Roadha Mihaaru
ފްރާންސް ލީގަށްވުރެ ސައުދީ ލީގު ވާދަވެރި: ރޮނާލްޑޯ

ފްރާންސް ލީގަށްވުރެ ސައުދީ ލީގު ވާދަވެރި: ރޮނާލްޑޯ

21 ޖެނުއަރީ 2024

ފްރާންސް ލީގަށްވުރެ ސައުދީ އަރަބިއްޔާގެ ލީގު މާ ފެންވަރު ރަނގަޅުވެފައި، ވާދަވެރި ކަމަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ފްރާންސް ލީގަށްވުރެ ސައުދީ އަރަބިއްޔާގެ ލީގު މާ ފެންވަރު ރަނގަޅުވެފައި، ވާދަވެރި ކަމަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

މިދިޔަ އަހަރު ރޮނާލްޑޯ ވެފައި ވަނީ ސައުދީ ލިީގުން ގެނައި ފުރަތަމަ ތަރިއަށެވެ. މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް އައް ނަސްރަށް އޭނާ ސޮއިކުރީ ރެކޯޑް މުސާރައަކަށެވެ.

ރޮނާލްޑޯ އަށް ފަހު، ޖެހިގެން އައި ސީޒަންގައި ކަރީމް ބެންޒެމާ އާއި ނޭމާ އަދި މާނޭ ފަދަ ކުޅުންތެރިން ވަނީ ޔޫރަޕް ދޫކޮށް ސައުދީ ލީގުގެ ޓީމުތަކާ ގުޅިފަ އެވެ.

"ހަގީގަތަށް ބުނާ ނަމަ ސައުދީ ލީގު، ފްރާންސް ލީގުހާ ގޯހެއް ނޫން. އަހަރެން ދެކޭގޮތުގައި [ސައުދީ ލީގު] މާ ވާދަވެރި،" ދުބާއީގައި އޮތް ގްލޯބް ސޮކާ އެވޯޑްސް 2023 ގައި ބުންޏެވެ.

ރޮނާލްޑޯ ވަނީ މި އެވޯޑުގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. މިފަހަރު އެވޯޑް ހޯދީ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ނޯވޭގެ ސްޓްރައިކަރު އާލިން ހާލަންޑެވެ. އެންމެ މޮޅު ކޯޗުގެ އެވޯޑް ލިބުނީ ސިޓީގެ ޕެޕް ގާޑިއޯލާ އަށެވެ.

ރޮނާލްޑޯ ވަނީ ސަޕޯޓަރުންގެ މެދުގައި އެންމެ މަގުބޫލު ކުޅުންތެރިޔާއަށް ދޭ އެވޯޑް ލިބިފަ އެވެ. ހަމަ އެއާ އެކު މެދުއިރުމަތީގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި ލެޖެންޑް މަރަޑޯނާގެ ހަނދާނުގައި މިއަހަރު އަލަށް ތައާރަފް ކުރި އަހަރުގެ އެންމެ ގިނަ ގޯލު ޖަހި ކުޅުންތެރިޔާއަށް ދޭ އެވޯޑް ވެސް ހޯދީ އޭނާ އެވެ.

"ފާޑު ކިޔާ މީހުންނަށް ކިތަންމެ އެއްޗެއް ކިޔިދާނެ، އަހަރެން ފާޅުކުރަނީ އަހަރެންގެ ހިޔާލު. އަހަރެން ސައުދީ ލީގުގައި ކުޅޭތާ ދުވަސްކޮޅެއް ވެއްޖެ، އެހެންވެ އެނގި ހުރެ މިހެން މި ބުނަނީ،" ފަސް ފަހަރު ބެލޮންޑިއޯ ކާމިޔާބު ކުރި ރޮނާލްޑޯ ބުންޏެވެ.

"އަހަރެން ދެކޭގޮތުގައި ފްރާންސް ލީގަށްވުރެ އަހަރެމެންގެ [ސައުދީ] ލީގު މާ ފެންވަރު ރަނގަޅު، އަދި ކުރިއަަށް އޮތްތަނުގައި އިތުރަށް ކުރިއަރައި ދާނެ."