Roadha Mihaaru
އިންޑިއަން އައިޑޮލް: ޓްރޮފީ އުފުލައިލީ ސަނީ

އިންޑިއަން އައިޑޮލް 11: ޓްރޮފީ އުފުލައިލީ ސަނީ ހިންދުސްތާނީ

24 ފެބުރުއަރީ 2020

ގިނަ ބަޔަކު ކުރިން ވެސް ލަފާކުރި ގޮތަށް، ސަނީ ހިންދުސްތާނީ އިންޑިއަން އައިޑޮލް ސީޒަން 11 ކާމިޔާބުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގިނަ ބަޔަކު ކުރިން ވެސް ލަފާކުރި ގޮތަށް، ސަނީ ހިންދުސްތާނީ އިންޑިއަން އައިޑޮލް ސީޒަން 11 ކާމިޔާބުކޮށްފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ގެނެސްދިން ފިނާލޭ ޝޯގައި ސަނީ ވަނީ އައިޑޮލް ޓްރޮފީ އުފުލައިލުމުގެ އިތުރަށް ސޮނީން ދިން ފައިސާގެ އިނާމު ވެސް ހާސިލުކޮށްފަ އެވެ. މީގެ އިތުރުން ޓާޓާ އަލްޓްރޯޒް މޮޑެލްގެ ކާރަކާއި އިންޑިއާގެ އެންމެ ބޮޑު މިއުޒިކް ކުންފުނި އަދި ފިލްމު ވެސް އުފައްދާ ޓީ ސީރީޒްގެ ފިލްމުތަކަށް ލަވަކިޔުމުގެ ފުރުސަތު ވެސް ވަނީ ސަނީ އަށް ވަނީ ލިބިފަ އެވެ.

އައިޑޮލްގައި ސަނީ ވިދައިލީ ޕާކިސްތާނުގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނުސްރަތު ފަތޭހް އަލީ ޚާން ކިޔާފައިވާ ބޮޑެތި ލަވަތައް ހަމަ އޭނާގެ ސްޓައިލްގައިި ކިޔަން މޮޅު ލަވަކިޔުންތެރިއެއްގެ ގޮތުގަ އެވެ.

ޕަންޖާބުގެ ވަރަށް ފަގީރު އާއިލާއަކަށް ނިސްބަތްވާ ސަނީ އަކީ އައިޑޮލް އަށް ދިއުމުގެ ކުރިން މަގުމަތީގައި މީސްމީހުންގެ ބޫޓް ޕޮލިޝްކޮށްދީގެން އާމްދަނީ ހޯދަމުން ދިޔަ ޒުވާނެކެވެ. ނަމަވެސް އައިޑޮލް އިން ދައްކައިލި ލަވަކިޔުމުގެ ހުނަރާ އެކު އެތައް ބައެއް ލޯތްބާ އެކު، ސަނީ ވަނީ އެތައް ފުރުސަތުތަކެއް ފަހިކޮށްފަ އެވެ.

އެގޮތުން އިންޑިއަން އައިޑޮލް ސީޒަން 11 ކުރިއަށް ދިޔަ އިރު ރިލީޒްވި ދެ ފިލްމަކަށް އޭނާ ލަވަތަކެއް ވެސް ރެކޯޑްކޮށްފައިވެ އެވެ. އެއީ މިދިޔަ މަހު ރިލީޒްކުރި "ޕަންގާ" އާއި ޑިސެމްބަރު މަހު ރިލީޒްކުރި "ދަ ބޮޑީ" އަށެވެ.

މީގެ އިތުރުން ކުރީގެ މިއުޒިކް ލެޖެންޑް ކިޝޯރު ކުމާރުގެ ދަރިފުޅު އަމިތު ކުމާރާއި އައިޑޮލްގެ ޖަޖްކަން ކުރި ހިމޭޝް ރޭޝަމިއާ އާއި މަޝްހޫރު މިއުޒިކް ޑައިރެކްޓަރު/ލަވަކިޔުންތެރިޔާ ބައްޕީ ލެހެރީ ވެސް ވަނީ ސަނީ ލައްވައި ލަވަތަކެއް ރެކޯޑް ކުރުވައިފަ އެވެ.

އިންޑިއަން އައިޑޮލް ސީޒަން 11 ގެ ދެވަނަ ލިބުނީ ރޯހިތު ޝާމް ރައުތަށެވެ. ތިން ވަނަ ގެންދިޔައީ ވައިލްޑް ކާޑްގެ ދަށުން ވާދަކޮށް، ފައިނަލަށް ވާދަކުރި ހަމައެކަނި އަންހެން ބައިވެރިޔާ ކަމަށްވާ އަންކޯނާ މުކަރްޖީ އެވެ. ހަތަރު ވަނަ އަކީ ރިދަމް ކަލިޔާނެވެ. ފަސް ވަނަ ލިބުނީ އަދްރީޒް ގޯޝްއަށެވެ.