Roadha Mihaaru
ރުހުން ނުދީ، ވޯޓު ހޯދަން ދާނެ ކަމެއް ނެތް: ގާސިމް

މިނިސްޓަރުންނަށް ރުހުން ނުދީ، މަޖިލިސް އިންތިހާބުގައި ވޯޓު ހޯދަން ދާނެ ކަމެއް ނެތް: ގާސިމް

28 ޖެނުއަރީ 2024

ރައްޔިތުންގެ ބޮޑު މެޖޯރިޓީއަކުން ހޮވާފައިވާ ވެރިއެއްގެ ވަޒީރުންނަށް ރުހުން ނުދީ، މާދަމާ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައިގެން ރައްޔިތުންގެ ކުރިމައްޗަށް ވޯޓު ހޯދަން ދިއުމުގެ ބޭނުމެއް ނެތް ކަމަށް މާމިގިލި ދާއިރާގެ މެންބަރު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައްޔިތުންގެ ބޮޑު މެޖޯރިޓީއަކުން ހޮވާފައިވާ ވެރިއެއްގެ ވަޒީރުންނަށް ރުހުން ނުދީ، މާދަމާ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައިގެން ރައްޔިތުންގެ ކުރިމައްޗަށް ވޯޓު ހޯދަން ދިއުމުގެ ބޭނުމެއް ނެތް ކަމަށް މާމިގިލި ދާއިރާގެ މެންބަރު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބާއްވާ ޖަލްސާގައި މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ މިއަދަށް ވަނީ އެޖެންޑާ ކޮށްފަ އެވެ. މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދެވި ޑިމޮކްރެޓްސް އިން ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމައިފަ އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވީ، ހުރިހާ ވަޒީރުންނަށް ރުހުން ދިނުން އެއީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

ބަހުސް ވަގުތުގައި ގާސިމް ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ގާސިމް ވިދާޅުވީ، ދިވެހި ރައްޔިތުންނަށ ވަފާތެރިވުމަކީ މިއަދު ހުރިހާ ރައްޔިތުންނަށް ރުހުން ދިނުމަށް ފަހު، އެ ވަޒީރުންގެ މައްސަލައެއް އުޅޭނަމަ ހާޒިރުކޮށްގެން ސުވާލުކުރުން ކަމަށެވެ.

އެއީ މީގެ ކުރިން ވެސް އަމަލުކޮށްފައިވާ ގޮތް ކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، ވަޒީރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުން ނިންމާފައިވާ ނިންމުމުގައި "ކޮޅުފައިން" ޖެހުން ކަމަށެވެ.

"މިއަދު މި ރައްޔިތުންގެ މަޖިލީހުން އެބަ ޖެހެޔޭ ހުރިހާ ވަޒީރުންނަށް ރުހުން ދެއްވަން. އެހެން ނުދީފި ހާލަތެއްގައި އޭގެ މާނައަކި ރައްޔިތުން ނިންމި ނިންމުން ބަލައިނުގަނެ، ކޮޅުފައިން ޖަހާފައި މާދަމާ ނިކުމެ ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލައިގެން ދާނެ ކަމެއް ނެތް ޕާޓީތަކަކުން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، ވަޒީރުންނަށް ރުހުން ނުދިނުމަކީ ގައުމު އިނދަޖައްސާލައި ގައުމު ހަލާކުކޮށްލުމަށް ކުރާ މަސައްކަތެއް ކަމަށާއި އެއީ އަމިއްލަ އެދުން ކުރިއަށް ނެރެގެން ކުރާ ކަމެއް ކަމަށެވެ. އެއަށް ވުރެ ގައުމު އޮތީ މާ ދަށް ހާލަތެއްގައި ކަމަށާއި ރައްޔިތުން އެހެން ބޭފުޅަކު ރައީސް ކަމަށް ހޮވީ ކުރީގެ ސަރުކާރު ބަލައިނުގަތުން ކަމަށް ގާސިމް ވިދާޅުވި އެވެ.

އެމްޑީޕީއިން ކުރިޔަސް އަދި ޑިމޮކްރެޓްސް އިން ކުރި ކަމަށް ވިޔަސް އެއީ ވަރަށް ހަޑި ހުތުރު ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ގޮތުގައި ގާސިމް ސިފަ ކުރެއްވި އެވެ.

"އެތައް ބޮޑު ޕަސަންޓަކުން ތިބޭފުޅުންނަށް ސުޕަމެޖޯރިޓީ އޮއްވައި އެކަން ހަލާކުކޮށްލާފައި ތިބޭފުޅުންނަށް ދެން ވެސް އިތުރަށް ހަލާކުކޮށްލަން އުޅުއްވާނެ ކަމެއް ނެތޭ ޑިމޮކްރެޓުންނޭ ކިޔައިގެން ބަޔަކު އުފައްދައިގެން މިތަނަށް ނުކުމެގެން،" ޑިމޮކްރެޓްސް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ގާސިމް ވިދާޅުވި އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓު އެޖެންޑާކޮށްފައި އޮތީ މިއަދު މެންދުރު ފަހު 1:30 ގަ އެވެ.

މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދެވި ޑިމޮކްރެޓްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީން އިންތިހާ އަށް ކަންބޮޑުވާ ސިޔާސަތުތަކެއް ރައީސް މުއިއްޒުގެ ސަރުކާރުން ގެންގުޅޭ ކަމަށެވެ. ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމީ އެހެންވެ ކަމަށް ބަޔާނުގައިވެ އެވެ.

ޑިމޮކްރެޓްސްްއާ އެކު އިދިކޮޅު ޕާޓީއެއްގެ މަސައްކަތް ކުރަމުން އަންނަ އެމްޑީޕީން މިހާތަނަށް އަދި ގޮތެއް ނިންމައިފައެއް ނުވެ އެވެ. އެ ޕާޓީން ގޮތް ނިންމުމަށް މިހާރު ބައްދަލުވުމެއް ކުރިއަށް ދެ އެވެ.