Roadha Mihaaru
ޝަހީމް ދޫކޮށްލުމުން ނޫނީ ޖަލްސާ ކުރިއަށް ނުގެންދެވޭނެ

ޝަހީމް ހޮސްޕިޓަލުން ދޫކޮށްލުމުން ނޫނީ ޖަލްސާ ކުރިއަށް ނުގެންދެވޭނެ: ސިރާޖު

28 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައި މިއަދު ހިނގި ހަމަނުޖެހުންތަކުގައި ކަނޑިތީމު ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުﷲ ޝަހީމަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދެއްވުމަށް ފަހު ހޮސްޕިޓަލުން ދޫކުރުމުގެ ކުރިން މަޖިލިސް ކުރިއަށް ގެންދަން ޖާގައެއް ނުދެވޭނެ ކަމަށް، މަޖިލީހުގެ މައިނޯރިޓީ ޕާޓީ، ޕީއެންސީގެ ލީޑަރު، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޭނާ، "އެކްސް"ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މާރާމާރީ ހިންގާ، އެ ޕާޓީގެ މެމްބަރަކަށް އަނިޔާކުރުމުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހިފައިވާ ކަމަށެވެ. އެހެންވެ، އޭނާ ހޮސްޕިޓަލުން ދޫކުރުމުގެ ކުރިން މަޖިލިސް ކުރިއަށްގެންދަން ޖާގައެއް ނުދެވޭނެ ކަމަށް ވިދާޅުވި އެވެ،

މަޖިލީހުގެ ތެެރޭގައި ހަމަނުޖެހުންތައް ހިނގީ ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމުމުން، މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭ ގޮތަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ހުއްޓުވުމުންނެވެ. އެންމެ ބޮޑު މާރާމާރީއެއް ހިނގީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އާއި ޝަހީމާ ދެމެދުގަ އެވެ.

ދެ މެންބަރުން ޗެމްބަރު ކައިރިއަށް ވެއްޓުމުގެ ތެރޭގައި ޝަހީމްގެ ބޮލަށް ވެސް ވަނީ އަނިޔާވެފަ އެވެ. އެކަން ހުއްޓުވުމަށް މައިނޯރިޓީ ލީޑަރު ސިރާޖު މަސައްކަތް ކުރެއްވި ވީޑިއޯ ފެނިފައިވެ އެވެ.

ނަމަވެސް، އޭގެ ފަހުން ވެސް މެންބަރު އީސާ އާއި ޝަހީމާ ދެމެދު ހަމަނުޖެހުން ހިނގި އެވެ. ޝަހީމަށް އަނިޔާވީ އީސަ، އޭނާގެ ގައިގާ ކަކޫ އަޅުވައި އިސްތަށިގަނޑުގައި ހިފާ ދަމައިގަތުމުންނެވެ. ޝަހީމްގެ ކަންފަތް ކައިރިއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު އެ ހަމަނުޖެހުން ހުއްޓުވަން ބައެއް މެންބަރުން މަސައްކަތް ކޮށްފައިވެ އެވެ.

މެމްބަރުންނަށް ރުހުން ދިނުމުގެ މައްސަލަ ހޫނުވެފައިވަނިކޮށް، އެކަން ކުރިއަށްގެންދިއުމަށް މިރޭ ވެސް ޖަލްސާ ތާވަލްކޮށްފައިވެ އެވެ. އެކަމަކު، ޖަލްސާ ކުރިއަކަށް ނުދެ އެވެ.