Roadha Mihaaru
ހީނާ ކަޓުވާލައި އެމްޑީޕީގެ ޓިކެޓު މާޒް ސަލީމަށް

ހީނާ ކަޓުވާލައި އެމްޑީޕީގެ ޓިކެޓު ހޯއްދެވީ މާޒް ސަލީމް

03 ފެބުރުއަރީ 2024

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅަން މިއަދު ބޭއްވި ޕްރައިމަރީގައި ހެންވޭރު ހުޅަނގު ދާއިރާގެ ޓިކެޓް އަހުމަދު ސަލީމް (މާޒް ސަލީމް) ކަށަވަރުކުރައްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅަން މިއަދު ބޭއްވި ޕްރައިމަރީގައި ހެންވޭރު ހުޅަނގު ދާއިރާގެ ޓިކެޓް އަހުމަދު ސަލީމް (މާޒް ސަލީމް) ކަށަވަރުކުރައްވައިފި އެވެ.

މީގެ ފަސްވަރަކަށް މަސް ކުރިން އެމްޑީޕީއާ ގުޅިވަޑައިގެންނެވި މާޒް ސަލީމް ހެންވޭރު ހުޅަނގު ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ އެ ޕާޓީގައި ގިނަ ދުވަސްތަކެއްވީ އެއް މެމްބަރު އަދި އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގައި ސްޕޯޓްސް ކޮމިޝަނަރުކަން ވެސް ކުރެއްވި ހީނާ އަހުމަދު ސަލީމް (ބޮޑު ހީނާ) ބަލިކުރައްވައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި މާޒް ސަލީމަކީ އެ ސަރުކާރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ވަރަށް އަރިސް ބޭފުޅެކެވެ. މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާ ހަމައަށް ވެސް މާޒް ސަލީމް ހުންނެވީ އުމަރުގެ އަރިހުގަ އެވެ. އެ އިންތިހާބުގައި އެއީ އުމަރުގެ ރަނިންމޭޓެވެ.

އެކަމަކު، އެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އުމަރު ފެއިލްވުމާ އެކު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މާޒް ސަލީމް ގުޅިވަޑައިގަތީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނާ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އުމަރާއި މާޒް ސަލީމަށް 6،000 ވޯޓު ލިބިވަޑައިގަތެވެ. އެއީ 8 ކެންޑިޑޭޓުން ވާދަކުރެއްވި އެ އިންތިހާބުގެ ފުރަތަމަ ބުރުގައި ހަތަރު ވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވި ކެންޑިޑޭޓެވެ.

އެމްޑީޕީގައި ގިނަ ދުވަސްވީ އެއް މެމްބަރު އަދި އެ ޕާޓީގެ އެންމެ ފަހުގެ ސަރުކާރުގައި ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް: އެމްޑީޕީގެ މިއަދުގެ ޕްރައިމަރީގައި ހީނާގެ މައްޗަށް ކާމިޔާބު ހޯއްދެވީ ދާދި ފަހުން އެ ޕާޓީއާ ގުޅިވަޑައިގެންނެވި މާޒް ސަލީމް.--- ފޮޓޯ: އިމޭޖަސް އެމްވީ

އެމްޑީޕީގެ މިއަދުގެ ޕްރައިމަރީގައި ހެންވޭރު ހުޅަނގު ދާއިރާގެ ޓިކެޓް މާޒް ސަލީމް ކަށަވަރު ކުރެއްވީ 61 ވޯޓުންނެވެ. ބޮޑުހީނާ އަށް ހޯއްދެވުނީ 42 ވޯޓެވެ. ދެން ވާދަކުރެއްވި ހުސެއިން ޝާކިރަށް ލިބުނީ އެންމެ 11 ވޯޓެވެ.

މިއަދު ބޭއްވި ޕްރައިމަރީގައި މިހާރު ވެސް މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވަމުން ގެންދަވާ ގިނަ މެމްބަރުންތަކެއް އާ ދައުރަށް އެ ޕާޓީގެ ޓިކެޓް ވަނީ ކަށަވަރު ކުރައްވައިފަ އެވެ.

އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި މާލޭގައި ވޯޓުލުން ކުރިއަށް ދަނީ: ޕްރައިމަރީ ބާއްވާ 40 ދާއިރާއަށް 25،325 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނު.--- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު

އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި މާލޭގައި ވޯޓުލުން ކުރިއަށް ދަނީ: ޕްރައިމަރީ ބާއްވާ 40 ދާއިރާއަށް 25،325 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނު.--- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު

ޕްރައިމަރީގައި ޓިކެޓް ކަށަވަރު ކުރެއްވި މިހާރުގެ މެމްބަރުން:

- ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން.

- ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް)

- ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣައްފޫރު މޫސާ

- ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު

- ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

- އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ)

- ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު

- މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން

ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިވި މެމްބަރުންގެ ތެރޭގައި ފޭދޫ އުތުރު ދާއިރާ އަށް ވާދަކުރެއްވި މިހާރު އައްޑޫ މީދޫގެ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ހިމެނިވަޑައިގަންނަވަ އެވެ.

ފޭދޫ އުތުރު ދާއިރާގެ ޓިކެޓު ކަށަވަރުކުރެއްވީ 251 ވޯޓުން އަހުމަދު ޝަރީފު (ޑުންގާ) އެވެ. ކެލާ ދާއިރާގެ މިހާރުގެ މެމްބަރު ޝަރީފު ކަޓުވާލައި އެމްޑީޕީގެ އެ ދާއިރާގެ ޓިކެޓް މި ފަހަރު ކަށަވަރު ކުރެއްވީ އަހުމަދު ގާލިބެވެ. އޭނާ 165 ވޯޓު ހޯއްދެވި އެވެ.

ގާލިބަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެކެވެ. ރައީސް މުއިއްޒާ ކުރިން ވަރަށް ގާތުން މަސައްކަތް ކުރެއްވި ނަމަވެސް ގާލިބް ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ޕީޕީއެމުން ވަކިވެ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.