Roadha Mihaaru
ދުންޔާ އާއި އަނާރާ އަށް ޕްރައިމަރީގައި ނާކާމިޔާބު!

ދުންޔާ އާއި އަނާރާ އަށް ޕްރައިމަރީގައި ނާކާމިޔާބު!

27 ޖެނުއަރީ 2024

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ރައްޔިތުންގެ މަޖިލިހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމަށް ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި މިއަދު ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ރައްޔިތުންގެ މަޖިލިހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމަށް ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި މިއަދު ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފި އެވެ.

އަންނަ މާޗު 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގައި ދުންޔާ ވާދަކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާއަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ދަރިކަނބަލުން ދުންޔާއާ ވާދަކުރައްވައި، ހުޅުމާލެ ދެކުނު ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ކަށަވަރު ކުރެއްވީ ޝަނީޒް ހާޝިމް (ޝާންކޮ) އެވެ. އޭނާ އަށް 240 ވޯޓު ލިބިވަޑައިގެންނެވިއިރު، ދުންޔާ އަށް ހޯއްދެވުނީ އެންމެ 70 ވޯޓެވެ.

އެ ދާއިރާ އިން ދެ ވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނީ ރަހުމަތުﷲ އަޝްރަފަށެވެ. އޭނާ އަށް 102 ވޯޓު ލިބުނެވެ.

މި ސަރުކާރުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫންގެ ވެސް ދައްތަ ދުންޔާގެ ކެމްޕެއިނަށް ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް ބޭފުޅުން ވަޑައިގަތެވެ. މިއީ ދުންޔާ އިންތިހާބެއްގައި ވާދަކުރެއްވި ފުރަތަމަ ފަހަރެވެ.

ދުންޔާ މައުމޫން، ފިރިކަލުންނާ އެކު: ޕްރައިމަރީ ކާމިޔާބެއް ނުކުރެވުނު - ފޮޓޯ: ނިޝާން އަލީ / މިހާރު

ދުންޔާ މައުމޫން، ފިރިކަލުންނާ އެކު: ޕްރައިމަރީ ކާމިޔާބެއް ނުކުރެވުނު - ފޮޓޯ: ނިޝާން އަލީ / މިހާރު

ޕްރައިމަރީގައި ހުރާ ދާއިރާ އަށް ވާދަކުރެެއްވި ކުރީގެ މެންބަރު އަނާރާ ނައީމަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއިރު، އޭނާއާ ވާދަކުރައްވައި އެ ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ އަބްދުުﷲ ވާރިޝް އެވެ. އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި މަކުނުދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އަނާރާ މިހާރު ހިނގަމުންދާ މަޖިލިސް އިންތިހާބުގައި ވެސް ވާދަކުރެއްވި އެވެ. އެ ކަމަކު އެ އިންތިހާބުގައި ވެސް ވީ ބައްޔެވެ.

މިއަދުގެ ޕްރައިމަރީން އަނާރާ ބަލިވި ނަމަވެސް އޭނާގެ ފިރިކަލުން އާދަމް ޝަފީގު ވަނީ މަކުނުދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރައްވައިފަ އެވެ.

މިއަދު އޮތް ޕްރައިމަރީގައި ކުރީގެ ގިނަ މެންބަރުންތަކެއް ޓިކެޓް ކާމިޔާބު ކުރެއްވިއިރު، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ވަހީދަށް (ލޯޔަރު ވައްޑެ) ވެސް ފެއިލް ވީ އެވެ. އެ ޓިކެޓް ކަށަވަރު ކުރެއްވީ ވަރަށް ފަހުން ޕީއެންސީއާ ގުޅިވަޑައިގެންނެވި އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު އިބްރާހިމް ނަސީމެވެ.

ނާކާމިޔާބުވި އެހެން ބޭފުޅުންނަށް ބަލާއިރު އިހަވަންދޫ ދާއިރާއަށް ވާދަކުރެއްވި އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އަށް ވެސް ޓިކެޓް ކާމިޔާބެއް ނުވި އެވެ. އެ ދާއިރާގެ ޓިކެޓް ހާސިލްކުރީ އަހުމަދު ނަސީރެވެ.

އަށާރަ ވަނަ މަޖިލީހުގައި ދާންދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އައްސަދު ޝަރީފަށް ވެސް ޓިކެޓް ނުލިބުނުއިރު އެ ދާއިރާ ކާމިޔާބު ކުރެއްވީ މުހައްމަދު ފަޒީލެވެ.

މުހަންމާ: އޭނާ އަށް ޕްރައިމަރީ ކާމިޔާބެއް ނުކުރެވުނު

މުހަންމާ: އޭނާ އަށް ޕްރައިމަރީ ކާމިޔާބެއް ނުކުރެވުނު

މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ދިއްގަރު ދާއިރާގެ ގޮނޑި އެ ދާއިރާގެ ކުރީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ކަށަވަރު ކުރައްވައިފަ އެވެ.

ވިލިމާލެ ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލެވެ. އިނގުރައިދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ 18 ވަނަ މަޖިލީހުގައި އެ ދާއިރާގެ މެންބަރުކަން ކުރެއްވި އިބްރާޙިމް ފަލާހެވެ. ދިއްދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ޓިކެޓް އެ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ހޯއްދެވި އެވެ.

މާފަންނު ދެކުނު ދާއިރާގެ ޓިކެޓް ކުރީގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހޯއްދެވިއިރު މާފަންނު މެދު ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ އެ ދާއިރާގެ ކުރީގެ މެންބަރު އަސްމާ ރަޝީދެވެ. ތިނަދޫ އުތުރު ދާއިރާގެ ޓިކެޓް ހޯއްދެވީ އެ ދާއިރާގެ ކުރީގެ މެންބަރު ސައުދުﷲ ހިލްމީ އެވެ. މިލަންދޫ ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ އެ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދެވެ.

މި އިންތިހާބުގައި ޒުވާނުން ގިނަ ކެންޑިޑޭޓުންތަކެއް ވެސް ޓިކެޓް ކަށަވަރުކޮށްފައިވެ އެވެ. ހެންވޭރު އުތުރު ދާއިރާގެ ޓިކެޓް ކާމިޔާބު ހޯއްދެވީ މާލެ ސިޓީ ކައުންސިލްގެ މެންބަރު އަހުމަދު އައިފަން އެވެ. ކުޅުދުއްފުށީ އުތުރު ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ އެ ސިޓީގެ ކައުންސިލްގެ މެންބަރު މުހައްމަދު ދާއޫދެވެ.

ޕީޕީއެމުން ބުނީ، 73 ދާއިރާއެއްގެ ވޯޓުލުން މިއަދު ކުރިއަށް ގެންދިޔަ ކަމަށާއި އެކި ދާއިރާތަކުން 283 ކެންޑިޑޭޓުން ވާދަކުރި ކަމަށެވެ. ވޯޓުލުން ކުރިއަށް ގެންދިޔައީ ހެނދުނު 10:00 އިން ހަވީރު 5:00 އަށެވެ. މި އިންތިހާބުގައި 71،597 މީހުންނަށް ވޯޓުލެވޭނެ ކަމަށް ޕީޕީއެމުން ބުނެފައި ވެ އެވެ.