Roadha Mihaaru
މަސްވެރިންނަށް އަދިވެސް 190 މިލިއަން ދޭންޖެހޭ:ޝިޔާމް

މަސްވެރިންނަށް އަދިވެސް 190 މިލިއަން ދޭންޖެހޭ، ސޮވަރިން ގެރެންޓީ ދީގެން ފެސިލިޓީއެއް ހޯދަނީ!

02 ފެބުރުއަރީ 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ 250 މިލިއަނެއްހާ ރުފިޔާ ހުރި ކަމަށާއި އޭގެ ތެރެއިން ބޮޑު ބައެއް ދޫކޮށްފައިވާއިރު އަދިވެސް 190 މިލިއަނެއްހާ ރުފިޔާ ދޭން ޖެހޭ ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ 250 މިލިއަނެއްހާ ރުފިޔާ ހުރި ކަމަށާއި އޭގެ ތެރެއިން ބޮޑު ބައެއް ދޫކޮށްފައިވާއިރު އަދިވެސް 190 މިލިއަނެއްހާ ރުފިޔާ ދޭން ޖެހޭ ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް 276 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ސަރުކާރުން މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށެވެ. އެ ފައިސާ ދޫކުރީ ރައީސްގެ ވަރަށް ބޮޑު އިސްނެންގެވުމާ އެކު އަދި ސަރުކާރުގެ އެހީތެރިކަން ދީގެން މިފްކޯ އިން ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެން ނަމަވެސް ދުވަސްވަރަކީ މަސްވެރިކަން ﷲ ގެ ރަހުމަތުން ރަނގަޅު ދުވަސްކޮޅަކަށް ވެފައި ކޮންމެ ދުވަހެއްގެ ވެސް އިތުރުވާ އަދަދާ އެކު، މަސްވެރިންނަށް ނުދެވި މި ވަގުތަށް 190 މިލިއަނެއްހާ ރުފިޔާ ހުރިކަން ހިސާބުތައް އެބަ ބުނޭ،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރު އަދި މިފްކޯ އިން ގެންދަނީ ރައީސް މުއިއްޒުގެ އެދިވަޑައިގަތުމަކަށް ސޮވަރިން ގެރެންޓީ ދީގެން ވެސް ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް ބާރަށް ކުރަމުންނެވެ.

އާންމު މީހެއްގެ ސުވާލަކަށް ދެއްވި ޖަވާބެއްގައި ރައީސް މުއިއްޒު ވެސް އިއްޔެ ވިދާޅުވީ، ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދީ، ނިންމަވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަން އެބައޮތް ވަރަށް އަވަހަށް ދެވޭނެ ކަމަށް. ހުރިހާ މަސްވެރިންނަށް ދޭން ހުރި ފައިސާ ވަރަށް އަވަހަށް އިރާދުކުރެއްވިއްޔާ ހަވާލު ކުރުމުގެ މަސައްކަތް މި ކުރަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރު ޝިޔާމް މިއަދު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފައިސާ ޗާޕުކުރުމާއި "މާލީ ޑިސިޕްލިން" ގެންގުޅުނު ގޮތުން އެތެރެއިން އަދި ބޭރުން ވެސް ފެސިލިޓީއެއް ހޯދުމުގައި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އެކަމަކު ވެސް އޭނާ ދެއްވި ޔަގީން ކަމަކީ މިހާރު ހުރި ބެކްލޮގް އަވަހަށް އެއްކޮށް ފިލުވާލައި، ސަރުކާރުން ބަރާބަރަށް މަސްވެރިންނަށް ފައިސާ ދޭނެ ކަމެވެ.

"އަދި މަސްވެރި ސިނާއަތުގައި ހުރި އެހެން ގޮންޖެހުންތައް ވެސް ހައްލުވެ، މި ސަރުކާރުގެ މަސްވެރި މެނިފެސްޓޯ ބަރާބަރަށް ތަންފީޒުވެ، މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުވެގެން ދިއުން. ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ކަންކަން ހައްލު ކުރައްވަން އެންމެ ކުރިއަށް ނުކުންނަވާ،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ލިބުން ލަސްވެ، އެ އާއިލާތަކުގެ ޒަރޫރީ ބޭނުންތައް ނުފުއްދި، ކުލި ނުދެއްކި، ޔުޓިލިޓީ ބިލްތަކަށް ފައިސާ ނުދެއްކި، ދަރިންގެ ޓިއުޝަން ފީ ނުދެއްކި، ލޯނުތައް އަދާނުކުރެވި ދުވަސްތައް ގުނަން ޖެހުމަކީ އެއްވެސް ފަރުދަކަށް އަދި އާއިލާއަކަށް ފަސޭހަ ކަމެއް ނޫނެވެ.