Roadha Mihaaru
"މާދަމާ އިއްވާނީ އެންމެ ވިޝަނަރީ ރިޔާސީ ބަޔާން"

ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން: އެންމެ ވިޝަނަރީ ގައުމީ ތަސައްވުރުތައް ހާމަކުރައްވާނެ: ރައީސް އޮފީސް

04 ފެބުރުއަރީ 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިހަށް މާދަމާ އިއްވަވާ ރިޔާސީ ބަޔާނުގައި ހިމެނޭނީ، އެންމެންގެ ބައިވެރިވުން އެންމެ ބޮޑު އަދި އެންމެ ވިޝަނަރީ ގައުމީ ތަސައްވުރުތައް ކަމަށް ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިހަށް މާދަމާ އިއްވަވާ ރިޔާސީ ބަޔާނުގައި ހިމެނޭނީ، އެންމެންގެ ބައިވެރިވުން އެންމެ ބޮޑު އަދި އެންމެ ވިޝަނަރީ ގައުމީ ތަސައްވުރުތައް ކަމަށް ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

"ދިވެހިރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ދިވެހި ގައުމުގެ އެންމެ މަތީ ވެރިއަކު ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް ހުށަހަޅުއްވަވާ އެންމެ ޝާމިލް އެންމެ ވިޝަނަރީ ގައުމީ ތަސައްވުރުތައް މި ރިޔާސީ ބަޔާނުގައި ހާމަކުރައްވާނެ،" ހަލީލް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަށް ރައީސް ޑރ. މުއިއްޒު ރިޔާސީ ބަޔާން އިއްވަވާނީ މާދަމާ ހެނދުނު 9 ޖަހާއިރު އެވެ. އެއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވި ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން ވެސް މެ އެވެ.

ހަލީލް ވިދާޅުވީ، މާދަމާގެ ރިޔާސީ ބަޔާނުގައި ދިވެހިންނަށާއި ގައުމަށް އުންމީދީ އަދި މުހިންމު ކަންތައްތަކެއް ރައީސް ހާމަކުރައްވާނެ ކަމަށެވެ.

ގާނޫނުއަސާސީގައި ވާ ގޮތުން ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލިހަށް އިއްވަން ޖެހެ އެވެ.

ރައީސް ޑރ. މުއިއްޒު ނިންމަވާފައި ވަނީ ރިޔާސީ ބަޔާން އިއްވާ ދުވަސް ސަރުކާރު ބަންދު ނުކުރާ ގޮތަށެވެ.