Roadha Mihaaru
ރައީސް އިންޑިއާގެ ކިބައިން މައާފަށް އެދެންޖެހޭ: ގާސިމް

އިންޑިއާ އާ ގުޅިގެން ރައީސް ދެއްކެވި ވާހަކަފުޅަށް މައާފަށް އެދެންޖެހޭ: ގާސިމް

28 ޖެނުއަރީ 2024

"އިންޑިއާ" ގެ ނަން ބޭނުންނުކޮށް އެ ގައުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަށް އެމަނިކުފާނު މައާފަށް އެދިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

"އިންޑިއާ" ގެ ނަން ބޭނުންނުކޮށް އެ ގައުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަށް އެމަނިކުފާނު މައާފަށް އެދިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ގާސިމް އިޝާރާތް ކުރެއްވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މުއިއްޒު ދެއްކެވި ވާހަކަފުޅަށެވެ.

ރައީސް އެ ދުވަހު ވިދާޅުވީ އާސަންދަ އަކީ ހަމައެކަނި "ވަކި ގައުމެއް" ގައި ހުންނަ މެޑިކަލް ފެސިލިޓީތަކުން ލިބޭ އެއްޗަކަށްވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމުގެ މަސައްކަތް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ކަމަށާއި ދުބާއީ އާއި ބެންގްކޮކް ފަދަ ގައުމުތަކަށް އެ ހިދުމަތް ފުޅާ ކުރައްވާނެ ކަމަށެވެ. އަދި ރާއްޖެއަކީ ވަކި ގައުމެއްގެ "ބެކްޔާޑު"ގައި އޮތް ގައުމެއް ނޫން ކަމަށް ބުނެ ރާއްޖެއަކީ ކުޑަ ގައުމަކަށް ވިޔަސް ބުލީ ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އިންޑިއާގެ ޓޫރިޒަމް ޕްރޮމޯޓްކުރަން އެ ގައުމުން އާންމުކުރި ވީޑިއޯއަކާ އެކު ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ގޯސްވެ އެގޮތަށް ރައީސް ވާހަކަފުޅު ދެއްކެވީ ރާއްޖެ ބޮއިކޮޓް ކުރަން އެ ގައުމުން ގޮވާލަމުންދިޔަ ދަނޑިވަޅެއްގަ އެވެ.

ޖުމްހޫރީ ޕާޓީން ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅިގެން ނޫސްވެރިއަކު ސުވާލުކުރުމުން ގާސިމް ވިދާޅުވީ އިންޑިއާގެ ނަން ބޭނުންނުކޮށް ރައީސް، ވާހަކަފުޅު ދެއްކެވިޔަސް އެއީ އެމަނިކުފާނު ގަބޫލުކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

އިންޑިއާއަކީ ޒަމާންވީ ގާތް ގުޅުމެއް ރާއްޖެއާ އެކު އޮންނަ ގައުމެއް ކަމަށް ވިދާޅުވެ، އެ ގުޅުން ގާސިމް ދިފާއު ކުރެއްވި އެވެ.

"ޑރ. މުއިއްޒު ރާއްޖެ ވަޑައިގެން ދެއްވި އިންޓަވިއުގައި ވިދާޅުވި ބައެއް ބަސްފުޅުތައް، އަޅުގަނޑު ވެސް ދަންނަވާނީ އޭގައި އެބަހުއްޓޭ ދެތިން ބަސްފުޅެއް އަޅުގަނޑު މަރުހަބާ ނުކިޔާނެ."

ގާސިމް ވިދާޅުވީ މިހާރު އާސަންދަ ސްކީމުގެ ދަށުން ދާ ގައުމުތަކަށް ވުރެ ދުބާއީ އާއި ބެންކޮކަކީ ރަނގަޅު ތަނެއް ކަމަށް ދޭހަކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅާ އެއްބަސްވެވެން ނެތް ކަމަށެވެ. އިންޑިއާއަކީ ސިއްހީ ދާއިރާގައި މާ ކުރިއަރާފައިވާ ގައުމެއް ކަމަށާއި ޔޫރަޕަށް ވެސް އިންޑިއާގެ ބޭސް ގެންދާ ކަމަށް ވިދާޅުވި އެވެ.

"އެ ބޭފުޅުންނަކަށް އިންޑިއާގައި ހުރި ޑޮކްޓަރުންނާއި ފެސިލިޓީ ޖަހާލެވޭ ވަރަކަށް ތަރައްގީއެއް ނޫން. އަދި އެބޭފުޅުންނަށް ވުރެ، 80 ޕަސެންޓް އަގު ބޮޑު އެތަންތަން،" ގާސިމް ވިދާޅުވި އެވެ.

އެހެންވެ ވަކި ގައުމަކުން ބޭސް ނުގެންނަ ކަމަށް ދޭހަވާ ގޮތަށް ވާހަކަފުޅު ދެއްކެވުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ނުފެންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު އެދެން ޗައިނާ އިން ވަޑައިގެން ރައީސް އެ ދެއްކެވި ވާހަކަފުޅުގެ ދެތިން ހަތަރު ޕޮއިންޓަށް އިންޑިއާ ސަރުކާރުންނާއި ޕީއެމް މޯދީގެ ކިބައިން ރަސްމީކޮށް މައާފަށް އެދިވަޑައިގަންނަވަން،" ގާސިމް

އެ ޖަޒުބާތުގައި ރައީސް ޖެހިވަޑައިގަތީ އިންޑިއާ އާއި ރާއްޖޭގެ ރައްޔިތުންގެ ގުޅުން ހީނަރުކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވި މަސައްކަތެއްގެ ސަބަބުން ކަމަށާއި އެކަން އެގޮތަށް ދިމާވީ މިދިޔަ ސަރުކާރުގައި ލިމިޓެއް ނެތި އެކަމަށް ފުރުސަތު ދިނުމުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"އެ ޖަޒުބާތުގައި ޖެހިވަޑައިގަންނަވާކަށް ޑރ. މުއިއްޒަކަށް ނުޖެހެޔޭ. އަޅުގަނޑުމެންގެ އަވަށްޓެރި ގައުމަކަށް ޖެހޭ ކަށް އަޅުގަނޑުމެން ނުޖެހެޔޭ. އޭގެ މާނައަކީ މިތަނުގައި އެއްވެސް ގައުމެއްގެ ސިފައިން ތިބޭކަށް ނުޖެހެޔޭ. އޭގެ މާނައަކީ ގާނޫނުއަސާސީއާ ހިލާފަށް ކަމެއް ކުރުމެއް ނޫނޭ،."

އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެކަމާ ދެކޮޅަށް ގަރާރެއް ވެސް ނެރުއްވީ "އިންޑިއާ އައުޓް" ކެމްޕެއިން ފުޅާވި ފަހުން ކަމަށް ވިދާޅުވެ ގާސިމް ވަނީ ޖޭޕީ ހިމެނޭ ގޮތަށް އޭރު އޮތް ކޯލިޝަން ވެރިކަމަށް ފާޑުވިދާޅުވެފަ އެވެ.

މިފަހުން ރާއްޖެއާއި އިންޑިއާގެ ގުޅުން ހީނަރުވެ، ސޯޝަލް މީޑިއާގައި ދެ ގައުމުގެ ރައްޔިތުން އެއްބަޔަކު އަނެއް ބަޔަކާ ދިމާކޮށްލީ އިންޑިއާގެ ޓޫރިޒަމް ޕްރޮމޯޓްކުރަން އެގައުމުން އާންމުކުރި ވީޑިއޯއަކާ އެކު ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިހްތިރާމް ކުޑަކޮށް އެ ގައުމުގެ ބޮޑުވަޒީރަށް ފާޑު ވިދާޅުވި މައްސަލައެއްގަ އެވެ. އެ މައްސަލައިގައި އެ ބޭފުޅުން ސަސްޕެންޑްކުރިޔަސް ޗައިނާ އިން ވަޑައިގެން ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ސީދާ އެ މައްސަލާގައި ރައީސް ވާހަކަފުޅެއް ނުދައްކަވަ އެވެ.