ރަސް މާލެ އާއި މާލެ ގުޅުވާލަނީ ކަނޑު އަޑިން އަޅާ "އަންޑާ ވޯޓާ ޓަނަލް" އަކުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.
22 ޖެނުއަރީ 2024
ރަސް މާލެ އާއި މާލެ ގުޅުވާލަނީ ކަނޑު އަޑިން އަޅާ "އަންޑާ ވޯޓާ ޓަނަލް" އަކުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.
މާލޭގެ އާ މޭޔަރު އާދަމް އާޒިމާއި އާ ތިން ކައުންސިލަރުން ހުވާ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ މާލެ އާއި ރަސްމާލެ ގުޅުވާލުމަށްޓަކައި ފަންނީ އިނޮވޭޓިވް މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ ހިއްކުމަކީ މާލޭގެ މީހުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ރައީސް ޑރ. މުއިއްޒުގެ އެންމެ އުންމީދީ މަޝްރޫއެވެ. އެހެންވެ، ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށައި، އެ މަސައްކަތް އަށް މަސް ތެރޭގައި ނިންމަން ވަން ވަނީ އަމާޒު ހިފައިފަ އެވެ.
"ރަސްމާލެއަށް ގުޅުވާލުމަށްޓަކައި ވަރަށް ގާބިލު ކުންފުނިތަކާ އަޅުގަނޑުމެން މިހާރު ވާނީ މަޝްވަރާ ފަށާފައި. މުޅި ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް މިހާރު މި ޕްލޭން ކުރެވެނީ އަންޑަވޯޓާ ޓަނަލް، މާލެއިން ރަސްމާލެއަށް ގުޅުވާލުމުގެ މަސައްކަތް،" ރައީސް ވިދާޅުވި އެވެ.
އާދަމް އާޒިމް މާލޭގެ މޭޔަރު ކަމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާއާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އެ މަނިކުފާނު ވިދާޅުވީ އެ ޓަނަލްގައި ދުއްވާނީ ރޭލެއް ކަމަށާއި އެ ރޭލު ދަތުރުގައި ކަނޑުއަޑީގެ ރީތި މަންޒަރުތައް ފެންނާނެ ކަމަށެވެ.
"އެ މަސައްކަތް ކުރުމަށްޓަކައި އަޅުގަނޑުމެން މިހާރު ވާނީ އެކަމުގެ ގާބިލްކަން ހުރި ކުންފުނިތަކާ އެކީ ފީސިބިލިޓީ މަސައްކަތްތައް ފަށާފައި. މިއީ ޓޫރިޒަމްގެ ބޮޑު މަޝްރޫއުއެއް. މިއީ ރާއްޖޭގެ ޓޫރިސްޓުން އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމެއް. އަޅުގަނޑުމެން ކުރާނީ ދެކޮޅުޖެހޭ މަސައްކަތް،" މާލެ ސަރަހައްދުގެ މީހުން ދިރިއުޅޭނީ ލިންކު އެޅި ގުޅިފައިވާ ތަންތަނުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާލެ ކައިރިން ގޯތި ދިނުމަށް ނިންމާފައިވާ ހުުރިހާ ބިންތަކެއް ހިމެނޭ ރަށްތައް ގުޅާލާނީ ބްރިޖަކުން ކަމަށެވެ. މިހާރު ފެށިގެން ކުރިއަށްދާ ތިމަލާޖެ ބްރިޖު އަދި ދަނީ ތިލަފުއްޓާ ހަމައަށް ކަމަށާއި އުތުރުތިލަފަޅާ ހަމައަށް ގުޅާލުމަށް އިތުރު ދެ ބްރިޖު ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އެ ބްރިޖުތައް ވެސް ނިންމާނީ މި ސަރުކާރުން ކަމަށް ރައީސް ވިދާޅުވި އެވެ. މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި މާލޭގެ ރައްޔިތުންނާއި މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެސް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކޮށްދިނުމެވެ.
އާދަމް އާޒިމް މާލޭގެ މޭޔަރު ކަމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މި ވެރިކަމުގެ ފަސް އަހަރުތެރޭ ބޯހިޔާވަހި ކަމުގެ މައްސަލަ ހައްްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.
"މިތާ ކައިރީގައި މި އޮތް ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރުފަޅާއި މި ތަންތަނުން އެކަނި ހައްލެއް ނުވޭ. އަދި އުތުރުތިލަފަޅުން ވެސް ހައްލެއް ނުވޭ. މާލޭގައި މި އޮތް ގެދޮރުގެ މައްސަލައެއް،" ރައީސް ވިދާޅުވި އެވެ.
ގިރާވަރުފަޅުގައި ފުރިހަމަ ލޭންޑްޔޫޒް ޕްލޭނެއް ނެތް ކަމަށާއި ސަރުކާރުން މިހާރު ކުރާ ކަމަކީ އެ ތަނަށް ޕްލޭނެއް ހެދުންކަން ރައީސް ފާހަގަކުރެއްވި އެވެ.
"އެތަނުގެ މަސައްކަތް އަޅުގަނޑުމެން މިހާރު މި ކުރިއަށް ގެންދަނީ. އަދި އިތުރު ބިން ވެސް، 50 ހެކްޓަރު ހިއްކާނެ. އަދި ގުޅީފަޅުގައި ވެސް އެންމެ ފުންކޮށް އޮތް ބައި ހިމެނޭ ގޮތަށް ބިން އިތުރު ކުރާނަން. އަދި ގުޅީފަޅުގައި ޕޯޓު އެޅުމަކީ ފަންނީ އެއްވެސް މިންގަނޑަކުން ދުރު ރާސްތާއަށް ބަލާއިރު، މި ދަންނަވާ މިހާރުގެ މާސްޓާ ޕްލޭނަށް ބަލާއިރު ރަނގަޅު ކަމަކަށް ނުވާތީ ތިލަފުއްޓަށް އެ ޕޯޓު ބަދަލުކޮށް ގުޅީފަޅުން ލިބެން އޮތް އެންމެ ބޮޑު ޖާގަ ގެދޮރަށް ހާއްސަ ކުރެވިގެން ދާނެ، މިހާރަށްވުރެ ބޮޑަށް."
އިތުރު ޑްރެޖަރުތަކުން ރަސްމާލެ ހިއްކުން އަވަސް ކުރަނީ
"ރަސްމާލެ ޓަނަލަކީ ރައީސްގެ އާދަޔާޚިލާފު ވިޝަނެއް"
ސަރުކާރާއެކު ކޯޅެން ފުރުސަތު ނުދޭނަން: އާޒިމް
ސިޔާސީ ކުޅިސަމާސާ ވައްދަން ފުރުސަތު ނުދޭނަން:ރައީސް
130މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނީ މަޝްރޫއުތަކަށް
ބިޔަ ޕްރޮޖެކްޓްތަކަށް ޗައިނާ އަށް ފުރުސަތު ހުޅުވާލައިފި
މާލެ އިން 17 މިނިޓް: މުސްތަގުބަލުގެ ސިޓީގެ މަލަމަތި
ހިތު ހުރިހާ ގޮތަކަށް ބަޖެޓާ ކުޅެވިގެން ނުވާނެ!
ޒަމާނީ ބަދަލުތަކާއެކު ގަޑިބުރު އަލުން ހުޅުވައިފި
މާއެނބޫދޫން 30 ހެކްޓަރުގެ ބިން ހިއްކާނަން: ރައީސް