Roadha Mihaaru
ގެސްޓް ހައުސްތައް ފުރި، އިންޑިއާ ޓޫރިސްޓުން ގޭގެޔަށް!

ގެސްޓު ހައުސްތައް ފުރިގެން އިންޑިއާ ޓޫރިސްޓުން އާއްމުންގެ ގެތަކަށް

15 އޯގަސްޓް 2021

އިންޑިއާއިން ރާއްޖެ އަންނަ ޓޫރިސްޓުން ރަށްރަށުގެ އާއްމުންގެ ގެތަކުގައި ތިބޭ ކަމުގެ ޝަކުވާތައް ގިނަވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އިންޑިއާއިން ރާއްޖެ އަންނަ ޓޫރިސްޓުން ރަށްރަށުގެ އާއްމުންގެ ގެތަކުގައި ތިބޭ ކަމުގެ ޝަކުވާތައް ގިނަވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އިންޑިއާ ޓޫރިސްޓުން އާއްމުންގެ ގެތަކުގައި ބައިތިއްބަނީ ގެސްޓު ހައުސްތައް ފުރުމުންނެވެ. މިފަދަ ޝަކުވާތައް ފުލުހުންނަށް ވެސް ލިބިފައިވާ ކަމަށް ޓޫރިސްޓު ފުލުހުން ވަނީ ބުނެފަ އެވެ.

ޕީއެސްއެމްގެ ޕްރޮގެރާމެއްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ހުސެއިން އަޒްހަމް ވިދާޅުވީ ޓޫރިސްޓުން އަންނަ މިންވަރު އިތުރުވެފައިވާއިރު އާއްމުންގެ ގެތަކުގައި ޓޫރިސްޓުން ބައިތިއްބާ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިގޮތަށް ތިބޭ ޓޫރިސްޓުން ގެސްޓު ހައުސްތަކަށް ބަދަލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓޫރިސްޓުން ބޭތިއްބޭނީ މިނިސްޓްރީން ހުއްދަ ދޭ ފަރާތްތަކަށް އެކަނި. އެހެން ނޫން ކަމަށްވާ ނަމަ ހާއްސަކޮށް ކޮވިޑްގެ މިދަނޑިވަޅުގައި އެއީ އެންމެންގެ ސަލާމަތަށް ނުރައްކާތެރިވެދާނެ ކަމެއް. މިގޮތަށް މިކަން ކުރާތީ އަޅުގަނޑުމެންގެ އަތޮޅުތެރޭގެ ޕޮލިސް ސްޓޭޝަންތަކުން މިހާރު ވެސް މަސައްކަތަކެއް އެބަ ކުރޭ، އެގޮތަށް ތިބި ފަތުރުވެރިން ބުކިން ހަދާފައި ގެސްޓް ހައުސްތަކަށް ބަދަލު ކުރަން. ގްރޭޓާ މާލޭ އޭރިއާގައި ވެސް އެގޮތަށް ދިމާވާ ކޭސްތަކުގައި ޓޫރިސްޓުން ގެސްޓު ހައުސްއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ،" ހުސައިން އަޒްހަމް ވިދާޅުވި އެވެ.

"މިހާރު" އަށް ވާހަކަދެއްކި މީހަކު ބުނީ އިންޑިއާ ޓޫރިސްޓުން އާއްމުންގެ ގެތަކުގައި ބައިތިއްބަނީ ގެސްޓުު ހައުސްތަކުގެ ނަމުގައި ބުކިންތައް ހައްދައިގެން ކަމަށެވެ.

"މިހާރު ގެސްޓު ހައުސްތަކަށް އިންޑިއާ ޓޫރިސްޓުންގެ ބުކިން ވަރަށް ގިނައިން ލިބޭ. އެހެންވެ، ފުލްކޮށް އުޅޭ ތަންތަނުން ވެސް ބުކިން ނަގައިގެން އެމީހުން ގެނެސް މީހުން އުޅޭ ގެތަކުގެ ކޮޓަރިތަކާއި ހުސްކޮށް ހުންނަ ގެތަކުގައި ބައިތިއްބަނީ،" ނަން ހާމަ ނުކުރުމަށް އެދި ވާހަަކަދެއްކި މީހާ ބުންޏެވެ.

އިންޑިއާގެ ގިނަ ޓޫރިސްޓުން މި ދުވަސްވަރު ރާއްޖެ އަންނަނީ އެ ގައުމުން އެހެން ގައުމުތަކަށް ދާން ޓްރާންސިޓް މަންޒިލެއްގެ ގޮތުގަ އެވެ. އެއީ އިންޑިއާ މަގުން ދަތުރުކުރެވޭ ގައުމުތައް މަދުކަމުންނެވެ.

އެޗްޕީއޭއިން ނެރެފައިވާ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓު ހައުސްތަކުގައި ތިބެވޭނީ ކޮވިޑް-19ގެ ވެކްސިން ފުރިހަމަ ކޮށްފައިވާ ޓޫރިސްޓުންނަށެވެ. ވެކްސިން ފުރިހަމަ ނުކުރާ ޓޫރިސްޓުންނަށް ޗެކިން ކުރެވޭނީ އާބާދީގެ 60 ޕަސެންޓު ވެކްސިން ފުރިހަމަ ކޮށްފައިވާ ރަށްތަކުގެ ގެސްޓު ހައުސްތަކަށް އެކަންޏެވެ.