Roadha Mihaaru
ޓޫރިޒަމަށްވުރެ ލަކްޝަދީބަށް ފެރީ ވެސް މުހިންމު!

ލަކްޝަދީބަށް ބޭނުންވަނީ ދަތުރުފަތުރާއި ވަޒީފާ، ޓޫރިސްޓުންނެއް ނޫން!

24 ޖެނުއަރީ 2024

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ރާއްޖޭން ފައި ވިއްދާފައިވާ އިރު، ދެ ގައުމުގެ މެދުގައި ފެށިގެން އުޅޭ ވަރުގަދަ ކޯޅުމުގެ މެދަށް އިންޑިއާގެ ޔޫނިއަން ސްޓޭޓުގައި ހިމެނޭ ލަކްޝަދީބް ޖަޒީރާ ވަނީ ވައްދައިފަ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ރާއްޖޭން ފައި ވިއްދާފައިވާ އިރު، ދެ ގައުމުގެ މެދުގައި ފެށިގެން އުޅޭ ވަރުގަދަ ކޯޅުމުގެ މެދަށް އިންޑިއާގެ ޔޫނިއަން ސްޓޭޓުގައި ހިމެނޭ ލަކްޝަދީބް ޖަޒީރާ ވަނީ ވައްދައިފަ އެވެ.

މި ކަން ފެށުނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީބަށް ވަޑައިގެން، އެތަނުގެ ބީޗުގައި ހުންނަވައި ނެންގެވި ފޮޓޯތަކާ އެކު އެ ޖަޒީރާގެ ހިތްގައިމުކަން ތަޖުރިބާކޮށްލަން އެ ގައުމުގެ ރައްޔިތުންނަށް ދެއްވި ދައުވަތާ އެކު އެވެ.

މޯދީގެ އެ ދައުވަތަކީ ރާއްޖެއަށް ދިން ވަރުގަދަ މެސެޖެއްގެ ގޮތުގައި ސިފަކޮށް، މިއީ އިންޑިއާ އިން "ރާއްޖެ ނޫން ގޮތެއް" ހޯދުމުގެ ފެށުމެއް ކަމަށް ބުނެ ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް ސޯޝަލް މީޑިޔާގައި ނުރަސްމީކޮށް ވަރުގަދަ ކެމްޕޭނެއް ފެށި އެވެ.

އެއާ އެކު، ރާއްޖެ އާއި އިންޑިއާގެ ސޯޝަލް މީޑިޔާ އެކްޓިވިސްޓުންގެ މެދުގައި ބޮޑު "ހަނގުރާމެއް" ފެށި، ދިވެހި ސަރުކާރުގެ ތިން ޑެޕިޔުޓީ މިނިސްޓަރަކު މޯދީއަށް ކުޑައިމީސްކޮށް ދެއްކި ވާހަކަތައް ޑިޕްލޮމެޓިކް ކްރައިސިސް އަކަށް ވަނީ ވެފަ އެވެ. މޯދީއަށް ބަދުބަސް ބުނި ޑެޕިޔުޓީ މިނިސްޓަރުން ސަސްޕެންޑު ކުރިޔަސް ދެ ގައުމުގެ ސިޔާސީ މަސްރަހު އަދިވެސް ފިންޏެއް ނުވެ އެވެ.

ލަކްޝަދީބް އެދެނީ އަސާސީ ކަންކަމަށް

އެކަމަކު މި ސިޔާސީ ކޯޅުންގަނޑުގެ ހަތިޔާރަކަށް ވާކަށް ލަކްޝަދީބްގެ ރައްޔިތުން ބޭނުމެއް ނުވެ އެވެ. ދެވަނަ ރާއްޖެއެއްގެ ދަރަޖަ ހޯދުމުގެ ފޮނި ހުވަފެންތަކަށް ވުރެން، އެ ޖަޒީރާ ރަށްތަކުގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދަން އެ މީހުން ބޭނުންވެ އެވެ.

ލަކްޝަދީބުގައި އޮންނަ 36 ރަށުގެ ތެރެއިން މީހުން ދިރިއުޅޭ 10 ރަށުގެ 64،000 އެއްހާ މީހުން ބޭނުންކުރަން ކުރިން އޮތް ހަތް ފެރީ މިހާރު ވަނީ އެންމެ ދެ ފެރީއަށް މަދުވެފަ އެވެ.

"ބޮޑުވަޒީރު މޯދީ މި ބޭނުންވަނީ މުޅި އިންޑިއާއަށް ލަކްޝަދީބު ހުޅުވާލަން. އެކަމަކު އަޅުގަނޑުމެން އެބަ ޖެހޭ މިތަނުން ފައިބަންޏާ ހަފްތާއެއް ވެސް މަޑުކުރަން. ފެރީ ޓިކެޓެއް ވެސް ނުލިބޭ،" އެކްޓިވިސްޓަކު އަލްޖަޒީރާ ނޫހަށް ބުންޏެވެ.

"ފުރަތަމަ އެ ކަންކަން ރަނގަޅުކޮށްފަދޯ ބޮޑެތި ވާހަކަ ދައްކަންވާނީ."

ލަކްޝަދީބުގެ ޓޫރިޒަމް ރާއްޖެއާ އެއްވަރަށް ފުޅާކުރަން ދައްކާ ވާހަކައާ މެދު އެ ރަށްތަކުގެ ރައްޔިތުންގެ މެދުގައި އޮތީ ހަމަ މި ކަންބޮޑުވުންތަކެވެ.

އޭގެ ތެރޭގައި ލަކްޝަދީބުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާނެ އެ މީހުން ހޮވާ ސަރުކާރެއް ނެތުން ހިމެނެ އެވެ. ލަކްޝަދީބު ތަމްސީލުކުރަން އެ މީހުން ހޮވާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ހުރެ އެވެ. އެ ކަމަކު އެ ތަނުގެ އިދާރީ ކަންކަން ކުރަން އިސްކޮށް ހުންނަނީ މައި ސަރުކާރުން އައްޔަނުކުރާ އެޑްމިނިސްޓްރޭޓަރެކެވެ.

މިހާރު އެ މަގާމުގައި ހުންނެވި ޕްރަފުލް ޕަޓޭލް އިސްކުރަނީ ލަކްޝަދީބުގެ ރައްޔިތުންގެ ބަދަލުގައި މައި ސަރުކާރުގެ މަސްލަހަތު ކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ. ބީޗުތައް ރީތިކޮށް ބެހެއްޓުމުގެ ނަމުގައި އޭނާ އިސްވެ ހުންނަވައި މަސްވެރިންގެ ގެތައް ނެގުމުގެ މައްސަލަ ވަނީ ހޫނުވެފަ އެވެ. އެ މައްސަލާގައި ލަކްޝަދީބާ އެންމެ ކައިރިން އޮންނަ ކެރަލާ ހައިކޯޓަށް މަސްވެރިންގެ ޔޫނިއަނުން ހުށަހެޅި މައްސަލަ އަދިވެސް ނުނިމެ އެވެ.

"ފަޅު ރަށްތަކުގައި ޓޫރިޒަމް ކުރިއަރުވާކަށް އަޅުގަނޑުމެން ދެކޮޅެއް ނޫން. އެކަމަކު މީހުން ދިރިއުޅޭ ރަށްތަކުގައި އެކަން ކުރަންޏާ، ރަށު މީހުންނަށް ބީޗުތައް ބޭނުންކުރެވޭނެތޯ،" ޓޫރިޒަމުން މަސްވެރިންނަށް އޮތް ނުރައްކާ ސިފަކޮށްދެއްވަމުން ލަކްޝަދީބުގެ ފިޝަރީޒް އެސޯސިއޭޝަންގެ ރައީސް ނިޖާމުއްދީން ވިދާޅުވި އެވެ.

މަސްވެރިންގެ އިތުރުން ލަކްޝަދީބުގެ ޒުވާނުންގެ ކަންބޮޑުވުންތައް ވެސް ގިނަ އެވެ. އެ ތަނުގެ ޒުވާނުން މަތީ ތައުލީމަށް ކެރަލާ ސްޓޭޓަށް ދާންޖެހޭ އިރު، ދަތުރުފަތުރުގެ ތާށި ކަމަކީ ކޮންމެ ދުވަހަކު އުފަލަންޖެހޭ ތަކުލީފެކެވެ.

"ގިނަ ފަހަރު ދަރިވަރުންނަށް ގަޑި އަކަށް ނުދެވޭ. ފެރީ ޓިކެޓު ހޯދުމަކީ ބޮޑު ތަކުލީފެއް،" ދަރަވަރަކު ބުންޏެވެ.

ކިޔަވައިގެން ނުކުންނަ ޒުވާނުން ވެސް އަމާޒު ކުރަނީ ސަރުކާރުގެ ވަޒީފާއެއް ހޯދާށެވެ.

ރާއްޖޭގެ ރަށްތަކާ އެއް ސިފަތަކެއް ހުއްޓަސް، ލަކްޝަދީބުގައި ޓޫރިޒަމް އޮތީ ވަރަށް ފަހަތުގަ އެވެ. ހުރިހާ ރަށްތަކެއް އެއްކޮށްލިޔަސް، 100 ޓޫރިސްޓު އެނދު ހަމަވަނީ ކިރިޔާ އެވެ. ވޯޓާ ވިލާތަކާއި ލަގްޒަރީ ހޮޓާތައް އެޅުމުގެ ޕްލޭންތައް ވެސް އަދި ހުރީ ހަމައެކަނި ކަރުދާހުގަ އެވެ. ލަކްޝަދީބަށް ޓޫރިޒަމުން ވަންނަ އާމްދަނީ އުޅެނީ ކާއްޓާއި ހިކި މަހުގެ ވެސް ފަހަތުގަ އެވެ.

ލަކްޝަދީބު ރާއްޖެއާ އެއްހަމަކުރަން އިންޑިއާގެ މައި ސަރުކާރުން ދައްކާ ފޮނި ހުވަފެންތަަކަށް އެ ތަނުގެ ރައްޔިތުން ނުހެއްލެނީ އެހެންވެ އެވެ. ރާއްޖެއާ ވާދަކޮށް މިލިއަނުން ޓޫރިސްޓުން ގެންނަ ވާހަކަ ދައްކާ އިރު، ލަކްޝަދީބު ރައްޔިތުންގެ އަސާސީ ބޭނުންތައް ނުފުދި ހުންނަތާ އެތައް ޒަމާނެއްވީމަ އެވެ.

"މި ވަރުން ކިހިނެއްތޯ މި ތަން ރާއްޖެއަކަށް ހަދާނީ؟ އެ ނުވާނެ ފަސޭހަ ކަމަކަށް."