Roadha Mihaaru
"ގުޅުން ގާތަސް އިންޑިއާއިން އަބަދު އެހީއެއް ނުވެވޭނެ"

"ގުޅުން ގާތަސް އިންޑިއާއިން އަބަދު އެހީއެއް ނުވެވޭނެ،" ގާސިމް ބޭނުންވަނީ ރާއްޖެއިން އަމިއްލައަށް ގޮތް ހޯދަން

13 އޯގަސްޓް 2023

އިންޑިއާއަކީ ރާއްޖެއާ ކިތަންމެ ގާތް ގައުމަކަށް ވިޔަސް ތާއަބަދު އެ ގައުމަށް ރާއްޖެއަށް އެހީތެރިކަން ނުވެވޭނެ ކަމަށާއި ދިވެހިން އަމިއްލަ ފައިމައްޗަށް ތެދުވަން ޖެހޭ ކަމަށް ޖުމްހޫރީ ޕާާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އިންޑިއާއަކީ ރާއްޖެއާ ކިތަންމެ ގާތް ގައުމަކަށް ވިޔަސް ތާއަބަދު އެ ގައުމަށް ރާއްޖެއަށް އެހީތެރިކަން ނުވެވޭނެ ކަމަށާއި ދިވެހިން އަމިއްލަ ފައިމައްޗަށް ތެދުވަން ޖެހޭ ކަމަށް ޖުމްހޫރީ ޕާާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

އދ. މާމިގިލީގައި ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާގައި ރާއްޖޭގެ ރައްކާތެރިކަމާއި ކަނޑު ބެލެހެއްޓުމުގެ މަސައްކަތަށް އެއާ ފޯސްއެއް ގާއިމުކޮށް، ކޯސްޓްގާޑުގެ ބަދަލުގައި ނޭވީއެއް އުފައްދަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ޒަމާނުއްސުރެ އިންޑިއާއިން ދެމުންދާ އެހީތެރިކަމަށް އިޝާރާތްކުރައްވައި ގާސިމް ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް އެހެން ބަޔަކާ ހަވާލުކުރަން ނުޖެހޭ ކަމަށެވެ. އަދި އިންޑިއާ އިން ރާއްޖެއަށް ގިނަ އެހީތަކެއް ވަމުން އަންނަ ކަމަށާއި އެކަމަކު އެގައުމުގައި ވެސް "ބޯނެ ފެން ފޮދެއް ނެތިފައި" އެތައް މިލިއަން ބަޔަކު އެބަ ތިބި ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެހެން އެމީހުން [އިންޑިއާ] ތިބެގެން އަޅުގަނޑުމެންނަށް އަބަދާ އަބަދު ފޫވެއްޓިފައި އޮތް ފަޔަކަށް ފެންފުރާހެން އެކަންކަން ފުއްދައިދެވޭނެތޯ. ނުކޮށްދެވޭނެ ދެއްތޯ. ކިތަންމެ ލޯތްބެއް ވިޔަސް އަޅުގަނޑުމެންނާއި ކިތަންމެ ގާތް ގުޅުމެއް ބާއްވަން ބޭނުންވިޔަސް ތާއަބަދަކު އަޅައެއް ނުލެވޭނެ ދެއްތޯ،" ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަނބިކަނބަލުން އައިޝަތު ނަހުލާ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަނބިކަނބަލުން އައިޝަތު ނަހުލާ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ގާސިމް ވިދާޅުވީ އަބަދު މީހުންގެ ގައިގައި ލެނގިގެން ހުރުމުގެ ބަދަލުގައި އަމިއްލަ ފައިމައްޗަށް ދިވެހިން ތެދުވަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ މައި ބުރަކަށީގައި ހުންނަންވާނެ އެ ބާރު، ނެތިއެއް އަޅުގަނޑުމެންނަކަށް ނޫޅެވޭނެ،" ކާބަފައިން ދެއްކެވި މިސާލަކީ އެއީ ކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވި އެވެ.

މީގެ ކުރިން ޕީޕީއެމާއި އެމްޑީޕީއަށް ވެސް ވެރިކަން ހޯދައިދިނުމަށް އޭނާ މަސައްކަތް ކުރެއްވި ކަމަށާއި އެކަމަކު އޭގެ ނަތީޖާ ރައްޔިތުންނަށް ފެނިއްޖެ ކަމަށް ވިދާޅުވެ ގާސިމް ވަނީ ސަރުކާރުތަކަށް ވެސް ފާޑުވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން ކޯލިޝަން ހަދައިގެން ދަނީ، އެކަމަކު ކަންކުރާ ގޮތް ވަގުތު ނަގާލަން ދެއްކުމުގެ މާނައެއް އެބަ އޮތްތޯ،" މި ސަރުކާރުގެ އެއް ކޯލިޝަން ލީޑަރު ކަމަށްވާ ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ސަރުކާރުތަކުން އުޅެނީ ވެރިކަމަށް އައުމަށް ފަހު "ބަގުޑި" ބެއްދުމަށް ކަމަށާއި އެކަމަކު އެމަނިކުފާނަކީ އެގޮތަށް މަސައްކަތްކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ. އެމަނިކުފާނަކީ އަމިއްލަ އާއިލާ ބެލެހެއްޓުމުގެ ތަނަވަސް ބޭފުޅެއް ކަމަށާއި އެކަމަކު އަބަދުވެސް މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވުމަށް ކަމަށް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑު މިއުޅެނީ މި ދިވެހިރާއްޖެގެ ކޮންމެ މީހަކު ވެސް އަޅުގަނޑެކޭ އެއްފަދަ ތަނަވަސް މީހަކަށް ހަދައިދިނުމުގެ މަގްސަދުގައި."

އެހެންވެ ގާސިމް ވަނީ ކުޑަ ޕާޓީއެއް، ބޮޑު ޕާޓީއެއް ބެލުމުގެ ބަދަލުގައި ސެޕްޓެމްބަރު 9 ގައި އޮންނަ އިންތިހާބުގައި ރާއްޖެއަށް އެންމެ ބޮޑު ބަދަލެއް ގެނެސްދެވޭނެ ވެރިއަކު ހޮވުމަށް އެދިވަޑައިގެންފަ އެވެ.