Roadha Mihaaru
ހުރިހާ އިމާމުންނަށް ހާއްސަ ޕްރޮގްރާމް އަންނަމަހު ފަށަނީ

އިމާމުން ތާޒާކުރުމުގެ ހާއްސަ ޕްރޮގްރާމް އިފްތިތާހްކޮށް، ފުރަތަމަ ބުރު އަންނަ މަހު ހުވަދޫގައި ފަށަނީ

30 ޖެނުއަރީ 2024

އިމާމުން ތާޒާކުރުމުގެ ހާއްސަ ޕްރޮގްރާމެއް އިފްތިތާހުކޮށް، އެ ޕްރޮގްރާމްގެ ފުރަތަމަ ބުރު އަންނަ މަހު ގއ. އަދި ގދ. އަތޮޅުގައި ފަށަން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިމާމުން ތާޒާކުރުމުގެ ހާއްސަ ޕްރޮގްރާމެއް އިފްތިތާހުކޮށް، އެ ޕްރޮގްރާމްގެ ފުރަތަމަ ބުރު އަންނަ މަހު ގއ. އަދި ގދ. އަތޮޅުގައި ފަށަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އިފްތިތާހްކުރި ޕްރޮގްރާމްގައި ރާއްޖޭގެ ހުރިހާ އިމާމުން ބައިވެރިކުރާނެ އެވެ.

އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއީ އަލަށް ފަރުމާކޮށްފައިވާ އަދި އިމާމުން ތަމްރީނުކުރުމަށް ކުރިން ހިންގި ޕްރޮގްރާމްތަކުގައި ނުހިމެނޭ ބައެއް މޮޑިއުލްސްތައް ހިމަނައިގެން ފަށާ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމްގައި ނުވަ މާއްދާއެއް ކިޔަވައިދޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

އޭގެ ތެރޭގައި، އަގީދާ އާއި އަހުލާގާއި ތަޖުވީދާއި މުޖުތަމައު ބިނާކުރުމުގައި މިސްކިތުގެ ދައުރާއި އަޅުކަމުގެ ފިގުހާއި ގުރުއާނުގެ ތަފުސީރާއި ހަދީޘާއި އިސްލާމީ ސަގާފަތާއި ދައުވަތު ދިނުމާއި ހުތުބާ ދިނުމުގެ އުސޫލުތަކާ އަދި ގުރުއާނުން އަރަބި ބަސް އުނގެނޭނެ ގޮތް ދަސްކޮށްދިނުމާ ގުޅޭ މާއްދާތައް ހިމެނެ އެވެ.

އިސްލާމިކް މިނިސްޓްރީގެ އިވެންޓެއްގައި މިނިސްޓަރު ޝަހީމް ވާހަކަދައްކަވަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީގެ އިވެންޓެއްގައި މިނިސްޓަރު ޝަހީމް ވާހަކަދައްކަވަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޝަހީމް ވިދާޅުވި ގޮތުގައި، މިއީ 5-6 ދުވަހުގެ ޕްރޮގްރާމަކަށް ވިޔަސް، އިމާމު ކަމުގެ ފައުންޑޭޝަން ކޯހެއްގައި ނުވަތަ ޑިޕްލޮމާ ކޯހެއްގައި ލިބޭ މައުލޫމާތަށް ވުރެ އެތައް ގުނަ ފުރިހަމަ މައުލޫމާތުތަކެއް މި ޕްރޮގްރާމްގެ ތެރެއިން ލިބޭނެ އެވެ.

"މި ޕްރޮގްރާމްގެ ބޭނުމަކީ މިހާރު މިސްކިތްތަކުގެ އިމާމުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަކީ އިލްމީ ގޮތުން ފުދުންތެރި ބަޔަކަށް ހެދުން. ހަމައެކަނި ސެޓްފިކެޓް ލެވެލް ކޯހެއް ހަދައިފައި އިމާމަކަށް ވެގެން ތިބޭ ތިބުމުން ނިމުމަކަށް ގެނައުން. އިލްމީ ގޮތުން ފުންނާބުއުސް މައުލޫމާތު ހުރި، އެކަށީގެންވާ އިލްމުވެރިން މެދުވެރިކޮށް އުނގަންނައިދެވިފައިވާ ޝަހުސިއްޔަތުތަކަށް ހެދުން މި ޕްރޮގްރާމްގެ އަމާޒަކީ،" އޭނާ ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ އަންނަ މަހު ގއ. އަދި ގދ. ގައި ފަށާ މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 77 އިމާމުން ބައިވެރިވާނެ ކަމަށެވެ. އަދި އަމާޒަކީ މި އަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ އިމާމުން މި ޕްރޮގްރާމް ފުރިހަމަކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ އިމާމުން ތަމްރީނުކުރުމަށް ރާއްޖެއިން ބޭރަށް ވެސް ފޮނުވާނެ ކަމަށާއި މާސްޓާސް އާއި ޕީއެޗްޑީ ހަދަން ބޭނުންވާ އިމާމުންނަށް ސްކޮލަޝިޕްގެ ފުރުސަތު ވެސް ދޭން އިސްލާމިކް މިނިސްޓްރީގެ މި އަހަރުގެ އެކްޝަން ޕްލޭންގައި ހިމަނާފައިވާނެ ކަމަށެވެ.