Roadha Mihaaru
ހުޅުމާލޭގެ ގޮނޑިތައް ދެއްވަދޫގެ އެއް އާއިލާއަށް

ހުޅުމާލޭގެ ގޮނޑިތައް ކާމިޔާބުކޮށް ދެއްވަދޫ ވާރެ އާއިލާ އުފަލުން!

22 އެޕްރީލް 2024

ހުޅުމާލޭގެ ތިން ދާއިރާގެ ގޮނޑި ވެސް، ގއ. ދެއްވަދޫގެ އެއް އާއިލާއެއްގެ ތިން ބޭފުޅުން ހޯއްދަވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގެ ތިން ދާއިރާގެ ގޮނޑި ވެސް، ގއ. ދެއްވަދޫގެ އެއް އާއިލާއެއްގެ ތިން ބޭފުޅުން ހޯއްދަވައިފި އެވެ.

އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާގެ ގޮނޑިއަށް ހަ ބޭފުޅުން ވާދަކުރެއްވި އެވެ. އޭގެ ތެރެއިން، 1،059 ވޯޓާއެކު އެ ގޮނޑި ހޯއްދެވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ޓްރާންސްޕޯޓު މިނިސްޓަރުކަން ކުރެއްވި ޑރ. އަހުމަދު ޝަމްހީދެވެ.

އެމްޑީޕީގެ ޓިކެޓުގައި ގޮނޑި ހޯއްދެވި ޝަމްހީދުއާ އެންމެ ކައިރިން ވާދަކުރެއްވީ ޕީއެންސީގެ ޝަނީޒް ހާޝިމް (ޝާންކޮ) އެވެ. އެއީ 741 ވޯޓެވެ.

ހުޅުމާލެ މެދު ދާއިރާ އަށް ވެސް ހަ ކެންޑިޑޭޓުން ވާދަކުރެއްވިއިރު، 1،728 ވޯޓާއެކު ކުރިއަށް އޮތް ފަސް އަހަރަށް އެ ގޮނޑި ތަމްސީލުކުރަން ހޮވާފައިވަނީ ޕީއެންސީގެ އަބްދުﷲ ޝަޒީމެވެ. އޭނާއަކީ، ޝަމްހީދުގެ އެއްބަފާ ކޮއްކޮގެ ފިރިކަލުންނެވެ.

ހުޅުމާލެ އުތުރު ގޮނޑިއަށް ފަސް ކެންޑިޑޭޓުން ވާދަކުރެއްވި އެވެ. ހުސެއިން ޝަރީފް (ހުސެންބެ) އެ ގޮނޑި ހޯއްދެވީ 1،312 ވޯޓުންނެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރެއްވި އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) އަށް 813 ވޯޓު ލިބިވަޑައިގަތެވެ.

ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ހުސެންބެއަކީ ޝަމްހީދުގެ ބޮޑުބޭބެ އެވެ.

ހުޅުމާލޭގެ ގޮނޑިތަކުގެ އިތުރުން ގެމަނަފުށި ދާއިރާ ކާމިޔާބުކުރެއްވި އަސަދުﷲ ޝިހާބަކީ ވެސް ޝަމްހީދުގެ ދެބެންގެ ދެ ދަރި ބޭފުޅެކެވެ. މި ހުރިހާ ބޭފުޅުން ވެސް ނިސްބަތް ވަނީ ދެއްވަދޫ ވާރެގެ އަށެވެ.