Roadha Mihaaru
އިންގްލެންޑާއި ރަޝިއާ ވަކިކޮށްފާނެ ކަމުގެ އިންޒާރު ދީފި

އިތުރު ހަމަނުޖެހުމެއް ހިންގައިފި ނަމަ ރަޝިއާ އާއި އިންގްލެންޑް މުބާރާތުން ވަކިކުރާނެ!

12 ޖޫން 2016

ޕެރިސް، ފްރާންސް (ޖޫން 12) - ރަޝިއާ އަދި އިންގްލެންޑުގެ ސަޕޯޓަރުން އިތުރު ހަމަނުޖެހުމެއް ހިންގައިފި ނަމަ އެ ދެ ޓީމު ޔޫރޯ ފުޓްބޯޅަ މުބާރާތުން ވަކިކުރާނެ ކަމުގެ އިންޒާރު ޔުއެފާ އިން ދީފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޕެރިސް، ފްރާންސް (ޖޫން 12) - ރަޝިއާ އަދި އިންގްލެންޑުގެ ސަޕޯޓަރުން އިތުރު ހަމަނުޖެހުމެއް ހިންގައިފި ނަމަ އެ ދެ ޓީމު ޔޫރޯ ފުޓްބޯޅަ މުބާރާތުން ވަކިކުރާނެ ކަމުގެ އިންޒާރު ޔުއެފާ އިން ދީފި އެވެ.

ޔުއެފާގެ އެގްޒެކެޓިވް ކޮމިޓީން މިއަދު އާއްމުކުރި ބަޔާނުގައި ބުނެފައިވަނީ ސަޕޯޓަރުން ހަމަނުޖެހުން ހިންގި މައްސަލަ ބަލަމުން އަންނަ ކަމަށާއި އެކަމަށް އަދަބު ދޭނެ ކަމަށެވެ. އަދި އިތުރަށް އެފަދަ ކަމެއް ކޮށްފި ނަމަ އެ ދެ ޓީމު މުބާރާތުން ވަކިކުރަން ފަހަތަށް ނުޖެހޭނެ ކަމަށެވެ.

ރޭ މާސޭގައި ރަޝިއާ އާއި އިންގްލެންޑް ކުޅެ 1-1 އިން އެއްވަރުވި މެޗަށް ފަހު ރަޝިއާގެ ސަޕޯޓަރުން ވަނީ އިނގިރޭސި ސަޕޯޓަރުން ދަނޑުގައި ތިބި ބްލޮކަށް އަރައިގަނެ، އިނގިރޭސި ސަޕޯޓަރުން ފަހައި ގޮސް ހަމަލާދީފަ އެވެ. އަދި ދަނޑު ބޭރުގައި ވެސް ހަމަނުޖެހުން ހިނގި އެވެ.

އިއްޔެގެ ހަމަނުޖެހުމާ ގުޅިގެން ޔުއެފާގެ ޑިސިޕްލިނަރީ ކޮމިޓީން ބަލަމުން އަންނަނީ ރަޝިއާގެ ސަޕޯޓަރުންގެ މައްސަލަ އެވެ. އެގޮތުން ރަޝިއާ ސަޕޯޓަރުން ކުޅިވަރުގެ ރޫހާ ހިލާފުވުމާއި ނަސްލީ ގޮތުން ދިމާކުރުމާއި ދަނޑުގައި ބަޑިބޭސް ބޭނުންކުރި މައްސަލަ ބަލައި އަންގާރަ ދުވަހު ފިޔަވަޅު އަޅާނެ އެވެ.

މެޗުގެ ކުރިން އިއްޔެ އާއި އޭގެ ކުރީ ދެ ދުވަހު ވެސް މާސޭގައި އިނގިރޭސި ސަޕޯޓަރުންނާއި ރަޝިއާގެ މެދުގައި އަދި އިނގިރޭސި ސަޕޯޓަރުންނާއި ފްރާންސްގެ ބައެއް އާއްމުންނާ ދެމެދު ވަރަށް ބޮޑަށް ހަމަނުޖެހުން ހިނގި އެވެ. އެ ހަމަނުޖެހުން ހުއްޓުވަން ފުލުހުން ކުރި މަސައްކަތުގައި ފުލުހުންނާ ވެސް ސަޕޯޓަރުން ކުރިމަތިލައި ބައެއް ފަރާތްތަކަށް ސީރިއަސް ހާނިއްކަ ވަނީ ލިބިފަ އެވެ.