Roadha Mihaaru
މަޖިލީހުގެ 93 ދާއިރާއަށް ކުރިމަތިލާން ހުޅުވާލައިފި

މަޖިލީހުގެ 93 ދާއިރާއަށް ކުރިމަތިލާން ހުޅުވާލައިފި

30 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

އެ ކޮމިޝަނުން ކުރި އިއުލާނުގައި ބުނީ 93 ދާއިރާއަކަށް ކުރިމަތިލާން އަންނަ މަހުގެ 14 ވަނަ ދުވަހާ ހަމައަށް މުއްދަތު ދީފައިވާ ކަމަށެވެ.

ފޯމު ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 2:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރު ފަހު 2:00-4:00 އަށެވެ.

އިންތިހާބު ބާއްވަން ހަމަޖައްސާފައިވަނީ ރޯދަ މަހުގެ ތެރޭގައި، އަންނަ މާޗު 17 ވަނަ ދުވަހެވެ.

އިންތިހާބަށް ކުރިމަތިލާ މީހުންގެ ބައެއް ޝަރުތުތައް

- 18 އަހަރު ފުރި، ބުއްދި ސަލާމަތުން ހުރުން

- ބޭރު ގައުމެއްގެ މީހަކު ދިވެއްސަކަށް ވެފައިވާ ނަމަ، އެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެ މީހަކު ދިވެއްސަކަށް ވިތާ ފަސް އަހަރު ފުރުމަށް ފަހު. އަދި އެ މީހަކީ ރާއްޖޭގައި އުޅޭ މީހަކަށް ވާންޖެހޭ.

- ޖިނާއީ ކުށެއް ސާބިތުވެ 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައިނުވުން.

- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއްކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ނުވާ މީހެއް ކަމުގައިވުން

މަޖިލީހުގެ މިހާރުގެ ގޮނޑީގެ އަދަދަކީ 87 އެވެ. އެކަމަކު، މިފަހަރު ހަ ދާއިރާއެއް މަޖިލީހަށް އިތުރުވެފައިވެ އެވެ.

އިތުރުވި ދާއިރާތައް

1. ހުޅުމާލެ މެދު ދާއިރާ

2. ހުޅުމާލެ އުތުރު ދާއިރާ

3. ހިތާދޫ ދާއިރާ (ބ. ހިތާދޫ، މާޅޮސް، ދަރަވަންދޫ)

4. ހުރާ ދާއިރާ (ކ. ހުރާ، ހިންމަފުށީ، ގުޅީ)

5. ކޮލަމާފުށީ ދާއިރާ (ގއ. ކޮލަމާފުށީ، ދެއްވަދޫ)

6. ފޭދޫ އުތުރު ދާއިރާ (ސ. ފޭދޫ، މަރަދޫފޭދޫ)

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު އަންނަ މެއި މަހުގެ 28 އަށް ހަމަވާނެ އެވެ.

ގާނޫނު ބުނާ ގޮތުން އޭގެ 120 ދުވަސް ކުރިން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށަން ޖެހެ އެވެ. އެ ތާރީހުތައް ތަރުތީބުކޮށްލުމުން މާޗު 17 ގައި އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށަން ޖެހެ އެވެ. ނަމަވެސް، ރޯދަ މަހާ ދިމާވާތީ އިދިކޮޅު އެމްޑީޕީން ވަނީ ރޯދަ މަހު އިންތިހާބު ބޭއްވުން މަނާކުރުމަށް، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް އިސްލާހު ހުށަހަޅައިފަ އެވެ.