Roadha Mihaaru
ސޮނީ އިންޑިއާ އާއި ޒީގެ ވަރުގަދަ ޕާޓްނާޝިޕް ރޫޅާލަނީ

ސޮނީ އިންޑިއާ އާއި ޒީގެ ވަރުގަދަ ޕާޓްނާޝިޕް ރޫޅާލަނީ

23 ޖެނުއަރީ 2024

މުނިފޫހިފިލުވުމުގެ ކޮންޓެންޓުތައް އުފައްދާ އިންޑިއާގެ އެންމެ ވަރުގަދަ ދެ ކުންފުނި ކަމަށްވާ ޒީ އެންޓަޓެއިންމަންޓް އެންޓަޕްރައިޒެސް ލިމިޓެޑް (ޒީލް) އާއި ސޮނީ އެންޓަޓެއިންމަންޓް ނެޓްވޯކް ގުޅުވާލަން ހަދަން އުޅުނު 10 ބިލިއަން ޑޮލަރުގެ އަގުބޮޑު ޕާޓްނާޝިޕް ޑީލް ރޫޅާލަން ސޮނީން ނިންމައިފި އެވެ.

މުނިފޫހިފިލުވުމުގެ ކޮންޓެންޓުތައް އުފައްދާ އިންޑިއާގެ އެންމެ ވަރުގަދަ ދެ ކުންފުނި ކަމަށްވާ ޒީ އެންޓަޓެއިންމަންޓް އެންޓަޕްރައިޒެސް ލިމިޓެޑް (ޒީލް) އާއި ސޮނީ އެންޓަޓެއިންމަންޓް ނެޓްވޯކް ގުޅުވާލަން ހަދަން އުޅުނު 10 ބިލިއަން ޑޮލަރުގެ އަގުބޮޑު ޕާޓްނާޝިޕް ޑީލް ރޫޅާލަން ސޮނީން ނިންމައިފި އެވެ.

ސޮނީ އެންޓަޓެއިންމަންޓް ނެޓްވޯކްގެ މައި ކުންފުނި، ޖަޕާނުގެ ސޮނީ ގްރޫޕް ކޯޕަރޭޝަނުން ވަނީ އެ ޑީލް ރޫޅާލަން ނިންމާފައިވާކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ.

ސޮނީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޕާޓްނާޝިޕް ޑީލް ހަދަން ކުންފުނި އެއްބަސްވި ގޮތަށް ކަންކަން ނުދިޔަ ކަމަށެވެ. އެ ޑީލް ހަދަން ކަނޑައެޅި ތާރިހު ފަހަނައަޅައި ދިއުމާއި ޒީގެ ފަރާތުން އުއްމީދުކުރި ވަރުގެ އެއްބާރުލުމެއް ނުލިބުމުން އެއްބަސްވުމަކަށް ނާދެވުނު ކަމަށް އެ ބަޔާނުގައިވެ އެވެ.

އެހެންވެ، އެ ޑީލް ރޫޅާލަން ސޮނީން ނިންމާފައިވާކަން ޒީ އަށް މިހާރު ސިޓީއަކުން އަންގާފައިވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ސޮނީ އާއި ޒީގެ ޓީވީ ޗެނަލްތަކާއި ސްޓްރީމިން ސާވިސްތައް ގުޅުވާލަން ނިންމައި އެކަމުގެ މަޝްވަރާތައް މި ދެ ކުންފުނިން ފެށީ މީގެ ދެ އަހަރު ކުރިންނެވެ.

ބައެއް ރިޕޯޓްތައް ބުނި ގޮތުގައި، މި ޕާޓްނާޝިޕް ރޫޅާލަން ސޮނީން ނިންމުމުން އެ ކުންފުނިން ޒީ އަށް ޓާމިނޭޝަން ފީއެއްގެ ގޮތުގައި 10 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ. ނަމަވެސް، ސޮނީގެ ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި މި ޑީލް ރޫޅާލިޔަސް އެ ކުންފުންޏަށް މާލީ ގޮތުން އެއްވެސް ދަތިކަމެއް ކުރިމައްޗެއް ނުވާނެ އެވެ.

މި ޑީލް ރޫޅާލަން ޖެހުނީ ޒީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޕުނިތު ގޮއެންކާ އެ ކުންފުނި ހިންގާ ގޮތާ ގުޅިގެން ފެންމަތިވެފައި ހުރި ލީޑާޝިޕާ ގުޅޭ ބައެއް މައްސަލަތަކުގެ ސަބަބުން ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

ސޮނީ އާއި ޒީ ގުޅުވާލި ނަމަ، އެ ކުންފުނިތަކުގެ ދަށަށް 70 އަށް ވުރެ ގިނަ ޓީވީ ޗެނަލް އަންނާނެ އެވެ. އަދި އިންޑިއާގެ ދެ ސްޓްރީމިން ސާވިސް ކަމަށްވާ ޒީފައިވް އާއި ސޮނީ ލައިވް ވެސް ގުޅުވާލާނެ އެވެ. އަދި އިންޑިއާގެ އެންމެ ބޮޑު ފިލްމު ސްޓޫޑިއޯސްތަކުގެ ތެރޭގައި ހިމެނޭ ޒީ ސްޓޫޑިއޯސް އާއި ސޮނީ ޕިކްޗާސް ފިލްމްސް ވެސް ގުޅުވާލާނެ އެވެ.