Roadha Mihaaru
ލަންކާއަށް ފޭކް ބޭސް ގަތް ވަޒީރު ހައްޔަރުކޮށްފި

ހޮސްޕިޓަލްތަކަށް ފޭކް ބޭސް ގަތް މައްސަލައިގައި ލަންކާގެ ވަޒީރަކު ހައްޔަރުކޮށްފި

04 ފެބުރުއަރީ 2024

ސްރީ ލަންކާ ސަރުކާރުގެ ހޮސްޕިޓަލްތަކަށް ފޭކް ބޭސް ގަތް މައްސަލައެއްގައި އެ ގައުމުގެ ކުރީގެ ހެލްތު މިނިސްޓަރު އަދި މިހާރު އެންވަޔަރްމަންޓް މިނިސްޓަރުކަމުގައި ހުންނެވި ކެހެލިޔާ ރަމްބުކްވެއްލާ އިއްޔެ ހައްޔަރުކޮށްފި އެވެ.

ސްރީ ލަންކާ ސަރުކާރުގެ ހޮސްޕިޓަލްތަކަށް ފޭކް ބޭސް ގަތް މައްސަލައެއްގައި އެ ގައުމުގެ ކުރީގެ ހެލްތު މިނިސްޓަރު އަދި މިހާރު އެންވަޔަރްމަންޓް މިނިސްޓަރުކަމުގައި ހުންނެވި ކެހެލިޔާ ރަމްބުކްވެއްލާ އިއްޔެ ހައްޔަރުކޮށްފި އެވެ.

ރަމްބުކްވެއްލާ ހައްޔަރުކޮށް މި މަހުގެ 15 އާ ހަމައަށް ތަހުގީގަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރީ ފުރާނައަށް ނުރައްކާވާ ހާލަތްތަކުގައި ބޭނުންކުރާ މުހިންމު ބޭހެއް ސަރުކާރުގެ ހޮސްޕިޓަލްތަކަށް ގަތް އިރު އޭގެ ފޭކް ބޭސް ގަތް ކަމަށް ބުނާ މައްސަލައިގަ އެވެ. އޭނާ ހެލްތު މިނިސްޓަރުކަމުގައި ހުންނެވި އިރު މި ބޭސްތަކުގެ ފޭކް ގަތުމަށް 144 މިލިއަން ރުޕީސް (465،000 ޑޮލަރު) ހޭދަކޮށްފައިވެ އެވެ.

ލަންކާ ފުލުހުން ކޯޓުގައި ބުނީ ހެލްތު މިނިސްޓްރީން ގަންނަން ބޭނުންވީ، ދިފާއީ ނިޒާމު ހަލާކުވެފައިވާ މީހުންނަށް އިންޖެކްޝަންގެ ގޮތުގައި ދޭ އެންޓިބޮޑީ އިމިއުނޮގްލޮބުލިންގެ ސްޓޮކެއް ކަމަށެވެ. އެކަމަކު މިނިސްޓްރީން މި ގަތުމުގެ ނަމުގައި ފައިސާ ދެއްކި ސްޓޮކްގައި ގިނައިން ހުރީ ފެން ކަމަށް ފަހުން ވަނީ އެނގިފަ އެވެ.

"މި ބޭސް ހޮސްޕިޓަލްތަކަށް ދޫކޮށްފައިވަނީ ޖުލައި އާއި ސެޕްޓެމްބަރުމަހާ ދެމެދު. މިއާ މެދު ޝައްކުވެގެން ޓެސްޓުތައް ހެދީ އެ ބޭނުންކުރި މީހުންގެ ކިބައިން އާދަޔާ ހިލާފް ކަންތައްތަކެއް ފާހަގަވުމުން،" މައްސަލައިގެ ތަހުގީގުގައި ބައިވެރިވާ ބޭފުޅަކު އޭއެފްޕީ އަށް ވިދާޅުވި އެވެ.

މި ބޭނުންކުރުމުގެ ސަބަބުން މީހަކު މަރުވި ކަމުގެ މައުލޫމާތެއް ނެތެވެ.

ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ރަމްބުކްވެއްލާއާ ސުވާލުކުރަން ފެށީ މިދިޔަ ހުކުރު ދުވަހު އެވެ. އަދި ފަހުން ކޯޓަށް ގެންދިއުމުން ބަންދުގެ މުއްދަތު އިތުރުކޮށްދިނީ އެވެ.

މި މައްސަލައިގައި ހެލްތު މިނިސްޓްރީގެ އެކި ފެންވަރުގެ އެތައް މުވައްޒަފުންނެއް ކުރިން ވަނީ ހައްޔަރުކޮށްފަ އެވެ.

ހެލްތު މިނިސްޓްރީއަށް މި ބޭސް ސަޕްލައިކުރި ކުންފުންޏަށް 960 މިލިއަން ރުޕީސް (3.1 މިލިއަން ޑޮލަރު) ވަނީ ދޫކޮށްފަ އެވެ. އެކަމަކު ބޭހުގެ ކޮލިޓީއާ މެދު ޝައްކުވާން ފެށުމުން ބާކީ ފައިސާ ނުދީ އޮތީ ހިފަހައްޓައިފަ އެވެ. ބޭސް ވިއްކި ކުންފުނީގެ ވެރިޔާ ވެސް މިހާރު ހުރީ ހައްޔަރުކޮށްފަ އެވެ.

ލަންކާ 2022 ވަނަ އަހަރުގެ އޭޕްރީލް މަހު 46 ބިލިއަން ޑޮލަރުން ދަރައި، ބަނގުރޫޓުވި ވަގުތު ބޭހުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވި އެވެ. އެންމެ މުހިންމުވި ބޭސްތައް އެ ވަގުތު ހޯދައިދިނީ އިންޑިއާ އިން ދިން ކްރެޑިޓް ލައިނަކާއި ވޯލްޑު ބޭންކުންގެ އެހީގަ އެވެ. --އޭއެފްޕީ