Roadha Mihaaru
ވަޒީރުންގެ ޕަބްލިކް ފޯރަމް މިރޭ ފަށަނީ

ބޭނުން ކޮންމެ ސުވާލެއް ކުރެވޭ ގޮތަށް ވަޒީރުންގެ ޕަބްލިކް ފޯރަމް މިރޭ ފަށަނީ

25 ޖެނުއަރީ 2024

ރައީސް ޑރ. މުހައްމަދު މުއިއްޒާއި މިނިސްޓަރުންނާ އާންމުން ބޭނުންވާ ސުވާލެއް ކުރުމުގެ ފޯރަމް މިރޭ ފަށަން ސަރުކާރުން ނިންމައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައީސް ޑރ. މުހައްމަދު މުއިއްޒާއި މިނިސްޓަރުންނާ އާންމުން ބޭނުންވާ ސުވާލެއް ކުރުމުގެ ފޯރަމް މިރޭ ފަށަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް ވިދާޅުވި ގޮތުގައި ޕީއެސްއެމާ ގުޅިގެން "އަހާ" ގެ ނަމުގައި މިރޭ ސަލްޓަން ޕާކްގައި ބާއްވާ ޕްރޮގްރާމް ފަށަނީ ފަސް މިނިސްޓަރަކާ ސުވާލު ކުރެވޭ ގޮތަށެވެ.

މިރޭގެ 8:30 ގައި ފަށާ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު އައިޝަތު ޝިހާމާއި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަދި ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ.

ހަލީލު ވިދާޅުވީ އާންމުން ބޭނުންވާ ކޮންމެ ސުވާލެއް ވެސް ފަސް މިނިސްޓަރުންނާ ކުރެވޭނެ ކަމަށާއި ޕްރޮގްރާމް ކުރިއަށް ގެންދާނީ އާންމުކޮށް ހުޅުވާލައިގެން ކަމަށެވެ.

"އޯޑިއެންސުން ވެސް ސުވާލު ނަގާނެ. ފޯނު ކޯލްތަކާއި ސޯޝަލް މީޑިއާ އިން ވެސް ސުވާލުތައް އަޅުގަނޑުމެން ނަގާނެ އަދި މަގުމަތިން ވެސް ސުވާލު ކުރުމުގެ ފުރުސަތު އޮންނާނެ،" ހަލީލު ވިދާޅުވި އެވެ.

ރައްޔިތުންނާ ގާތުން، އެމީހުންގެ ސުވާލުތަކަށް ޖަވާބުދާރީވަމުން ސަރުކާރު ހިންގުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

"އެއީ ޕަބްލިކް ފޯރަމެއް. އެ ފޯރަމްގައި ބޭނުން ސުވާލެއް އެ ފޯރަމްގައި އެ ވަގުތަކު ބައިވެރިވާ ވަޒީރުންގެ ދާއިރާތަކުން ކުރަން ފުރުސަތު ދޭނަން. ދެން އަނެއްކާ ދެ މަސް ފަހުން އަނެއް ބެޗް އޮފް ކެބިނެޓް މެމްބާސް ވަޑައިގަންނަވާނެ. ފަސް ބޭފުޅުން ފަސް ބޭފުޅުން ގޮތަށް ދެ މަހުން އެއް މަހުން ޕަބްލިކް ފޯރަމް ބާއްވާނަން،" މާލޭގެ އާ މޭޔަރު އާދަމް އާޒިމް މަގާމުގެ ހުވާ ކުރެއްވުމުގެ ދަރުބާރުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުންވާ ކޮންމެ ސުވާލެއް އެ ދެ ގަޑިއިރުގެ ތެރޭގައި ވަޒީރުންނަށް ކުރެވޭނެ އެވެ.

ރައީސް ޑރ. މުއިއްޒު ނިންމަވާފައި ވަނީ ސީދާ އެ މަނިކުފާނު ވެސް ކޮންމެ ތިން މަހަކުން އެއް މަހު އެފަދަ ފޯރަމެއް ބާއްވަވައި ރައްޔިތުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަތުމަށެވެ. ރައީސާ ސުވާލު ކުރުމުގެ ފުރަތަމަ ފޯރަމް ތާވަލު ކުރެއްވީ އަންނަ މަހަށެވެ.

"މި ގޮތަށް ރައްޔިތުންނާ ގާތުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތް ކުރަމުން ދާނީ. އަޅުގަނޑުމެންނަށް ޖަވާބު ނުދެވޭނެ ސުވާލެއް ނުހުންނާނެ. އަޅުގަނޑުމެން ކުރަނީ ރައްޔިތުން ހަވާލުކުރި މަސައްކަތް. ގާނޫނުއަސާސީގައި އޮތް މަސައްކަތް. އެ އަކު ނޯންނާނެ ޖަވާބު ނުދެވޭނެ ކަމެއް. ފޮރުވަން ޖެހޭނެ ކަމެއް. ނޭނގޭނެ ކަމެއް. ޒިންމާ ނުނެގޭނެ ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.