Roadha Mihaaru
ސަހަރާގައި ފެންބޮޑުވުން ހައްލުކުރަން ޑްރެއިން ސިސްޓަމެއް

ހުޅުމާލެ ސަހަރާގައި ފެން ބޮޑުވުން ހައްލު ކުރަން ދޮޅުފޫޓަށް ވެލި އަޅައި، ޑްރެއިން ސިސްޓަމެއް ގާއިމްކުރަނީ

20 ޖެނުއަރީ 2024

ވާރޭ ވެހުމުން ހުޅުމާލެ ސަހަރާގައި ފެންބޮޑުވެ، މީހުން ވަޅު ނުލެވޭ މައްސަލަ ހައްލު ކުރުމަށް ދޮޅުފޫޓަށް ވެލި އަޅައި، ޑްރެއިން ސިސްޓަމެއް ގާއިމްކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ވާރޭ ވެހުމުން ހުޅުމާލެ ސަހަރާގައި ފެންބޮޑުވެ، މީހުން ވަޅު ނުލެވޭ މައްސަލަ ހައްލު ކުރުމަށް ދޮޅުފޫޓަށް ވެލި އަޅައި، ޑްރެއިން ސިސްޓަމެއް ގާއިމްކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލެ އަށް މި މަހު ކުރި ވިއްސާރައިގައި ހުޅުމާލެ ސަހަރާގެ ބިމު އަޑިން ފެންގަނޑު ނުހިނދޭތީ، އެ ތަނުގައި މީހުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި، މާލޭގެ އާ ސަރަހަރާގައި މީހުން ވަޅުލުން ދެ ފަހަރަށް ބަދަލުކުރި އެވެ.

އެހެންވެ، މިދިޔަ ބުދަ ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެ މައްސަލަ އަށް ހައްލު ހޯދައިދިނުމަށް އެދިވަޑައިގެން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި އެވެ.

އެއީ ހުޅުމާލެ ސަހަރާގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ފެން ހިންދާ ނިޒާމު [ޑްރެއިން ސިސްޓަމެއް] ގާއިމުކުރުމަށެވެ.

އެ މައްސަލަ ހައްލު ކުރަން މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރު ހުށަހެޅުއްވީ ސަހަރާ އަށް ދޮޅުފޫޓަށް ވެލިއެޅުމަށެވެ.

ސަހަރާގެ މަރާމާތުގައި އިތުރު ކަންކަން ހިމަނައި އެކަން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުން.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުން.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ހުޅުމާލޭގެ ސަހާރާ މަރާމާތުގައި ހިމެނޭ ކަންކަން:

- ދެ ފާހާނާ ބަރީގެ މަސައްކަތް.

- ސަހަރާ އަށް ފީޑިން ރޫމެއް އިތުރުކުރުން.

- ހިނަވާ ގެތަކުގެ އޮޅިގަނޑު މަރާމާތުކުރުން.

- ވީލްޗެއާގައި މައްޔިތާގެ މޫނު ބެލުމާއި ކަށުނަމާދަށް ވަދެވޭނެ ނިޒާމެއް ގާއިމުކުރުން.

މީގެ ކުރިން މާލޭގެ އާ ސަހަރާގައި މީހުން ވަޅުލަމުން ދިޔަ ނަމަވެސް މީހުން ވަޅުލުން ހުއްޓާލާފައި ވަނީ އެ ތަނުގައި އާ އިމާރާތްތަކެއް ހަދާތީ އެވެ.

އާ ސަރަހަރާ އަށް ދާ މީހުން މަޑުކުރާނެ ޖާގަ އިތުރު ކުރުމަށްޓަކައި ބައެއް ތަންތަން ތަޅާލައި، ދެ ބުރީގެ އިތުރު އިމާރާތެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ މިދިޔަ ޖޫން 4 ގަ އެވެ. ނަމަވެސް، އެއް މަސް ދުވަހަށް ހަވާލުކުރި މަސައްކަތް ނުނިމި ވަނީ ދިގުލައިގެން ގޮސްފަ އެވެ. އެކަމަކު، އަލުން އެ މަސައްކަތް ފަށައި ވަނީ ސްޕީޑް އަވަސް ކޮށްފަ އެވެ.