Roadha Mihaaru
އިންޑިއާގައި ރާއްޖޭގެ ގެސްޓްހައުސްތައް އިޝްތިހާރު ކުރަނީ

ރާއްޖޭގެ ގެސްޓް ހައުސްތައް އިޝްތިހާރު ކުރަން އިންޑިއާގެ ސަފީރާއެކު މަޝްވަރާ ކޮށްފި

13 ސެޕްޓެމްބަރ 2021

އިންޑިއާގައި ރާއްޖޭގެ ގެސްޓް ހައުސްތައް އިޝްތިހާރު ކުރުމަށް، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރުއާ އެކު ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން މަޝްވަރާ ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އިންޑިއާގައި ރާއްޖޭގެ ގެސްޓް ހައުސްތައް އިޝްތިހާރު ކުރުމަށް، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރުއާ އެކު ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން މަޝްވަރާ ކޮށްފި އެވެ.

އިންޑިއާގެ އެމްބަސީގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މި ބައްދަލުވުމުގައި، ގެސްޓް ހައުސްތައް ކުރިއަރުވަން ގޭމުން ކުރާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ސަފީރު ވިދާޅުވި ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ. އެގޮތުން، އިންޑިއާގެ އެޖެންޓުންނާއި ގެސްޓް ހައުސްތަކުގެ ވެރިންނާ ބައްދަލުކޮށް، ގޭމްގެ ބްރޭންޑިންގައި އެހީވާނެ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެ އެވެ.

ގޭމްގެ ސެކްރެޓަރީ ޖެނެރަލް ސައުދުﷲ އަހުމަދު "މިހާރު" އަށް ވިދާޅުވީ ރާއްޖޭގެ ލޯކަލް ޓޫރިޒަމްގައި އެންމެ މުހިންމު އެއް މާކެޓަކީ އިންޑިއާކަން މިދިޔަ މަހު އެނގުނު ކަމަށެވެ. އިންޑިއާގެ ސަފީރާ ގޭމުން ބައްދަލުކުރީ އެ މާކެޓުގައި ރާއްޖޭގެ ގެސްޓް ހައުސްތައް އިތުރަށް އިޝްތިހާރުކޮށް، އޭގެ ފައިދާ ރަށްރަށަށް ފޯރުކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަފީރާ ހަވާލާ ދެއްވައި ސައުދު ވިދާޅުވިގޮތުގައި، އިންޑިއާގެ އެޖެންޓުންނާއި ޓޫރިޒަމް މިނިސްޓްރީ އަދި ގޭމާއި އެމްއެމްޕީއާރުސީ އާއި މަޓީގެ ބޭފުޅުން ގުޅިގެން މި މަހުގެ ފަހުކޮޅު ބައްދަލުވުންތަކެއް ބާއްވާނެ އެވެ.

"މިދިޔަ މަހު ވެސް އެ ގައުމުގެ ޓޫރިސްޓުންގެ ސަބަބުން ގެސްޓް ހައުސްތަކަށް ވަރަށް ފައިދާވި. އެހެންކަމުން އެކަން ހުއްޓުނަ ނުދީ އެ ގައުމުން ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުން އިތުރު ކުރުމާ މެދު މަޝްވަރާ ކުރެވުނީ. އަޅުގަނޑުމެންނަށް މި ކަންކަމުގައި އެހީވާނެ ކަމަށް ސަފީރު ވިދާޅުވި،" ސައުދު ވިދާޅުވި އެވެ.

ގޭމްގެ އިސްވެރިން އިންޑިއާގެ ސަފީރާ ބަްދަލު ކުރެއްވުމަށްފަހު ކުރި ޓްވީޓެއް--

ގޭމްގެ ބްރޭންޑިންގެ ތެރޭގައި އެ ޖަމިއްޔާގެ ވެބްސައިޓާއި މެގެޒިން ހެދުމުގެ އިތުރުން އެކްސްޕޯތަކާއި އެވޯޑް ނައިޓް ބޭއްވުން ހިމެނެ އެވެ. މީގެ ތެރެއިން އެކްސްޕޯތަކުގައި އިންޑިއާގެ ހައި ކޮމިޝަނުގެ އެއްބާރުލުން ދޭނެ ކަމަށް ސަފީރު ވިދާޅުވި ކަމަށް ސައުދު ވިދާޅުވި އެވެ.

މިދިޔަ މަހު ރާއްޖެ އަށް ގިނަ އަދަދެއްގެ އިންޑިއާ ޓޫރިސްޓުން އައިސްފައިވާއިރު، މީގެ ތެރެއިން ގިނަ ޓޫރިސްޓުން ގެސްޓުްހައުސްތަކުގައި މަޑުކުރި އެވެ. އޭގެ ނަތީޖާއަކީ ހުރިހާ ގެސްޓް ހައުސްއެއްގެ އޮކިއުޕެންސީ ފުލްވުމެވެ.

އިންޑިއާގެ ގިނަ ޓޫރިސްޓުން ރާއްޖެ އައީ އެހެން ބައެއް ގައުމުތަކަށް ދިއުމަށް ރާއްޖޭގައި ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމުގެ މަގްސަދުގަ އެވެ. އެހެންކަމުން އިންޑިއާގެ ކޮވިޑް-19ގެ ހާލަތު ރަނގަޅުވުމާއެކު އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.