Roadha Mihaaru
އެމްޑީޕީގެ މިހާރުގެ ގިނަ މެމްބަރުން ޓިކެޓު ހޯދައިފި

އެމްޑީޕީގެ މިހާރުގެ ގިނަ މެމްބަރުން ޓިކެޓް ކާމިޔާބު ކުރައްވައިފި

03 ފެބުރުއަރީ 2024

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އިދިކޮޅު އެމްޑީޕީން ވާދަކުރާނެ މެމްބަރުން ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީގައި މިހާރު ވެސް މަޖިލީހުގައި އެ ޕާޓީ ތަމްސީލުކުރައްވަމުން ގެންދަވާ ގިނަ މެމްބަރުންތަކެއް އާ ދައުރަށް އެ ޕާޓީގެ ޓިކެޓް ކަށަވަރުކުރައްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އިދިކޮޅު އެމްޑީޕީން ވާދަކުރާނެ މެމްބަރުން ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީގައި މިހާރު ވެސް މަޖިލީހުގައި އެ ޕާޓީ ތަމްސީލުކުރައްވަމުން ގެންދަވާ ގިނަ މެމްބަރުންތަކެއް އާ ދައުރަށް އެ ޕާޓީގެ ޓިކެޓް ކަށަވަރުކުރައްވައިފި އެވެ.

މާޗު މަހުގެ 17 ގައި ބާއްވާ މަޖިލިސް އިންތިހާބުގައި އެމްޑީޕީން މަޖިލީހުގެ 93 ދާއިރާއަކަށް ވާދަކުރާއިރު ޕްރައިމަރީ ބޭއްވީ 40 ދާއިރާއެއްގެ އެވެ. އޭދަފުއްޓާއި ނިލަންދޫ ދާއިރާ ފިޔަވައި އެހެން ދާއިރާތަކަށް ކުރިމަތިލީ އެންމެ ކެންޑިޑޭޓެކެވެ. އަނެއް ދެ ދާއިރާއަށް އެއްވެސް ކެންޑިޑޭޓަކު ވާދައެއް ނުކުރެ އެވެ.

ޕްރައިމަރީ ބޭއްވި ދާއިރާތަކުން ވެސް މިހާރު މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރަމުން އަންނަ ގިނަ މެމްބަރުންނަށް ވަނީ ޓިކެޓް ކަށަވަރުކުރެއްވިފަ އެވެ. އޭގެ ތެރޭގައި މިހާރު ވެސް ވިލިނގިލީ ދާއިރާގެ މެމްބަރު ކަމުގައި ހުންނެވި ސައުދު ހުސެއިންނާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގައްފޫރު މޫސާ އާއި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ހިމެނިވަޑައިގަންނަވަ އެވެ. އަދި ކާށިދޫ ދާއިރާގެ މެމްބަރުކަމުގައި މިހާރު ވެސް ހުންނެވި އަބްދުﷲ ޖާބިރު ވަނީ އެ ދާއިރާގެ އެމްޑީޕީގެ ޓިކެޓު ހޯއްދަވައިފަ އެވެ.

އެ ޕްރައިމަރީގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޓިކެޓް ކަށަވަރުކުރެއްވީ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަލީ ވަހީދެވެ. އަދި ރިޔާސީ އިންތިހާބުގައި އުމަރު ނަސީރުގެ ރަނިންމޭޓެއްގެ ގޮތުގައި އުޅުއްވުމަށް ފަހު މިފަހުން އެމްޑީޕީއާ ގުޅިވަޑައިގަތް އަހުމަދު ސަލީމް (މާޒް ސަލީމް) ވެސް ވަނީ މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށް ޓިކެޓް ކަށަވަރުކުރައްވައިފަ އެވެ.

ކުރިން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އަހުމަދު މަހްލޫފުގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) ވެސް ވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ ޓިކެޓް ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފަ އެވެ. އަދި މިދިޔަ ސަރުކާރުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވި މޫސާ އަލި މަނިކު (މޫކޭ) ވެސް ހުޅުމާލޭ އުތުރު ދާއިރާގެ ޓިކެޓް ކަށަވަރުކުރައްވައިފަ އެވެ.

ޕްރައިމަރީގައި މިހާރު ވެސް އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި މަޖިލީހުގައި ތިއްބެވި ގިނަ ބޭފުޅުންތަކެއް ޓިކެޓް ކަށަވަރުކުރެއްވިއިރު އެ ޕްރައިމަރީގައި އައްޑޫ ފޭދޫ ދާއިރާއަށް ކުރިމަތިލި އަދި މިހާރު ވެސް މީދޫ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ރޮޒައިނާ އާދަމަށް ޓިކެޓް ވަނީ ގެއްލިފަ އެވެ.