Roadha Mihaaru
ޑޮލަރު ލިމިޓް ބޮޑުކުރަން އަދިވެސް މަޝްވަރާކުރިއަށް

ކިޔަވާ ކުދިންނަށް ޑޮލަރު ލިމިޓް ބޮޑުކުރަން އަދިވެސް މަޝްވަރާ ކުރަނީ

25 ޖެނުއަރީ 2024

ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ލިމިޓު ބޮޑު ކުރުމާ މެދު އަދި ވަކި ގޮތެއް ކަނޑަނާޅާ ކަމަށާއި އެކަމުގެ މަޝްވަރާތައް އަދިވެސް ކުރަމުން އަންނަ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ލިމިޓު ބޮޑު ކުރުމާ މެދު އަދި ވަކި ގޮތެއް ކަނޑަނާޅާ ކަމަށާއި އެކަމުގެ މަޝްވަރާތައް އަދިވެސް ކުރަމުން އަންނަ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

ބީއެމްއެލްގެ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ، ބޭންކްގެ ކާޑުތަކުން ޑޮލަރުގެ މުއާމަލާތްކުރެވޭ ލިމިޓް އިތުރުކުރުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަލަށް ގެންނަ ބަދަލުތަކާ ގުޅިގެން ޑޮލަރު ބޭނުންވާނެ މިންވަރާއި މި ބަދަލުގެ ބޮޑުކުޑަމިނާއި ލިމިޓް އިތުރުކުރާނެ ނިޒާމެއް ގާއިމްކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭންކުން ކަސްޓަމަރުންނަށް ޑޮލަރުގެ އެހީތެރިކަން ދެވެން އޮންނާނީ ބޭރު ފައިސާ ގަތުމަށް ބޭންކަށް ލިބިގެންވާ އަދަދެއްގެ މައްޗަށް ބިނާކޮށް،" ބީއެމްއެލް އިން ލިޔުމުން ދިން ޖަވާބުގައިވެ އެވެ.

ސައީދު ވިދާޅުވީ، ކާޑުން ބޭނުން ކުރެވޭ ޑޮލަރު ލިމިޓަށް އަންނަ ބަދަލަކާ ގުޅިގެން އެކައުންޓުން ޑޮލަރު ނެގޭ އަދަދުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

ރާއްޖޭން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ބީއެމްއެލް ކްރެޑިޓް އަދި ޑެބިޓް ކާޑުގެ ލިމިޓު މި ފެބްރުއަރީ 1 އިން ފެށިގެން މަތިކުރުމަށް ކެބިނެޓުން ނިންމީ މިދިޔަ ޑިސެމްބަރު މަހު އެވެ.

ރައީސް އޮފީހުން އޭރު ބުނީ ބޭރުގައި ކިޔަވާ ދަރިވަރުންނަށް މިހާރު މަހަކު 750 ޑޮލަރު ނެގޭ ގޮތަށް އޮންނާތީ އެކަމުގެ ދަތިކަމާއި ކަންބޮޑުވުން އޮންނަ ކަމަށާއި އެ މައްސަލަ ހައްލުކުރަން، ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މަހަކު 1،200 ޑޮލަރަށް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު ވިދާޅުވީ، އަމާޒަކީ ކަނޑައެޅި ތާރީހަށް ދަރިވަރުންނަށް ލިމިޓު ބޮޑު ކުރުން ކަމަށާއި އެކަމަކު އެކަން ކަނޑައަޅާނީ ބީއެމްއެލްގެ ބޯޑުން ނިންމުމުން ކަމަށެވެ. އެކަން ބީއެމްއެލްއަށް ފަހި ކުރުމަށް އެ ބޭންކަށް ދިމާވާ ދަތިތައް ހައްލުކޮށްދެވޭތޯ މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޝްވަރާ ކުރަން ދެ މީޓިންއެއް ބޭއްވިއްޖެ. މަޝްވަރާގައި އައިޓެންޓިފައި ކުރަނީ ބީއެމްއެލްއަށް ހުރި ގޮންޖެހުންތައް. އަޅުގަނޑުމެންނަށް ހައްލުކޮށްދެވޭނެ ކަންކަން ބަލާނީ،" އޭނާ ވިދާޅުވި އެވެ.

ޝަފީގު ވިދާޅުވީ، މިއީ ބޭރުގައި ކިޔަވާ ކުދިންނަށް ކޮށްދޭ ކަމަކަށްވާތީ، ރާއްޖޭން ބޭރުގައި ކިޔަވަމުން އަންނަ ކުދިންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ހަޔާ އެޑިއުކޭޝަނާ އެކު ކުރަމުން އަންނަ ކަމަށެވެ.