Roadha Mihaaru
ސުޕަމެޖޯރިޓީއާއެކު އިދިކޮޅު ބާކީއެއް ނުކުރާނަން: ސަލީމް

ސުޕަމެޖޯރިޓީއާ އެކު މަސައްކަތް ކުރާނީ އިދިކޮޅު ބާކީނުކޮށް، ތަފާތު ފެންނާނެ: ސަލީމް

23 އެޕްރީލް 2024

މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި ފެނުނު މަންޒަރާ ހިލާފަށް، ކުރިއަށް އޮތް ދައުރުގައި ޕީއެންސީން ސުޕަމެޖޯރިޓީގެ ނަހަމަ ބޭނުން ހިފައިގެން އިދިކޮޅު މެންބަރުން ބާކީ ނުކުރާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު، އަދި ހަތަރު ވަނަ ދައުރަކަށް އޭދަފުށީ ދާއިރާގެ ގޮނޑިއަށް އިންތިހާބުވެފައިވާ އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި ފެނުނު މަންޒަރާ ހިލާފަށް، ކުރިއަށް އޮތް ދައުރުގައި ޕީއެންސީން ސުޕަމެޖޯރިޓީގެ ނަހަމަ ބޭނުން ހިފައިގެން އިދިކޮޅު މެންބަރުން ބާކީ ނުކުރާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު، އަދި ހަތަރު ވަނަ ދައުރަކަށް އޭދަފުށީ ދާއިރާގެ ގޮނޑިއަށް އިންތިހާބުވެފައިވާ އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ނަފްސާނީ ފަރުވާގެ ބިލަށް ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، އެމްޑީޕީގެ މެޖޯރިޓީއާ އެކު ފެންނަ މަންޒަރަކީ އާރާއި ބާރު ލިބުމުން ނިކަމެތިންނަށް ފުރައްސާރަކޮށް، ނަފްސާނީ ގޮތުން ބަލިކަށިކޮށްލާ މަންޒަރު ކަމަށާއި ހިނގަމުންދާ މަޖިލީހުގައި ވެސް އެކަން ފެނުނު ކަމަށެވެ.

އެގޮތުން އޭރު އިދިކޮޅުގެ ނުވަ މެންބަރުން މަޖިލީހުގައި ތިބިއިރު، އެ މެންބަރުންނާމެދު ކަންތައް ކުރީ އިހާނެތިކޮށް ކަމަށާއި މަޖިލީހުގައި މަސައްކަތް ކޮށް ހުރަސް އަޅައި، ނަފްސާނީ ގޮތުން ބަލިކަށި ކޮށްލި ކަމަށް ސަލީމް ވިދާޅުވި އެވެ.

"އެންމެ ހައެއްކަ މީހުންނަށް ވާހަކަ ދައްކާލާނެ ފުރުސަތު ވެސް ނުދިން. އެ ފުރުސަތަށް އަންނަނީ ނިޒާމީ ނުކުތާ ނަގައިގެން ހުރަސް އަޅަމުން ފުރައްސާރަކުރަމުން، މަދުމީސްކޮޅެއް ތިބީތީ އޭގެ ނަތީޖާއަކަށްވީ [ނަފްސާނީގޮތުން ބަލިކަށިވުން] އެކަމަކު އަޅުގަނޑުމެން ހިތްވަރުގަދަ ކަމުން ނަފްސާނީ މައްސަލަތަކުން އަރައިގަތީ،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވަނީ އާ ސަރުކާރު އިންތިހާބުވުމަށް ފަހު ވެސް އެމްޑީޕީން އާރާއި ބާރު ބޭނުންކޮށްގެން ޖެއްސުންކޮށް، ނިކަމެތިކޮށް މީހުންނަށް ބިރު ދައްކައި ކަންކަން ކުރި ކަމަށް ތުހުމަތުކޮށްފަ އެވެ. އޭނާ ވިދާޅުވީ އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު އެ މީހުންނަށް އާރާއި އެ ބާރު ގެއްލިފައިވާ ކަމަށެވެ.

އާދިއްތަދުވަހު ބޭއްވި އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީން ހޯދި ސުޕަމެޖޯރިޓީ ފާހަގަކުރައްވައި ސަލީމް ވިދާޅުވީ، އެއްވެސް ބަޔަކަށް ބިރު ދައްކައި، ގެއްލުންދީ ނުހަދާނެ ކަމަށާއި މަޖިލިސް ކުރިއަށްގެންދާނީ މައިނޯރިޓީވެސް ހިމަނައިގެން ކަމަށެވެ.

"މިތާ އޮތް މައިނޯރިޓީއަށް އިހުތިރާމްނުކޮށް އެ މީހުން ބަލިކޮށްލާކަށް އަޅުގަނޑުމެން މަސައްކަތެއް ނުކުރާނަން، އިރާދަކުރެއްވިއްޔާ މާތް ﷲގެ ރަހުމަތްފުޅާއެކީގައި ހުރިހާ ބަޔަކަށް އެއްވަރަށް ހިއްސާކޮށްގެން ކުރިއަށް ދާން އަޅުގަނޑުމެން މަސައްކަތް ކުރާނީ،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާއި އިރުޝާދު ވެސް ހުރީ އެގޮތަށް ކަމަށެވެ.