Roadha Mihaaru
ފަހު ވަގުތު ރަޝިއާ އިން އިންގްލެންޑް ހިފަހައްޓައިފި

ފަހު ވަގުތު ރަޝިއާ އިން އިންގްލެންޑް ހިފަހައްޓައިފި

12 ޖޫން 2016

މާސޭ، ފްރާންސް (ޖޫން 11) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި އޮތް އިންގްލެންޑް މުބާރާތުގެ ފުރަތަމަ މެޗުން މިރޭ ރަޝިއާ އަތުން 1-0 އިން މޮޅުވާން ދަނިކޮށް ފަހު ވަގުތު ރަޝިއާ އިން އެއްވަރުކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މާސޭ، ފްރާންސް (ޖޫން 11) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި އޮތް އިންގްލެންޑް މުބާރާތުގެ ފުރަތަމަ މެޗުން މިރޭ ރަޝިއާ އަތުން 1-0 އިން މޮޅުވާން ދަނިކޮށް ފަހު ވަގުތު ރަޝިއާ އިން އެއްވަރުކޮށްފި އެވެ.

މި ނަތީޖާއާ އެކު، ޔޫރަޕިއަން ޗެމްޕިއަންޝިޕެއްގެ ފުރަތަމަ މެޗުން އިންގްލެންޑް މޮޅުނުވުމުގެ ސިލްސިލާ އަށް ބޮޅެއް ވަނީ އިތުރުވެފަ އެވެ. އެކަމަކު ޒުވާން ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ހިމެނޭ އިންގްލެންޑް ވަނީ މިރޭ އުއްމީދީ ކުޅުމެއް ދައްކައިފަ އެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފު އިންގްލެންޑުން ކޮންޓްރޯލް ކުރިއިރު އެ ޓީމަށް ލަނޑު ޖަހާނެ ހުސް ތިން ފުރުސަތު ލިބުނެވެ. ފުރަތަމަ ފުރުސަތުގައި، 21 ވަނަ މިނެޓުގައި ޑެލޭ އަލީ ދިން ބޯޅައެއް އޭރިއާ ތެރެއިން އެޑަމް ލަލާނާ ފޮނުވާލުމުން ގޯލަށް ނުވަދެ ދިޔައީ ކިރިޔާ އެވެ.

އޭގެ ދެ މިނެޓު ފަހުން ރަހީމް ސްޓާލިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ގޯލަށް ޖަހަޖަހާ އޮއްވާ ރަޝިއާ ޑިފެންޑަރުން ވަނީ އެ ބޯޅަ ސަލާމަތްކޮށްފަ އެވެ. އަދި 34 ވަނަ މިނެޓުގައި ކެޕްޓަން ވޭން ރޫނީ އޭރިއާ ތެރެއިން ފޮނުވާލި ބޯޅައެއް ރަޝިއާ ގޯލްކީޕަރު ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފުގައި އިންގްލެންޑުގެ ޓެމްޕޯ ދަށްވި ނަމަވެސް 73 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގައިފަ އެވެ. މި ލަނޑު ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކުރީ ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅޭ އެރިކް ޑަޔާ އެވެ.

ރަޝިއާގެ ގޮލޮވިން (ކ) އާއި އިންގްލެންޑުގެ އަލީ ބޯޅައަށް މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ

ރަޝިއާގެ ގޮލޮވިން (ކ) އާއި އިންގްލެންޑުގެ އަލީ ބޯޅައަށް މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ

އިންގްލެންޑުގެ އުއްމީދީ ފެށުމެއް ހުރަސް އެޅީ އިތުރު ވަގުތުގެ ތެރޭ ރަޝިއާގެ ވަސިލި ބެރެޒޫސްކީ އެވެ. އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ އޭނާ ބޮލުން ފޮނުވާލި އިރު މާބޮޑު ބާރެއް ނެތް ނަމަވެސް އެ ބޯޅަ އޭނާ އަމާޒުކުރީ މަތީ ކަނަށް ކަމަށްވުމުން، އެ ބޯޅަ ސަލާމަތްކުރަން އިނގިރޭސި ގޯލްކީޕަރު ޖޯ ހާޓަށް ކަމެއް ނުކުރެވުނެވެ.

އިންގްލެންޑުގެ ލަނޑު ޖެހި ޑަޔާ ބުނީ މުޅި މެޗުގައި މޮޅަށް ކުޅުނީ އޭނާގެ ޓީމު ކަމަށާއި އެހެންވެ ފަހު ވަގުތު ދެ ޕޮއިންޓް ގެއްލުމުން ހިތްހަމަނުޖެހިފައިވާ ކަމަށެވެ.

"މިއީ ތަޖުރިބާ ނެތުމުން ވީ ކަމެއް ނޫން. ކޮންމެ ގޮތެއް ވިޔަސް މި ނަތީޖާ އިން ވެސް ޕޮޒިޓިވް ކަންތައްތައް އަހަރެމެން ނަގާނަން. ދެން އޮންނަ މެޗަކަށް އާ ހިތްވަރަކާ އެކު ނުކުންނާނަން،" އޭނާ ބުންޏެވެ.

ގްރޫޕް ބީ ގެ ހަތަރު ޓީމު ވެސް އެއް މެޗު ކުޅެފައިވާއިރު ތިން ޕޮއިންޓާ އެކު އެއް ވަނައިގައި އޮތީ މިރޭ ސްލޮވާކިއާ އަތުން 2-1 އިން މޮޅުވި ވޭލްސް އެވެ. އިންގްލެންޑާއި ރަޝިއާ އަށް އެއް ޕޮއިންޓް ލިބިފައިވާއިރު ސްލޮވާކިއާ އަށް ޕޮއިންޓެއް ނުލިބެ އެވެ.

މިރޭގެ މެޗަށް ފަހު ސްޓޭޑިއަމުގައި ތިބި ރަޝިއާ ސަޕޯޓަރުން ވަނީ އިނގިރޭސި ސަޕޯޓަރުންނާ ކުރިމަތިލާން މަސައްކަތްކޮށްފަ އެވެ. މެޗުގެ ކުރިން ވެސް ދެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ވަނީ ހިނގައިފަ އެވެ.