Roadha Mihaaru
ބާރުގެ ވަރު ދައްކައިގެން ލިބޭނެ މޮޅެއް ނެތް: އަސްލަމް

ބާރުގެ ހުރި ވަރު ދައްކައިގެން ލިބޭނެ މޮޅެއް ނެތް: އަސްލަމް

05 ފެބުރުއަރީ 2024

ދައުލަތުގެ އެއްބާރުން އަނެއްބާރަށް، ބާރުގެ ހުރި ވަރު ދައްކައިގެން ލިބޭނެ މޮޅެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ދައުލަތުގެ އެއްބާރުން އަނެއްބާރަށް، ބާރުގެ ހުރި ވަރު ދައްކައިގެން ލިބޭނެ މޮޅެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވީ ތިން މިނިސްޓަރަކަށް ރުހުން ނުދިނުމަށް މަޖިލީހުން ނިންމާފައި ވަނިކޮށް އެ މިނިސްޓަރުން އަލުން އެ މަގާމްތަކަށް އައްޔަންކުރަން ސަރުކާރުން ނިންމާފައި ވަނިކޮށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވެވުމަށް ފަހު އަސްލަމް ވިދާޅުވީ ގާނޫނުއަސާސީން ތިން ބާރު ވަކިކޮށް ގާއިމް ކޮށްފައިވާ އިރު އެއްބާރު އަނެއް ބާރަކަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށެވެ.

ކޮންމެ ބާރަކުން ވެސް އެ ބާރަކަށް ކަނޑައެޅިފައިވާ ތަރަހައިގައި ގާނޫނުއަސާސީ އާއި ގާނޫނީ ހަމަތަކުން ނިންމާ ނިންމުންތަކަށް އެހެން ބާރުތަކުން އިހްތިރާމްކުރަން ޖެހޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ އެކަން އެގޮތަށް ނުކުރާ ނަމަ ދައުލަތުގެ ހަމަ ގެއްލިދާނެ ކަމަށެވެ. އަދި އެއީ ދައުލަތަށް ހެވަކަށް ވާނެ ކަމެއް ވެސް ނޫން ކަމަށް ވިދާޅުވި އެވެ.

"މި ދިވެހި ދައުލަތުގެ އެއްބާރުން އަނެއްބާރަށް، ބާރުގެ ހުރި ވަރު ދައްކައިގެން ލިބޭނެ ހެވެއް މޮޅެއް ނެތް. މިކަމަށް ދައުލަތުގެ އެންމެހާ ފަރާތްތަކާއި ސިޔާސީ ޕާޓީތަކާއި މަޖިލީހުގެ މެންބަރުން ވިސްނާ ވަޑައިގައިތުމަށް ދަންނަވަން." އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުން ރުހުން ނުދޭން ފާސްކޮށްފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަށެވެ.

އެ ތިން މިނިސްޓަރުން ވެސް މިއަދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތެވެ.