Roadha Mihaaru
ރުހުން ނުދޭތީ ސަރުކާރު މެންބަރުން ޖަލްސާ ހުއްޓުވައިފި

ބައެއް ވަޒީރުންނަށް ރުހުން ނުދޭން އުޅޭތީ ސަރުކާރު މެންބަރުން ޖަލްސާ ހުއްޓުވައިފި

28 ޖެނުއަރީ 2024

ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލާގައި ވޯޓަށް އެހުމަށް ތައްޔާރުވެފައި ވަނިކޮށް، ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ މެންބަރުން ޖަލްސާ އަށް ހުރަސް އަޅަން ފަށައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލާގައި ވޯޓަށް އެހުމަށް ތައްޔާރުވެފައި ވަނިކޮށް، ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ މެންބަރުން ޖަލްސާ އަށް ހުރަސް އަޅަން ފަށައިފި އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ވޯޓަށް އެހުން އޮތީ މިއަދު 1:30 އަށް ތާވަލުކޮށްފަ އެވެ. ނަމަވެސް އެ ގަޑިއަށް ސަރުކާރުގެ މެންބަރުން މަޖިލީހުގެ ތަޅުމަށް ވަދެ ރިޔާސަތު އިންނަވާ ޗެމްބަރަށް ވަނީ އަރައިފަ އެވެ. ރިޔާސަތުގެ ގޮނޑީގައި އިށީނދެވަޑައިގެން އިންނެވީ ކަނޑިތީމުގެ ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމެވެ.

އޭގެ އިތުރުން ޗެމްބަރު ތަޅުލައި މެންބަރުން ވޯޓުލާ ކާޑުކޮޅުތައް ވެސް ސަރުކާރު މެންބަރުން ވަނީ ނަގައިފަ އެވެ. އެހެންވެ ޖަލްސާ އަދިވެސް ނުފެށެ އެވެ.

މިވަގުތު މަޖިލީހުގެ ތަޅުމުގައި ހަޅުތާލު ކުރަމުން އަންނަ މެންބަރުންގެ ތެރޭގައި އެމްޑީޕީން ޕީއެންސީ އަށް އަލަށް ބަދަލުވި މެންބަރުން ހިމެނެ އެވެ.

.ސަރުކާރު މެންބަރުން މަޖިލީހުގެ ތަޅުމުގައި ހަޅުތާލު ކުރަނީ--

.ސަރުކާރު މެންބަރުން މަޖިލީހުގެ ތަޅުމުގައި ހަޅުތާލު ކުރަނީ--

މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ވަނީ އެޓާނީ ޖެނަރަލް އަހުމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ނުދިނުމަށް ނިންމައިފަ އެވެ.

އަދި ޑިމޮކްރެޓްސް އިން ވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ވެސް ރުހުން ނުދޭން ނިންމައިފަ އެވެ.

ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީން ބުނީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެކުލަވާލި ކެބިނެޓުގެ ބޭފުޅުންނަށް މަޖިލިހުން ރުހުން ނުދިނުމަކީ ރައްޔިތުންނަށް ސަރުކާރުން ދޭ ހިދުމަތްތަކަށް ހުރަސްއެޅުން ކަމަށެވެ.

"ވަޒީރުންނަށް އެއްވެސް މިންވަރަކަށް ފުރުސަތު ދީ ވަޒަންކުރުމެއް ނެތި އެބޭފުޅުންނަށް ރުހުން ނުދިނުމަކީ ސަރުކާރު ހިންގުމަށް ދޭންޖެހޭ އެއްބާރުލުން ނުދިނުންކަމަށާއި އެއީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތަށް ފާޅުގައި ހުރަސް އެޅުން ކަމުގައި ދެކެމެވެ." އެ ކޯލިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.