Roadha Mihaaru
ފްލެޓުގެ ހުރިހާ ކަމެއް ހުއްޓާލަން އޭސީސީން އަންގައިފި

ގިނަ ކަންކަން އުސޫލުން ބޭރުވުމުން، ފްލެޓު ދޫކުރުމުގެ ހުރިހާ ކަމެއް ހުއްޓާލަން އޭސީސީން އަންގައިފި

15 ނޮވެމްބަރ 2023

މި ސަރުކާރުގެ ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ފްލެޓު ދޫކުރުމުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިރޭ އަންގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި ސަރުކާރުގެ ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ފްލެޓު ދޫކުރުމުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިރޭ އަންގައިފި އެވެ.

އެ ކޮމިޝަނުން އެ ގޮތަށް އެންގީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި މިހާރު އިމާރަތްކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ހުށަހެޅި ޝަކުވާތައް ބެލުމަށް ފަހު، އެންމެ ފަހުގެ ނުވަތަ ދާއިމީ ލިސްޓު ހައުސިން މިނިސްޓްރީން މިރޭ އާއްމުކޮށްފައި ވަނިކޮށެވެ.

އެނގިފައިވާ ގޮތުގައި އޭސީސީން ވަނީ އެ ފްލެޓުތައް ދޫކުރުމާ ގުޅޭ ހުރިހާ ކަމެއް ހުއްޓާލަން ހައުސިން މިނިސްޓްރީ އަށް އަންގައިފަ އެވެ. އޭގެ ތެރޭގައި ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުން ވެސް ހިމެނެ އެވެ. އެ ގޮތަށް އެންގީ އޭސީސީން ކަންކަން ބެލުމަށް ފަހު ވަކި ގޮތެއް ކަނޑައަޅަންދެންނެވެ.

އޭސީސީގެ ތަހުގީގަށް ފާހަވެފައި ވަނީ އެނގިފައިވާ ގޮތުގައި، ފްލެޓްތަކަށް ޝަރުތު ހަމަވާ މީހުންތަކެއް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި އެ މީހުންނަށް ޕޮއިންޓް ދިނުމާއި ފޯމުތައް އިވެލުއޭޓް ކުރިއިރު، އުސޫލާ ހިލާފަށް ބައެއް މީހުންނަށް ޕޮއިންޓް ދިނުމެވެ. އޭގެ އިތުރުން ބައެއް މީހުން ހުށަހެޅި މައުލޫމާތުގެ ސައްހަކަން ޔަގީން ކުރެވެން އޮތް ނަމަވެސް އެކަން ނުކުރާކަން އޭސީސީގެ ތަހުގީގަށް ފާހަގަވި ކަމަށް "މިހާރު" އަށް އެނގިފައި ވެ އެވެ.

ފްލެޓު ދޫކުރުމުގެ ހުރިހާ ކަމެއް ހުއްޓާލަން އޭސީސީން އެންގިއިރު، ލިބޭ ފްލެޓު ކަނޑައެޅުމަށް ހައުސިން މިނިސްޓްރީން އަންނަނީ މިރޭ ގުރުއަތު ނަގަން ފަށައިފަ އެވެ. ދައުލަތުގެ މީޑިއާ ކުންފުނިން ހިންގާ ޔެސް ޓީވީން ގުރުއަތު ނަގާ މަންޒަރު ލައިވް ކުރެ އެވެ.

ފްލެޓު ލިބޭ މީހުންގެ ލިސްޓު މީގެ ކުރިން އާއްމުކުރުމުން ވެސް އޭސީސީއަށް ގިނަ މައްސަލަތަކެއް ހުށަހެޅި އެވެ. އެ ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަނުން ވަނީ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި އެ ފްލެޓުތައް ހަވާލުކުރުމާ ގުޅުން ހުރި، ހުރިހާ މަސައްކަތްތަކެއް، ޕޮއިންޓް ދީފައިވާ ގޮތާ މެދު ޝަކުވާ ހުށަހަޅަން އެކަށީގެންވާ މުއްދަތެއް ދީ، އެ ޝަކުވާތަކަށް ބެލުމަށް ފަހު ނޫނީ ކުރިއަށް ނުގެންދަން އަންގައިފަ އެވެ.

ނަމަވެސް ޝަކުވާ ހުށަހަޅަން ދިން ފަސް ދުވަހުގެ ތެރޭގައި 7،000 އަށް ވުރެ ގިނަ ޝަކުވާ ހުށަހެޅި އެވެ. ދާއިމީ ލިސްޓު އާއްމުކޮށްފައި މި ވަނީ ހަތަރު ދުވަަސް ފަހުންނެވެ.

ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން، އެންމެ ފުރަތަމަ ކަނޑައެޅީ 4،000 ފްލެޓް މީހުންނެވެ. ތިން ކޮޓަރި ދޭން ހަމަޖައްސާފައިވަނީ 76 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީހުންނަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓު ދޭނީ 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށެވެ.

ގެދޮރުވެރިޔާ ފްލެޓުތަކުގެ ތިން ކޮޓަރީގެ ފްލެޓެއްގެ އަގަކަށް ކަނޑައަޅާފައިވަނީ މެއިންޓެނަންސް 1000ރ. ގެ ފީއާއެކު 8000ރ. އެވެ. އަދި ދެ ކޮޓަރީގެ އަގަކީ މެއިންޓެނަންސް ފީއާއެކު 6000ރ. އެވެ.