Roadha Mihaaru
4،000ފްލެޓް ދޫކުރުން ކުރިއަށް ގެންދަން ހުއްދަ ދީފި

4،000 ފްލެޓް ދޫކުރުން ކުރިއަށް ގެންދަން އޭސީސީން ހުއްދަ ދީފި

01 ފެބުރުއަރީ 2024

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓުތަކާ ގުޅޭގޮތުން ހުށަހެޅި ޝަކުވާތައް ބަލައި އެ ފްލެޓްތައް ދޫކުރުމުގައި އަމަލުކުރަންވީ ގޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ހަވީރު ނިންމައި ހައުސިން މިނިސްޓްރީ އަށް އަންގައިފި އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓުތަކާ ގުޅޭގޮތުން ހުށަހެޅި ޝަކުވާތައް ބަލައި އެ ފްލެޓްތައް ދޫކުރުމުގައި އަމަލުކުރަންވީ ގޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ހަވީރު ނިންމައި ހައުސިން މިނިސްޓްރީ އަށް އަންގައިފި އެވެ.

އޭސީސީން މިރޭ ބުނީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިއުލާންކުރި ފްލެޓް ދޫކުރުމުގައި ވަކި ކަންތައްތަކަށް ރިއާޔަތް ކުރުމަށް ހައުސިން މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ.

އެއީ އަސާސީ އުސޫލުތަކާއި ޝަރުތުތަކާ އެއްގޮތަށް ޕޮއިންޓް ދީފައިވާ ފޯމުތަކަށް ބަދަލު ނާންނަ ގޮތަށް، މައްސަލަ ހުރި ފޯމުތައް މުރާޖައާ ކުރުމާއި މުރާޖައާ ކުރުމުގައި، އުސޫލުގައި ސީދާ ކަނޑައެޅިގެން ވަކި ގޮތެއް ބަޔާން ނުކުރާ ކަންކަމާ މެދު ގޮތްތައް ކަނޑައެޅުމެވެ. އަދި މުރާޖައާ ކުރުމުގައި ތަފާތެއް ނެތި، އެއް މިންގަނޑަކުން އަމަލުކުރުމަށް ވެސް ހައުސިން މިނިސްޓްރީ އަށް އެންގި ކަމަށް އޭސީސީން ބުންޏެވެ.

އެފްޑީސީގެ 4،000 ފްލެޓް ދޫކުރުމުގައި އަމަލުކުރަންވީ މައިގަނޑު ފަސް ކަމެއް އޭސީސީން ހައުސިން މިނިސްޓްރީ އަށް އެންގީ މިއަދު ހަވީރު ކަމަށް އެނގިފައި ވެ އެވެ.

އޭސީސީން ބުނީ އެ ތަފުސީލުތައް ހާމަކުރާނީ ހައުސިން މިނިސްޓްރީން ކަމަށެވެ. އެ މިނިސްޓްރީން މިރޭ ބުނީ، އޭސީސީގެ ސިޓީ ލިބުނީ މިއަދުގެ ރަސްމީ ގަޑި ނިމި، އޮފީސް ބަންދުކުރި ފަހުން ކަމަށާއި އެހެންވެ، އޭސީސީގެ އެންގުމުގައި ވާ ކަންކަން ބަޔާނަކުން ފަހުން ހާމަކުރާނެ ކަމަށެވެ.

އެފްޑީސީން މިދިޔަ މަހުގެ 23 ގައި ބުނެފައި ވަނީ ހުޅުމާލެ 2 ގައި ހަދަމުން އަންނަ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓާ ގުޅޭ ގޮތުން އޭސީސީ އަށް ހުށަހަޅާފައިވާ މައްސަލަ ނިމޭތާ ތިން ދުވަސް ތެރޭގައި ފްލެޓު އެއްބަސްވުންތަކުގައި ސޮއިކުރަން ފެށޭނެ ކަމަށެވެ.

އެ ކުންފުނިން ސޯޝަލް މީޑިއާގައި އާއްމުކުރި ކުރު ވީޑިއޯއެއްގައި ބުނީ، ފްލެޓްގެ އެއްބަސްވުންތައް ޕްރިންޓުކޮށް ނިންމާފައިވާ ކަމަށެވެ. ލިސްޓުގެ ކަންކަން ނިމޭތާ ތިން ދުވަހުގެ ތެރޭގައި ސޮއިކުރަން ފެށޭނެ ކަމަށް ބުނެ، އެ މަސައްކަތާ ގުޅޭ އިތުރު ތަފްސީލު ދޭނެ ކަމަށް އެ ވީޑިއޯގައި އޭރޔ ބުނެފައި ވެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދުވަސްވަރު އެފްޑީސީން އިމާރާތް ކުރަން ފެށި 4،000 ފްލެޓް ދޫކުރުމާ ގުޅޭ ކަންކަން އޭސީސީން ބަލަން ފެށީ ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓާ މެދު ސުވާލު އުފައްދައި ގިނަ ބަޔަކު އެ ކޮމިޝަނަށް މައްސަލަ ހުށަހެޅުމުންނެވެ. އެއާއެކު، އެ ފްލެޓުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން ނޮވެމްބަރު 15، 2023 ގައި އެ ކޮމިޝަނުން ސަރުކާރަށް އެންގީ އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން، އެންމެ ފުރަތަމަ ކަނޑައެޅީ 4،000 ފްލެޓް މީހުންނެވެ. ތިން ކޮޓަރި ދޭން ހަމަޖައްސާފައިވަނީ 76 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީހުންނަށެވެ. ދެ ކޮޓަރީގެ ފްލެޓު ދޭނީ 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށެވެ.

މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ކުރިން ވިދާޅުވެފައި އޮތީ ކްރައިޓީރިއާއަކަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ. އަދި ކުރީގެ ލިސްޓުގައި އެއްވެސް މައްސަލައެއް ނެތް ނަމަ، ހަމަ އެ ލިސްޓަށް، ފުރަތަމަ 4،000 ފްލެޓު ލިބުނު މީހުންނަށް ލިޔުން ދޭނެ ކަމަށް އޭނާ އޭރު ވިދާޅުވި އެވެ.

ނަމަވެސް އޭސީސީގެ އެންގުމާ އެކު، ހައުސިން މިނިސްޓްރީން ދެން އަމަލުކުރާނެ ގޮތެއް އަދި ނޭނގެ އެވެ.