަދު މުއިއްޒު (ޗެއާ)

- އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

- ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް

- އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

- ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު - ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު

- ޓްރާންސްޕޯޓް މިނިސްޓަރު މުހަންމަދު އަމީން

- ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ

ވިޒިޓާ އެކޮނޮމީ ކައުންސިލްއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ވިޒިޓާ އެކޮނޮމީ ކައުންސިލްއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

މިނިސްޓަރު ވިދާޅުވީ ވިޒިޓާ އިކޮނޮމީ މޮޑެލް އަކީ މިހާރު ވަރަށް ގިނަ ގައުމުތަކުން ބޭނުން ކުރަމުން އަންނަ މޮޑެލެއް ކަމަށާއި ކޮވިޑަށް ފަހު އޮސްޓްރޭލިއާ އިން ވެސް އެކަން ފުޅާކޮށްފައިވާ ކަމަށެވެ. އަދި އިނގިރޭސިވިލާތާއި ދުބާއީގެ ޓޫރިޒަމް ޑައިވާސިފައި ކުރުމަށް ވިޒިޓާ އިކޮނޮމީ މޮޑެލްތައް ބޭނުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މޮޑެލްގެ ދަށުން ރާއްޖެ އަށް ވެސް ވަރަށް ގިނަ ހަރަކާތްތައް ގެނެވޭނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ސްޕޯޓްސް ޓޫރިޒަމަކީ އޭގެ އެއް މިސާލެވެ.

"ސްޕޯޓްސްގެ ދާއިރާއިން، ސްޕޯޓްސް ޓޫރިޒަމް ތައާރަފް ކުރުމަކީ ރައީސްގެ ވަރަށް ބޮޑު މިޝަންއެއް. ސެއިލިން އަކީ ގެނެވޭނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އޭގެއިތުރުން ކަލްޗަރަލް ޓޫރިޒަމާއި ހަޔާ އެޑިއުކޭޝަން ޓޫރިޒަމް ފަދަ އެތައް ކަމެއް، ޓޫރިޒަމް ޑައިވާސިފައި ކުރުމުގެ ގޮތުން ރާއްޖެ އަށް ގެނެވޭނެ ކަމަށާއި އެ މަސައްކަތްތައް ކައުންސިލް ކުރާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި އޭގެ ސަބަބުން ދެ ކަމެއް ހާސިލްވާނެ އެވެ. އެއީ ރާއްޖެ އަންނަ ވިޒިޓާސްއަށް ދުނިޔޭގެ ފެންވަރުގެ ކަންތައްތަކެއް ކުރެވުމާއި ދިވެހިންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ރާއްޖޭން ލިބުމެވެ.

"އެންމެ ބޮޑު ބޭނުމަކީ ދެކޮޅު ޖެހޭ އިކޮނޮމީއެއް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ތައާރަފްކޮށް ދެމެހެއްޓެނެވި ކޭޝް ފްލޯއެއް ރަނގަޅު އިގްތިސާދެއް ގެންގުޅެވި ތަރައްގީވެފައި އޮތް ގައުމަކަށް ހެއްދެވުން،" މިނިސްޓަރު ވިދާޅުވި އެވެ.