Roadha Mihaaru
ރުހުން ދިން ޖަލްސާއަށް ގާސިމް ވަޑައިނުގަންނަވާ!

ވަޒީރުންނަށް ރުހުން ދިނުމާ ގާސިމް އެއްކޮޅު، އެކަމަކު ޖަލްސާ އަށް ވަޑައިނުގެންނެވި!

30 ޖެނުއަރީ 2024

ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ހޮވާފައިވާ ވެރިއަކު އައްޔަން ކުރައްވާފައިވާ ވަޒީރުންނަށް ރުހުން ނުދީ، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައިގެން ރައްޔިތުންގެ ކުރިމައްޗަށް ވޯޓު ހޯދަން ނުދިއުމަށް މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މީގެ ދެ ދުވަސް ކުރިން ގޮވާލެއްވިޔަސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ ބޭފުޅުންނަށް ރުހުން ދިނުމުގެ ކަންކަން ނިންމަން އިއްޔެ ބޭއްވި ޖަލްސާ އަށް އޭނާ ވަޑައިނުގެންނެވި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ހޮވާފައިވާ ވެރިއަކު އައްޔަން ކުރައްވާފައިވާ ވަޒީރުންނަށް ރުހުން ނުދީ، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައިގެން ރައްޔިތުންގެ ކުރިމައްޗަށް ވޯޓު ހޯދަން ނުދިއުމަށް މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މީގެ ދެ ދުވަސް ކުރިން ގޮވާލެއްވިޔަސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ ބޭފުޅުންނަށް ރުހުން ދިނުމުގެ ކަންކަން ނިންމަން އިއްޔެ ބޭއްވި ޖަލްސާ އަށް އޭނާ ވަޑައިނުގެންނެވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހާޒިރީ އެންމެ ދަށް މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް، ވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ނިންމަން މިދިޔަ އާދިއްތަ ދުވަހު އެންމެ ފުރަތަމަ ތާވަލްކުރި ޖަލްސާ އަށް ވަޑައިގެންފަ އެވެ. އެ ދުވަހު އޭނާގެ ރޫހު ހުރީ ވަޒީރުންނަށް ރުހުން ދިނުމާ އެއްކޮޅަށެވެ. އޭނާގެ ވާހަކަ ބިނާކުރެއްވީ ވެސް ވަޒީރުންނަށް ރުހުން ދިނުމުގެ މުހިންމު ކަމުގެ މައްޗަށެވެ.

ނަމަވެސް އެ މައްސަލަ ދިގުލައިގެން ގޮސް އިއްޔެގެ މެންދުރު އެކެއް ޖެހިއިރު ބޭއްވި ޖަލްސާ އަށް ގާސިމް ވަޑައިނުގަންނަވަ އެވެ. ވަޒީރުންނަށް ރުހުން ދިނުމުގެ ކަންކަން ނިންމި އެ ޖަލްސާ އަށް ގާސިމް ވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ނަމަ ރުހުން ނުލިބުނު ތިން ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ލިބުމުގެ ފުރުސަތު ބޮޑެވެ.

ޝަހީމަށް ރުހުން އޮތް ކަމަށް 30 މެންބަރުން ވޯޓު ދެއްވިއިރު، ރުހުން އޮތް ކަމަށް ފާސްވާން މަދުވީ އެންމެ ވޯޓެކެވެ. ޝަހީމްގެ ވޯޓުގައި 31 މެންބަރުން ނުފެންނަ ކަމަށް ވޯޓު ދެއްވެވިއިރު ވަކިކޮޅަކަށް ވޯޓު ނުދެއްވާ 8 މެންބަރަކު ތިއްބެވި އެވެ. މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވި ގޮތުން ޝަހީމަށް ރުހުން އޮތް ކަމަށް ފާސްވާނެ އަދަދަކީ 31 އެވެ.

ވަޒީރުންނަށް ރުހުން ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ސިފަ ކުރައްވައި، މިދިޔަ އާދިއްތަ ދުވަހުގެ ޖަލްސާގައި ގާސިމް ވަނީ އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުން އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެ މެންބަރުންނަށް ކޯފާ އިސްކުރައްވައިފަ އެވެ.

ގާސިމް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ވަފާތެރިވުމަކީ މިއަދު ހުރިހާ ރައްޔިތުންނަށް ރުހުން ދިނުން ކަމަށާއި ވަޒީރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުން ނިންމާފައިވާ ނިންމުމުގައި "ކޮޅުފައިން" ޖެހުން ކަމަށެވެ.

"މިއަދު މި ރައްޔިތުންގެ މަޖިލީހުން އެބަ ޖެހެޔޭ ހުރިހާ ވަޒީރުންނަށް ރުހުން ދެއްވަން. އެހެން ނުދީފި ހާލަތެއްގައި އޭގެ މާނައަކީ ރައްޔިތުން ނިންމި ނިންމުން ބަލައިނުގަނެ، ކޮޅުފައިން ޖަހާފައި މާދަމާ ނިކުމެ ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލައިގެން ދާނެ ކަމެއް ނެތް ޕާޓީތަކަކުން،" ވަރަށް ކޯފާ އިސްކުރައްވައި ގާސިމް ވިދާޅުވި އެވެ.

ވަޒީރުންނަށް ރުހުން ނުދޭން ކުރާ މަސައްކަތް ގާސިމް ސިފަ ކުރެއްވީ ގައުމު އިނދަ ޖައްސާލަން އިދިކޮޅުން ކުރާ މަސައްކަތެއްގެ ގޮތުގަ އެވެ.

ނަމަވެސް އާދިއްތަ ދުވަހުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމާ އެއްކޮޅަށް ވާހަކަ ދައްކަވާފައި އެ ދުވަހުގެ ހަވީރު ނޫސްވެރިން ގާތު ވާހަކަ ދެއްކެވީ ރައީސް ޑރ. މުއިއްޒުގެ ބައެއް ވާހަކަފުޅުތަކާ ދެކޮޅަށެވެ.

ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީއާ އެކު ގާސިމްގެ ޖުމްހޫރީ ޕާޓީން ރަސްމީ ގުޅުމެއް ނުބޭއްވިޔަސް ރައީސް ޑރ. މުއިއްޒު އެންމެ ފަހުން ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފުރާވަޑައިގަންނަވާތީ އާއި ރާއްޖެ ވަޑައިގަތުމުން އިސްތިގުބާލު ކުރައްވަން ގާސިމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާ އެއާޕޯޓަށް ވަޑައިގަތެވެ.

މާޗު 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ގާސިމްގެ މާމިގިލި ދާއިރާގެ ގޮނޑި ވެސް ޕީޕީއެމް/ޕީއެންސީން ވަނީ ގާސިމަށް ދޫކޮށްލައިފަ އެވެ.