Roadha Mihaaru
ސިޔާސީ ކުޅިސަމާސާ ވައްދަން ފުރުސަތު ނުދޭނަން:ރައީސް

ސިޔާސީ ކުޅިސަމާސާގެ ތެރޭގައި ރައްޔިތުން ތާށިކުރަން ފުރުސަތެއް ނުލިބޭނެ: ރައީސް

22 ޖެނުއަރީ 2024

މި ސަރުކާރާ ރައްޔިތުން ހަވާލުކުރީ ވަރަށް ބޮޑު އަމާނާތެއް ކަމަށާއި އެހެންވެ، އެ ޒިންމާއާ "ސިޔާސީ ކުޅިސަމާސާ" ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

މި ސަރުކާރާ ރައްޔިތުން ހަވާލުކުރީ ވަރަށް ބޮޑު އަމާނާތެއް ކަމަށާއި އެހެންވެ، އެ ޒިންމާއާ "ސިޔާސީ ކުޅިސަމާސާ" ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ، މާލޭގެ އާ މޭޔަރު އާދަމް އާޒިމާއި އާ ތިން ކައުންސިލަރުން މަގާމުގެ ހުވާކުރައްވަން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

"މިއީ ވަރަށް ބޮޑު އަމާނާތެއް އަޅުގަނޑު [މިރޭގެ ވާހަކަ] ފަށަމުން ދެންނެވި ގޮތަށް. އަޅުގަނޑުމެންނާ ރައްޔިތުން ހަވާލުކުރީ އަމާނާތެއް. ޒިންމާއެއް، މަސްއޫލިއްޔަތެއް. މި އަށް ސިޔާސީ ކުޅިސަމާސާ ވެއްދުމަކީ ރައްޔިތުން މަގުމަތި ވާނެ ކަމެއް. އެ ފުރުސަތެއް އަޅުގަނޑެއް ނުދޭނަން،" އިދިކޮޅު އެމްޑީޕީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި ދަރުބާރުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުން އެ މަނިކުފާނާ ހަވާލުކުރީ އެ މީހުންނަށް އުފާފާގަތިކަން ގެނެސްދޭން ކަމަށާއި ހުންނެވީ އެ ޒިންމާ އަދާކުރެއްވުންމަތީގައި ކަމަށެވެ. އެ ކަން ފުރިހަމަ ކޮށްދިނުމަށްޓަކައި ކައުންސިލަރުންނާއި ރައްޔިތުންގެ މަންދޫބުންނާ އެކު ރެ އާއި ދުވާލު ކުރައްވަން ޖެހުނު ކޮންމެ މަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"މި ކަމުގައި އެންމެ ތަންކޮޅެއް ވެސް އިރާދަކުރެއްވިއްޔާ ފަރުވާކުޑައެއް ނުކުރާނަން. ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެންނާ އެކީގައި ކައުންސިލަރުން މަސައްކަތް ކުރަން ތިބިއްޔާ ކައުންސިލަރުންނާ އެކީގައި ރެއާއި ދުވާލު މަސައްކަތް ކުރަން ތައްޔާރަށް،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ އާ މޭޔަރު އާދަމް އާޒިމާއި އާ ތިން ކައުންސިލަރުން ހުވާ ކުރުމަށް ބޭއްވި ދަރުބާރުގައި ރައީސް، ޑރ. މުއިއްޒު މިރޭ ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

މާލޭގެ އާ މޭޔަރު އާދަމް އާޒިމާއި އާ ތިން ކައުންސިލަރުން ހުވާ ކުރުމަށް ބޭއްވި ދަރުބާރުގައި ރައީސް، ޑރ. މުއިއްޒު މިރޭ ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ރައީސް ވިދާޅުވީ، ވެހިކަލްތައް ޕާކް ކުރުމަށް މާލޭގައި ހަދާ އިމާރާތްތަކުގެ އަމަލީ މަސައްކަތް އަންނަ އޭޕްރީލް މަހު ފަށާނެ ކަމަށާއި އެ ދެމެދަށް ސިޔާސީ ކަންކަން ނުވައްދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"ބިން ހަވާލުކުރުން ލަސްކުރުން. މިވެނި ކުރެހުމެއް ފާސްކުރުން ލަސްކުރުން މި ހުންނަނީ އަޅުގަނޑު ކުރިން ދެންނެވިހެން ސިޔާސީ ކުޅިސަމާސާގެ ތެރޭގައި ރައްޔިތުން ތާށި ކުރެވޭނެ ކަމެއް ނޫން. އެ ފުރުސަތެއް ނުލިބޭނެ،" ވަރަށް ޖޯޝާ އެކު ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ގެދޮރުގެ މައްސަލަ ނަގާފައި ދެން މާލެ އަށް އެންމެ ބޮޑުވެފައި ވަނީ މަގުތަކުގެ ފެންވަރު ދަށް މައްސަލަ އެވެ. ރައީސް މުއިއްޒު 2021 ގައި މޭޔަރުކަމުގެ މަގާމުގެ ހުވާކުރެއްވިއިރު، އޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދުގެ ދުވަސްވަރު މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއެއް ފަށާފައި އޮތް ކަމަށާއި އެކަމަކު އެ މަނިކުފާނުގެ މޭޔަރުކަމުގައި އެ މަސައްކަތް ކުރުމުގެ ފުރުސަތު އޭރުގެ ސަރުކާރުން ނުދިން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް މި ސަރުކާރުން ބޭނުންވަނީ މާލެ ސިޓީ ކައުންސިލް މެދުވެރިކޮށް އެ މަޝްރޫއު ކުރިއަށް ގެންދަން ކަމަށް އެ މަނިކުފާނު މިރޭ ވިދާޅުވި އެވެ.

ބިން ހަވާލުކުރުން ލަސްކުރުން. މިވެނި ކުރެހުމެއް ފާސްކުރުން ލަސްކުރުން މި ހުންނަނީ އަޅުގަނޑު ކުރިން ދެންނެވިހެން ސިޔާސީ ކުޅިސަމާސާގެ ތެރޭގައި ރައްޔިތުން ތާށި ކުރެވޭނެ ކަމެއް ނޫން. އެ ފުރުސަތެއް ނުލިބޭނެ،"--- ރައީސް ޑރ. މުއިއްޒު

އެހެންވެ، ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އެ މަނިކުފާނު ނިންމަވާފައި ވަނީ އެންމެ ފަހުން ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުން ހަމަޖެހުނު 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން އެންމެ ބޮޑު އިސްކަމެއް މާލޭގެ މަގުތައް ހެދުމަށް ދިނުމަށެވެ.

ޗައިނާގެ އެ ހިލޭ އެހީގެ ދެ ވަނަ މަޝްރޫއަކީ ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އިމާރާތްކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއީ އެންމެ ގިނަ ރައްޔިތުން ދިރިއުޅޭ ސަރަހައްދު ވީމާ މި ސަރަހައްދަށް މީގެ އިމްޕެކްޓް އެންމެ ބޮޑަށް ބޭނުންވާނީ. އެހެންވީމާ މި ގޮތަށް ލިބުނު ހިލޭ އެހީ އަޅުގަނޑުމެން މި އިސްކުރީ އެންމެ ގިނަ ރައްޔިތުންނަށް ފައިދާވާ ގޮަތަކަށް ކަންކަން ކުރަން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އޭގެ އިތުރަށް އެކި ރަށްތަކުގައި ލެބޯރެޓަރީތަކަށް ބޭނުންވާ ތަކެތި ހޯދުމާއި ބައެއް ރަށްތަކުގައި ބައެއް އެހެން ކަހަލަ، އެންވަޔަރުމެންޓަލް ރިލޭޓެޑް ބައެއް މަސައްކަތް ކުރުން ވެސް އޭގައި ހިމެނޭ."

ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާ އެކު، މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އޭރުން މަގުތަކުގައި ފެން ބޮޑުވުމާއި ޑިވޯޓަރިންގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.