Roadha Mihaaru

ކާޑެއްދޫ އެއާޕޯޓު ތަރައްގީކުރުމުގެ ވިސްނުން އެބައޮތް، އެކަމަކު ސަރުކާރުން ބޭނުންނަމަ ދޫކޮށްލާނަން: ގާސިމް

ވިސްނުން ހުރީ ގދ. ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރުމަށް ނަމަވެސް ސަރުކާރުން ބޭނުންނަމަ ގެއްލުން ނުވާނެ ގޮތަކަށް އެއާޕޯޓު ދޫކޮށްލާނެ ކަމަށް ކާޑެއްދޫ އެއާޕޯޓު ހިންގަމުން އަންނަ ވިލާ އެއާގެ ޗެއާމަން ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ކާޑެއްދޫ އެއާޕޯޓު ހަވާލުކުރަން ދެކޮޅުނުހަދާނަން: ގާސިމް
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

18 ފެބުރުއަރީ 2025

ވިސްނުން ހުރީ ގދ. ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރުމަށް ނަމަވެސް ސަރުކާރުން ބޭނުންނަމަ ގެއްލުން ނުވާނެ ގޮތަކަށް އެއާޕޯޓު ދޫކޮށްލާނެ ކަމަށް ކާޑެއްދޫ އެއާޕޯޓު ހިންގަމުން އަންނަ ވިލާ އެއާގެ ޗެއާމަން ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވިލާ އެއާއާ ކާޑެއްދޫ އެއާޕޯޓް އެންމެ ފުރަތަމަ ހަވާލުކުރީ 2013 ވަނަ އަހަރު 50 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ޖެނުއަރީ 2017 ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ އެ ތަނުގެ އެއްބަސްވުން ބާތިލްކޮށް، އެއާޕޯޓް އަތުލައިފަ އެވެ.

އެކަމަކު، އެ އެއާޕޯޓް ވިލާ އަށް އަނބުރާ ދޭން ސިވިލް ކޯޓުން 2018 ގައި ހުކުމްކުރި އެވެ. މި ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ. އެއާ އެކު، އެ އެއާޕޯޓު ވިލާ އެއާއާ އަލުން ހަވާލުކޮށްފައިވަނީ މާޗު 2022ގަ އެވެ.

އޭގެ ފަހުން އެއާޕޯޓުގެ ހާލަތު ގޯސްވެފައިވާތީ އެ މައްސަލަ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން އަންނަނީ ބަލަމުންނެވެ.

މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވިލާގެ ޗެއާމަން އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ ދެ ވަނަ ފަހަރަށް އެއާޕޯޓު ވިލާއަށް ލިބުނުއިރު ތަން އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށެވެ.

އެ ކަންކަން މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރަންވޭ ވެސް މަރާމާތުކޮށް ނިންމައި، އެއާޕޯޓުގެ ޖެނެރޭޓަރު ވެސް ދެ ފަހަރެއްގެ މަތިން ބަދަލުކޮށްފައިވާ ކަން ގާސިމް ފާހަގަކުރެއްވި އެވެ.

ކޮވިޑަށް ފަހު ދުނިޔޭގެ އިގްތިސޯދަށް އައި ހީނަރުކަމާއެކު އެ ކުންފުންޏަށް ވެސް އޭގެ އަސަރު ކޮށްފައިވާ ކަން ފާހަގަކޮށް ގާސިމް ވިދާޅުވީ ކުރެވެން ހުރި މިންވަރަކުން ހުރިހާ ކަމެއް ވެސް ކުރަމުން އަންނަ ކަމަށެވެ.

ތަނުން ފައިދާއެއް ނުވާ ކަމަށާއި އެއާޕޯޓު މިހާރު ވެސް ހިންގަމުން ދަނީ ވަރަށް ބޮޑު ގެއްލުމެއްގައި ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން ދަނީ އިގްތިސޯދީ ގޮތުން ދެކޮޅު ޖެހޭނެ ގޮތް ބަލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަގީގަތަކީ ވަރަށް ކުޑަ އެއްޗެއް ލިބެނީ. ލިބޭ އެއްޗަކުން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ވެސް ނުލިބޭ. ނުލިބުމުގެ ސަބަބުން ކޮންމެ މަހަކު ވެސް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަޅުގަނޑުމެން ހަރަދުކުރަން އެބަ ޖެހޭ،" ގާސިމް ވިދާޅުވި އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ގާސިމް އަދި ވިލާ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ގާސިމް އަދި ވިލާ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ގާސިމް ވިދާޅުވި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ވެސް އިންޓަނޭޝަނަލް ފެންވަރަށް އެ އެއާޕޯޓު ތަރައްގީ ކުރުމެވެ. އެގޮތުން، އެންމެ ކުޑަ ވެގެން ވެސް 2400މީޓަރު ދިގުމިނަށް ރަންވޭ ކޮޅުން ހިއްކާ ރަންވޭ ހަދާ އިންޓަނޭޝަނަލް އެއާޕޯޓަކަށް ދާން އަޅުގަނޑުމެންގެ ވިސްނުން އޮތް ކަމަށް ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުން އެ ވިސްނުން ގެންގުޅޭތީ އެއްބާރުލުން ދޭނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ވެސް ވިދާޅުވެފައިވާނެ އެވެ.

"ރައީސުލްޖުމްހޫރިއްޔާ ވެސް ވިދާޅުވި އެތަން އިންޓަނޭޝަނަލް އެއާޕޯޓަކަށް ހައްދަވައިދެއްވުމުގައި މަސައްކަތް ކުރައްވަން އެދިވަޑައިގަންނަވާ ކަމަށް ދެ ފަހަރެއްގެ މަތިން. އަޅުގަނޑު ދެންނެވިން އާދޭހޭ އަޅޫގަނޑު ހަމަ މަސައްކަތް ކުރާ ގޮތަށޭ މި ތިބީ. އެކަން ކުރާނަމޭ، އެއްވެސް ޝައްކެއް ނެތޭ،" ގާސިމް ވިދާޅުވި އެވެ.

އެހެންނަމަވެސް ކުންފުނީގެ މާލީ ހާލަތު މިވަގުތު އޮތް ގޮތުން އެކަން ކުރަން ގޮންޖެހުންތަކެއް އެބަހުރި ކަން ފާހަގަކޮށް ގާސިމް ވިދާޅުވީ ސަރުކާރުން އަލުން އެއާޕޯޓު ނަގަން ބޭނުންވާ ނަމަ އެކަމަށް ހުރަސް އަޅައި ދެކޮޅު ނުހަދާނެ އެވެ.

"ސަރުކާރުން ވަކި ގޮތެއް ބޭނުން ވެގެން އެވެނިހެން މިވެނިހެން ވިދާޅުވެއްޖިއްޔާ އަޅުގަނޑުމެން މިތިބީ އެކަން ރީސަނަބަލް ގޮތަކަށް ވަންޏާ އަޅުގަނޑުމެންނަށް ގެއްލުމެއް ނެތް ގޮތަކަށް ވިއްޔާ ދޫ ވެސް ކޮށްލާ ގޮތަށް،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ މީގެ ކުރިން ވެސް ސަރުކާރުން އެއާޕޯޓު "ދަމައިގަތީ" އެކަމަށް ބޭނުންވާ އިންވެސްޓަރުން ވެސް ހޯދާފައިވަނިކޮށެވެ. އޭގެ ސަބަބުން ކުރިން ވެސް އޮތީ ތަރައްގީއަށް ހުރަސް އެޅިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ފަހު، ގާސިމް އަދި ވިލާ ކުންފުނީގެ ސީއީއޯ ސިޔާދު ގާސިމް ވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ފަހު، ގާސިމް އަދި ވިލާ ކުންފުނީގެ ސީއީއޯ ސިޔާދު ގާސިމް ވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"އިންޓަނޭޝަނަލް އެއާޕޯޓަކަށް ދާން އަޅުގަނޑުމެންގެ ވިސްނުން އޮތީ. އެކަމަކު ސަރުކާރުން އިރުއިރުކޮޅުން އަޅުގަނޑުމެން އަތުން އަތުލާފަ. އިރުއިރުކޮޅުން ގޯނާކުރަންޏާ ކިހިނެތްތޯ އެކަން ކުރާނީ،" އޭނާ ވިދާޅުވި އެވެ.

އެކަން އެންމެ ކުޑަ އަގުގައި މިވަގުތު ވެސް ކުރެވެން އޮތީ އެ ކުންފުންޏަށް ކަމަށާއި އެކަމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ވެސް އެ ކުންފުނީގައި މިވަގުތު އެބަހުރި ކަަމށް އޭނާ ވިދާޅުވި އެވެ.

ވިލާ އެއާ އިން 2022 ގައި ކާޑެއްދޫ އެއާޕޯޓު ހިންގުމާ ހަވާލުވުމަށް ފަހު، ހަތް އަހަރު ދުވަހުގެ ތެރޭގައި އެތަން އިންޓަނޭޝަނަލް އެއާޕޯޓެއްގެ ފެންވަރަށް ތަރައްގީކުރަން އޮތީ ނިންމައިފަ އެވެ.